ފެލިވަރު

ރައީސް ސޯލިހް ފެލިވަރަށް ވަޑައިގެންފި

Feb 19, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެލިވަރަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިއަދު ފެލިވަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިފްކޯގެ އިސްވެރިންނާއި އެމްޓީސީސީގެ ވެރިންނާއި ފެލިވަރުގެ މުވައްޒަފުންނެވެ.

ފެލިވަރަށް ވަޑައިގެން ރައީސް ވަނީ މަސްވެރިންނަށް ފަސޭހަކޮށްދިނުމަށް އަދި މަސްވެރިން ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ކުރާ މަސައްކަތްތަކާއި މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތް ބައްލަވާލައްވާ ކަމާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

ރައީސް ސޯލިހް ފެލިވަރަށް ވަޑައިގެންނެވިއިރު ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް އެމަނިކުފާނުގެ އަރިހުގައި ފެލިވަރަށް ވަޑައިގެންނެވި އެވެ.

ފެލިވަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސިން ގެންދަނީ ފެލިވަރުން ފަސް ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ހިއްކާ ބިމުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމްކޮށް، މަސް ކިރަން ވަންނަ ބޯޓުތަކަށް ވަދެވޭ ގޮތަށް 750 ފޫޓުގެ ދިގު އަދި 5.5 މީޓަރުގެ ފުން ބަނދަރަކާއި، މިފްކޯގެ އާންމު ބޭނުންތަކަށް 1100 ފޫޓު، 3.5 މީޓަރުގެ ފުން ބަނދަރެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ފެލިވަރު ބިން ހިއްކުމުގެ މަޝްރޫއު މާޗު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިފްކޯ އިން ލަފާކުރެ އެވެ.

ރައީސް ސޯލިހް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އެންމެ ފުރަތަމަ ވަޑައިގަތީ މަޑިވަރަށެވެ. އެ ރަށުގައި ކުރެއްދޫ ހޯލްޑިންގްސް ތަރައްގީކޮށް، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ހިންގާ އެއާޕޯޓްގެ ދަތުރުތައް ރައީސް ވަނީ އިއްޔެ ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ. ޅ. އަތޮޅުގެ ދެވަނަ ރަށަކަށް ރައީސް އިއްޔެ ހަވީރު ވަޑައިގެންނެވީ އެމަނިކުފާނުގެ އުފަން ރަށް، ހިންނަވަރަށެވެ.

ރައީސްގެ ޅ. އަތޮޅު ދަތުުރުފުޅުގައި ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫއަށް ވެސް ވަޑައިގަންނަވާނެ އެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.