ލައިފްސްޓައިލް

ބޯޓު ވެއްޓުނުއިރު އިންޑިޔާ މީހަކު އިނީ ފޭސްބުކް ލައިވް ކޮށްގެން

ނޭޕާލްގެ ޔަޓީ އެއާލައިންސްގެ މަތިންދާބޯޓެއް މިދިޔަ އާދިއްތަ ދުވަހު ވެއްޓި އޭގެން ދަތުރުކުރި 72 މީހުން މަރުވެފައިވެ އެވެ. މަރުވި މީހުންގެ ތެރޭގައި އިންޑިޔާ ފަސް މީހަކު ހިމެނެ އެވެ. މިއީ އެކުގައި ދަތުރުކުރި އެކުވެރިން ތަކެކެވެ. ބޯޓު ވެއްޓުނީ ޖައްސަން ކުޑަ އިރުކޮޅަކަށް ވެފައި އޮއްވާ ކަމުން އޭގެ ތެރެއިން އެކަކު ގެންދިޔައީ ބޯޓު ޖައްސާ މަންޒަރު ފޭސްބުކްގައި ލައިވް ކުރަމުންނެވެ. ބޯޓު ތެރޭގައި ތިބި މީހުންނާއި ބޭރުގެ މަންޒަރުތައް އަދި ބޯޓު ވެއްޓުނު ވަގުތު ކަން ހިނގާ ދިޔަ ގޮތާއި އިވުނު އަޑުތައް ވެސް މި މީހާގެ ރެކޯޑިންގައި ފެނެ އެވެ.

މި ވީޑިއޯ ރެކޯޑްކުރީ ސޯނޫ ޖައިސްވާލް ކިޔާ މީހެކެވެ. އޭނާ އަކީ އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ގާޒީއާބާދަށް ނިސްބަތްވާ މީހެކެވެ. ބޯޓު ވެއްޓުނު ހާދިސާގައި ސޯނޫ އާއި އޭނާގެ ހުރިހާ އެކުވެރިން މަރުވެފައިވާއިރު އެމީހުންގެ ހަޔާތުގެ އެންމެ ފަހު ސިކުންތުކޮޅަށް ދަންދެން ސޯނޫގެ ވީޑިއޯ ރެކޯޑިންގައި ފެނެ އެވެ.

މި ވީޑިއޯގައި ފެންނަނީ ސޯނޫ ވަރަށް ހަމަޖެހިލައިގެން ހެވިފައި އިނދެ އޭނާގެ ފޯނުން ބޯޓު ތެރެއާއި ބޯޓުން ބޭރުގެ މަންޒަރުތައް ރެކޯޑް ކުރާ ތަނެވެ. ކުއްލިއަކަށް މުޅި މަންޒަރު ބަދަލުވެ އޭނާ އާއި އެހެން ފަސިންޖަރުންތައް ހަޅޭއްލަވާ ރޮއިގަންނަ އަޑު އިވެ އެވެ. އަދި ބޯޓުގައި އަލިފާން ރޯވެފައިވާ މަންޒަރާއެކު ވީޑީއޯ ނިވެ އެވެ.

މި ވީޑީއޯ ބަލާފައި ބައެއް މީހުންނަށް ވަރަށް އަސަރުކޮށްގެން ކޮމެންޓްތައް ކުރި އެވެ. އެތަނުން އެކަކު ބުނީ މިފަދަ މަންޒަރެއް އޭނާއަށް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ. ބައެއްގެ ހަޔާތުގެ އެންމެ ފަހު ސިކުންތުކޮޅު ފެނުމުން ހިތަށް ބުނަން ނޭނގޭ ކަހަލަ އަސަރުތަކެއް ކޮށްފި ކަމަށެވެ.

"އެއްވެސް ފަސިންޖަރަކަށް ރޭކައެއް ނުލާ މިވާން އުޅޭ ކަމެއް. ކުއްލިއަކަށް ހުރިހާ ކަމެއް ދިމާވީ. އެންމެންވެސް އޭގެ ކުރިން ތިބީ ވަރަށް ހަމަޖެހިލައިގެން،" ކޮމެންޓްކުރި މީހަކު ބުންޏެވެ.

އިއްޔެ ހިނގި މި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއަކީ ފާއިތުވީ 30 އަހަރު ތެރޭގައި އެ ގައުމުގައި ހިނގި އެންމެ ބޮޑު މިފަދަ ހާދިސާ އެވެ. ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ މަތިންދާބޯޓެއް 1992ގައި އެގައުމަށް ވެއްޓިފައި ވެއެވެ. އެ ފަހަރު އޭގެން ދަތުރުކުރި 167 މީހުން މަރުވި އެވެ.