ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއަކާއި ގއ. ގެމަނަފުށީގައި އައިސްޕްލާންޓެއް ގާއިމުކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި މިފްކޯގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން މިރޭ ހދ. ހަނިމާދޫގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިއަށްގެންދާ 23 މިލިއަން ޑޮލަރުގެ މަޝްރޫއު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ރައިނެކް އިންޑިއާ ލިމިޓެޑަށެވެ.
ފެލިވަރުގައި ގާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް
މި މަޝްރޫއުގެ ދަށުން ފެލިވަރުގައި ގާއިމުކުރަނީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މިއީ ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ.
މި މަޝްރޫއުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓާ ސިސްޓަމެއް ވެސް ގާއިމުކުރެވޭނެ އެވެ.
މި ވަސީލަތްތައް ގާއިމުކުރާނީ ސަރުކާރުން ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގެ ސަރަޙައްދެއްގަ އެވެ. މި ސަރަހައްދުގައި އެކްސްޕޯޓް ޖެޓީއަކާއި، މަސްކިރާ ޖެޓީއެއްގެ އިތުރުން ފެލިވަރުގެ އާއްމު ބޭނުންތަކަށް ބޭނުންވާ ޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުންނެވެ.
މީގެ އިތުރުން ފެލިވަރުގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓަރީއެއް ގާއިމުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ. މި މަޝްރޫއުގެ ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއްވެސް ފެލިވަރުގައި ގާއިމުކުރެވިގެންދާނެ އެވެ.
ގެމަނަފުށި އައިސް ޕަލާންޓް
ގއ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރެވޭނެ އެވެ.
މި މަޝްރޫއުގެ ސަބަބުން މިފްކޯގެ ސްޓޯރޭޖް އަދި ފްރީޒިން ކެޕޭސިޓީ އެތައް ތަނެއް އިތުރުވެގެންދާނެ އެވެ. އަދި މަސްވެރިން ބާނާ މަސް ކިރުމުގައި ކުރިމަތިވަމުން އަންނަ ދަތިތަކަށްވެސް ހައްލެއް ލިބިގެންދާނެ އެވެ.
މިފްކޯއިން ބުނާ ގޮތުގައި މި މަޝްރޫއުތަކާއި އެކު އެ ކުންފުނިން ގަންނަ މަހުގެ ބޮޑު ބައެއް ވެލިޔު އެޑްކޮށްގެން އެކްސްޕޯޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އަދި މަސްވެރިން ކިރާ މަހަށް ލިބޭ އަގު މަތިވެ، މަސްވެރިންނަށާއި މިފްކޯއަށް ލިބޭ އާމްދާނީ އެތައް ގުނައެއް އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.