ރާ
އްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ -- އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަންނަވާނެ ބޭފުޅެއް ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ތިން ދުވަހަށްވީ އެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ވާދަވެރި މި ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވަނީ އެމްޑީޕީއަށް އެންމެ ހިދުމަތްތެރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ޝައުގުންފުރިގެންވާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާނީ ޕާޓީގެ ފަރާތުން ކޮން ބޭފުޅެއްތޯ މިވަގުތު ގިނަ ބަޔަކު ސުވާލު ކުރަމުންދެ އެވެ. ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުންވެސް މި ޕްރައިމަރީ ކާމިޔާބު ކުރާނެ ބޭފުޅަކަށް ދަނީ އިންތިޒާރު ކުރަމުންނެވެ.
އެމްޑީޕީގެ މުޅިން އައު ހާލަތެއް
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމަށް ތައްޔާރުވަމުންދާއިރު ޕާޓީގެ އެތެރޭގެ ހާލަތު މިވަނީ މިދިޔަ 17 ވަރަކަށް އަހަރާ މުޅިން ތަފާތުކޮށް ބޮޑުތަނުން ބަދަލުވެފަ އެވެ. މީގެ ކުރިން އެމްޑީޕީގެ އެންމެ ޕޮޕިއުލާ ލީޑަރު -- ރައީސް ނަޝީދު ވަނީ ޕާޓީގެ އެންމެހާ ހަރަކާތެއްގައިހެންމެ ޕާޓީގެ ލީޑާޝިޕް ކޮންޓްރޯލް ކުރައްވާފަ އެވެ. އެގޮތުން މިއަދާ ހަމައަށްވެސް ޕާޓީގެ ފަރާތުން އެމަނިކުފާނު ފިޔަވައި އެހެން ބޭފުޅަކު ރިޔާސީ ރޭހަށް ނިކުތުމަށް ޖާގަ ލިބިގެން ގޮސްފައެއް ނުވެ އެވެ. ރައީސް ސޯލިހުގެ ވެރިކަމާ ހަމައަށް ޕާޓީގެ ހުރިހާ ގުނަންތަކެއްގެ ފުރިހަމަ ބާރު އޮތީ ރައީސް ނަޝީދަށެވެ.
މިއަދުގެ ހާލަތު އެއާމުޅީން ތަފާތެވެ. ކުރިއާއި ޚިލާފަށް ޕާޓީގެ އިސްލީޑަރު ކަމަށް ރައީސް ސޯލިހު ވަޑައިގަތުމާއެކު ޕާޓީގެ ހުރިހާ ގުނަންތަކެއްގެ ފުރިހަމަ ކޮންޓްރޯލް ރައީސް ސޯލިހް މިހާރު ވަނީ ހޯއްދަވާފަ އެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ ފުރިހަމަ އައުލަބިއްޔަތާއި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ބޮޑު އަގުލަބިއްޔަތެއް އޮތީވެސް ރައީސް ސޯލިހްގެ އަތްޕުޅުގަ އެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓަށް ދާއިރު މިއީ ރައީސް ނަޝީދަށް އޮތް ގޮންޖެހުމެކެވެ. އިންތިހާބުތައް ކާމިޔާބުކުރުމަށް އެތެރޭގެ ކޮންޓްރޯލް އޮތުން މުހިއްމެވެ. ޕާޓީގެ އެތެރޭގެ ބާރުވެރިކަން އޮތުމުން ޕްރައިމަރީ ހޯއްދެވުމަށް ރައީސް ސޯލިހަށް ވަރަށް ގިނަ ފުރުސަތުތައް ވަނީ ހުޅުވިފަ އެެވެ.
ޕާޓީގައި ދެފެކްޝަނެއް، ބޮޑު ރެނދެއް
ރައީސް ސޯލިހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތުމާއެކު އެމަނިކުފާނު ނިންމަވާފައިވަނީ އެމަނިކުފާނާއެކު ކޯލިޝަން ހެއްދެވި ރާއްޖޭގެ އެހެނިހެން ސިޔާސީ ލީޑަރުންނާ އެކު ވެވުނު އެއްބަސްވުމާއި އެއްގޮތަށް އެ އެންމެ ބޭފުޅުން އެކުލަވާލެއްވި މެނިފެސްޓޯއާ އެކު ކުރިއަށް ވަޑައިގަތުމަށެވެ. ނުވަތަ ކޯލިޝަނުގެ އެ ވައުދުތައް ފުއްދުމަށެވެ. ރައްޔިތުންގެ އައުލަބިއްޔަތު ވޯޓަށް އިހްތިރާމް ކުރެއްވުމަށެވެ.
މިދިޔަ ރިޔާސީ އިންތިޚާބަށްފަހު ރައީސް ނަޝީދު ރާއްޖެއަށް އެނބުރި ވަޑައިގަތުމާއެކު ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ ނިޒާމު، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށާއި އެކަމަށް ވީހާވެސް އަވަހަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރުން ބޭނުންތެރި ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ޖަވާބަކަށްވީ ރައްޔިތުންގެ މެންޑޭޓް ސާފު ކަމަށާއި އެހެންކަމުން ރައްޔިތުން ވޯޓު ދެއްވި މެނިފެސްޓޯގެ ކަންކަން ހާސިލްކުރުމަށް ސަރުކާރުގެ ވަގުތު އެކަމަށް ހޭދަކުރުން މާމުހިއްމު ކަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށްވެސް ރައީސް ގަބޫލެއް ނުކުރައްވަ އެވެ. މާނަ އަކީ ވެރިކަމުގައި އަދި ގައުމު ހަލަބޮލިވެދާނެ ސިޔާސީ ކަންކަމަށް ޖާގަދެވެން ނެތް ކަމަށެވެ.
ރައީސް ނަޝީދު ބޭނުންވާ ގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ސަރުކާރުން ނުވަތަ ރައީސް ސޯލިހް އެއްބަސްނުވުމުން ޕާޓީގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީޑަޝިޕް ލެވެލްގައި ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދިގެން ދިޔަ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ހުށަހެޅުމަށް އެމްޑީގެ ވެރިކަމުގެ މެދުތެރެއިން އަނެއްކާވެސް ވެއްޓި ސިޔާސީ އެތައް ކަމެއްގެ ހަލަބޮލިކަން ފެށޭނެތީ ކޯލިޝަނަކުން އައި އެމްޑީޕީގެ ވެރިކަމެއް ދެމިއޮތުމުގެ ސުވާލު ރައިސް ސޯލިހާއި ބައިވެރިންނަށް ޖެހިގެން ދިޔަ އެވެ. އެހެންކަމުން އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް ޕާޓީގެ ތެރެއިން ބޮޑުތަނުން ރައީސް ސޯލިހުގެ ފަޅިއަށް ތާއީދު ލިބި ޕާޓީގައި ދެ ފެކްޝަން އުފެދިގެން ދިޔައީ ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭ ގޮތް ނުވުމުންނެވެ.
އޭގެފަހުން އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު އޮތް ގޮތް ބަލާލަން ލިބުނު ވޯޓަކީ ޕާޓީގެ ޗެއާޕާސަން ހޮވުމުގެ ވޯޓެވެ. މި ވޯޓުގައި ރައީސް ނަޝީދު ހުރީ އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒު ފަހްމީއާ އެކު އެވެ. އިންތިހާބުގައި އިމްތިޔާޒު ބަލިވީ ބޮޑު ބައްޔަކުންނެވެ. ފާޅުގައި ވިދާޅުވެފައި ނެތް ނަމަވެސް ރައީސް ސޯލިހް ތާއީދުކުރެއްވީ ފައްޔާޒަށެވެ. އެހެންކަމުން ޗެއާޕާސަންގެ ވޯޓުގެ ނަތީޖާ ދިޔަ ގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ވެސް ނިމިގެންދާނީ ރައީސް ސޯލިހް ބޭނުންވާ ގޮތަށް ކަމަށް ގަބޫލުކުރެވެ އެެވެ.
ދެ ފެކްޝަންގެ ތުހުމަތުތައް
ރައީސް ނަޝީދަށް ސިޔާސީ މައިދާން ފަހިކުރަން ކުރެއްވި އެއްވެސް މަސައްކަތެއް ކާމިޔާބުވެވަޑައިނުގަތުމުން ރައްޔިތުންގެ މަޖިލިސް ތެރެއިން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަމުގެ ޝަކުވާ ފެންމަތިވި އެވެ. ރައީސް އަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ ސަރުކާރު ބަލިކަށިކޮށް ފަލީހަތް ކުރުމެވެ.
ސަރުކާރުން ބޭނުންވާ ސްޕީޑްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްތައް ކުރިމަތިވާކަމުގެ ޝަކުވާތައް ރައީސް ސޯލިހަށް ތާއީދުކުރައްވާ އެތައް ބޭފުޅަކު ދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭގެފަހުން ދެން ފެނިގެން ދިޔައީ ސަރުކާރުގެ ސިޔާސަތަށް ސީދާ ފާޅުގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން ނިކުމެ ފާޑުވިދާޅުވާން ފެއްޓެވި ތަނެވެ. ސަރުކާރަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެއްވޭ ވާހަކަ ދައްކާ ސަރުކާރު ރަނގަޅަށް ފަލީހަތް ކޮށްލަމުން ގެންދެވި އެވެ.
މިކޯޅުން ކުރިއަށް ދަނިކޮށް އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަޖީ ވިޝަނެއް، ގާބިލްކަމެއް އިންޓެލެކްޗުއަލް ކަމެއް ނެތް ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.
ދެ ފެކްޝަންގެ ތުހުމަތުތަކުގައި ހަގީގަތްތަކެއް ހުއްޓަސް ތުހުމަތުތަކުގެ ސަބަބުން ރައީސް ނަޝީދަށް ލިބޭ ގެއްލުން ބޮޑުކަން ފާހަގަވެ އެވެ. ބައެއް މީހުން ދެކޭ ގޮތުގައި ސަރުކާރަށް ހަތަރު އަހަރު ވެގެންދިޔައިރު ރައީސް ނަޝީދު ހަނުހުންނެވުމަށްފަހު ޕްރައިމަރީއާ ދިމާކޮށް ސަރުކާރު ގޯސްކުރުމުގެ ފަހަތުގައި އޮތް ނިޔަތް ރަނގަޅެއް ނޫނެވެ. އެމްޑީޕީގެ ބައެއް އާންމު މެންބަރުންނަށް ރައީސް ނަޝީދު ސަރުކާރާ ގުޅުވައިގެން ކުރާ ތުހުމަތުތަކާއި ދައްކަވާ ވާހަކަތައް ގަބޫލުކުރެވެނީ ޒާތީ ކަމެއްގެ ގޮތުގަ އެވެ. މިއީވެސް އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާއަށް އަސަރުކުރާނެ ހަގީގަތަކެވެ.
ކޯލިޝަނާ އެކު ވެރިކަން ހޯދުމުގެ ސިޔާސަތު
ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހު ފެނިގެން މިދަނީ އެމްޑީޕީ "ކުރިއަށް" ސްލޯގަންގެ ދަށުން މެދުމިނުގެ ސިޔާސަތު ތަކެއް ޕްރޮމޯޓް ކުރައްވާ ތަނެވެ. ރައީސް ސޯލިހްގެ މުޅި ކެމްޕޭން ބައްޓަން ކުރައްވާފައިވަނީ ކޯލިޝަނަކާއެކު އެމްޑީޕީގެ ވެރިކަމެއް ދަމަހައްޓާ އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވެސް ކޯލިޝަނެއްގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ގޮތަށެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި އިސްކޮށް ތިއްބެވި ބޭފުޅުން ގަބޫލުކުރައްވަނީ ވެސް ކޯލިޝަނަކާ ނުލައި ރާއްޖޭގައި އެއްވެސް ބޭފުޅަކަށް ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރެއްވި ހުރިހާ ރައީސުން ވެރިކަމަށް ވަޑައިގެންނެވީ ވެސް ކޯލިޝަނެއްގެ ތެރެއިންނެވެ. ރައީސް ސޯލިހް ވެސް އަދި ސިޔާސީ ކަންކަމުގައި މެދުމިނަށް ތާއީދު ކުރައްވާ ބޭފުޅުން ދެކޭ ގޮތުގައިވެސް ރައިސް ނަޝީދާއެކު ކޯލިޝަން ހައްދަވައިގެން ކުރިއަށްދާނެ ސިޔާސީ ޕާޓީއެއް ނެތެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަމުގައި ކޯލިޝަނަކާ އެކު ކުރެވުނު ތަޖުރިބާވެސް ހިތިކަމުންނެވެ.
ރައީސް ނަޝީދު ކެމްޕޭން ކުރައްވަނީ "ފިކުރެއްގެ ދިރުން" ސްލޯގަން ބޭނުންކުރައްވައިގެންނެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މިސަރުކާރުން އަދި އެމްޑީޕީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ވަނީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާއި ސިޔާސަތުތައް މުގުރާލާފަ އެވެ. އެހެންވެ އެމްޑީޕީގެ އަސްލު ފިކުރު ދިރުވަން ޖެހޭ ކަމަށް ނަޝީދާއި ސަޕޯޓަރުން ގަބޫލުކުރައްވަ އެވެ. އެކަމަކު އެމްޑީޕީގެ ސިޔާސަތުތައް މުގުރާލުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކެއް މާއޮށްޓަރު ހުރި ގޮތަކަށް ދެއްކިފައެއް ނުވެ އެވެ. އާންމުކޮށް ރައީސް ނަޝީދު ވިދާޅުވަނީ ވެރިކަން ކުރާ ކޯލިޝަނާ ހެދި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުވާ ވާހަކައެވެ.
ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އެކަނި ނިކުމެ ކާމިޔާބު ކުރެއްވޭނެ އެވެ. އަދި ކޯލިޝަނެއް ހަދަންޖެހުނު ނަމަވެސް އިތުރަށް ހޯދަންޖެހޭނީ ހަތަރު ފަސް ޕަސަންޓްގެ ވޯޓެވެ. އެހެންކަމުން ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން ކަންތައްތަކެއް ދޫކޮށްލަންޖެހޭ ކަމަކަށް ރައީސް ނަޝީދު ގަބޫލެއް ނުކުރައްވަ އެވެ. ކޯލިޝަނެއް ހެދުމަށްޓަކައި އެއްވެސް ކަމެއް އެމްޑީޕީން ދޫކޮށްލައިފިނަމަ ޕާޓީ މަގުމަތިވެ އެމްޑީޕީ މެންބަރުން ބިކަވެދާނެ ކަމަށް ނަޝީދު ގަބޫލުކުރައްވަ އެވެ. ރައީސް ނަޝީދުގެ ކެމްޕޭން ސިޔާސަތުތަކާއި ދައްކަވާ ވާހަކަފުޅުތަކަށް ބަލާއިރު އެމަނިކުފާނު ބޭނުންވަނީ ހަމައެކަނި އެމަނިިކުފާނުގެ ވިސްނުމަށް ބައްޓަންކޮށްފައިވާ ހަމައެކަނި އެމްޑީޕީ ހިމެނޭ ވެރިކަމެއް ކުރާށެވެ.
ނަމަވެސް އެމްޑީޕީގައި ތިއްބެވި ސިޔާސީ ހަގީގަތް ގަބޫލުކުރައްވާ ބޭފުޅުން ދެކޭ ގޮތުގައި އެމްޑީޕީއަށް ކުރިން ނުލިބުނު ތާއީދެއް މިއަދުވެސް އެކަނި ނިކުމެ ނުލިބޭނެ އެވެ. އެހެންކަމުން ވެރިކަން ހޯދުމަށް "ވިނިން ފޯމިއުލާ"އެއް ބޭނުންވާ އެމްޑީޕީގެ އާންމު މެންބަރުންގެ ތާއީދާ އެކު ޕްރައިމަރީ ނެގުން ކައިރީ ރައީސް ސޯލިހެވެ.