ވެ ރިކަން ކުރާ އެމްޑީޕީގެ ކެމްޕޭންތަކަކީ އަބަދުވެސް ވަރަށް ތަފާތު އަދި އެހާ ފޯރިއާއި ޖޯޝް ނަގާ ކެމްޕޭންތަކެކެވެ. ކުރިއަށް މިއޮތީ އެމްޑީޕީގެ ކެމްޕޭން ކުޅިވަރު ދައްކާލާނެ ފޯރިގަދަ ރިޔާސީ އިންތިހާބެވެ. އެކަމަކު މީގެކުރީގެ ކެމްޕޭންތަކާއި މިއަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ހާއްސަކުރާ ކެމްޕޭންގައި "ފާޑެއްގެ" ގޮތެއް ހުރުމަކީ ވެދާނެ ގޮތެކެވެ. ހުރިހާ ވެސް މައްސަލައަކީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަމާއި އަރާރުމާއި ކޯޅުމެވެ. މިކަމެއްގައި އެމްޑީޕީގެ ކެމްޕޭން ޗަރުކޭސް މަދުވެ ފޯރިކުޑަވެދާނެ އެވެ.
އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (އިބްރޭ) ވަނީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނާއި ޕާޓީގެ ތެރޭގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ތަފްސީލްކޮށް ވާހަަދައްކަވާފަ އެވެ.
އެމްޑީޕީން މިހާރު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތް ރާވައި ދުއްވައިގަންނަން ތައްޔާރުވެފަ އެވެ. އެގޮތުން މާދަމާ ފަށާ މެއި މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ 87 ދާއިރާއަށް އެއް ފަހަރާ ދަތުރުކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރާނެ އެވެ. ބޭނުމަކީ ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި ކަންބޮޑުވުންތައް އޮޅުންފިލުވައިގެން މެނިފެސްޓޯއެއް ތައްޔާރުކުރުމެވެ.
"އަޅުގަނޑުމެންގެ މިހާރުގެ ވިސްނުން މިހުރީ މެއި މަހު ކެމްޕޭންގެ މަސައްކަތް ފަށަން. ދެން ފަށާ ގޮތަށް ބާރަށް ނުނިންމާ ކުރިއަށް ގެންދާ ގޮތަށް އަޅުގަނޑުމެންގެ ވިސްނުން މިހުރީ،" އިބްރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ މެނިފެސްޓޯގެ ހަގީގަތާއި ރައީސް ނަޝީދުގެ އަމަލުތައް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ކަމުގެ އަޑުތަކާ އެކު ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ އެންމެ ބޮޑު ޝަކުވާއަކާއި ކަންބޮޑުވުމަކަށްވީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރެއްވުމެވެ. އެކަމަކު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު މި ވާހަކަތައް ގަބޫލެއް ނުކުރައްވަ އެވެ. މެނިފެސްޓޯއާއި ގުޅުވައިގެން ރައީސް ނަޝީދުގެ ޓީމުން ދައްކާ ވާހަކަތަކުގެ ހަގީގަތްވެސް އިބްރޭ ވިދާޅުވެ ދެއްވި އެވެ. އެގޮތުން އިބްރޭ ވިދާޅުވި ގޮތުގައި 2018 ގައި އެމްޑީޕީން މެނިފެސްޓޯއެއް ހެދީ ރައީސް ނަޝީދަށް އޭރު ވާދަކުރެއްވޭނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް ރައީސް ނަޝީދަށް އިއްވި ހުކުމަކާ ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން އޭރު އެކުލަވާލި މެނިފެސްޓޯ އެހާ ހިސާބަށް ނިމުނީ ކަމުގައި ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވުމުން އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހާ ހަވާލުކުރުމާ އެކު ގުޅިފައިވާ ކޯލިޝަނެއްގެ ތެރެއިން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ތަންފީޒު ކުރައްވަނީ ގުޅިފައިވާ އިއްތިހާދުގެ މެނިފެސްޓޯ ކަމުގައި އިބްރޭ ވިދާޅުވި އެވެ. އެކަމަކު ތަންފީޒު ކުރައްވަނީ އެމްޑީޕީގެ ސިޔާސަތުތަކާއި ފިކުރުތަކާއި އުސޫލުތައް ނުގެއްލޭ ސިޔާސަތުތަކެއް ކަމުގައި ވިދާޅުވި އެވެ.
"އެމްޑީޕީން ވަކާލާތު ކުރާ ކަމެއް އެއީ އަދުލުވެރިކޮށް ވެރިކަން ކުރުން. އެންމެން ބައިވެރިކުރުން. ދެން ލާމަރުކަޒީ ނިޒާމުން ކައުންސިލްތައް ހިންގަން އެންމެ ބޮޑު ބާރެއް ދިނީ މިހާރުގެ މަޖިލީހުން މިހާރުގެ ސަރުކާރުން. ޖުޑިޝަރީ އިސްލާހު ކުރުމަކީވެސް އެމްޑީޕީން ދައްކާ ވާހަކައެއް. އެކަންވެސް ކުރަމުން އެދަނީ. މެނިފެސްޓޯގައިވާ ކަމެއް ނުވާ ކަމަށް ބުނެގެން އަދި މުޅިއަކުން ނިންމާލައިގެން ވާކަށް ނެތް. ނުވާ ކަންތައްތައް ފާހަގަވެސް ކޮށްދޭން ވާނެ،" އިބްރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ އިދާރީ ކަންކަމުގައިވެސް ވަރަށް ގިނަ ދުވަހު ވަރަށް އިސްކޮށް އުޅުއްވާފައިވާ އިބްރޭ ވިދާޅުވީ އެމްޑީޕީއާ ގުޅޭ ކަމެއް ސަރުކާރުގެ ތެރޭގައި ނުވެ އޮތް ކަމަށްވާނަމަ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން އެކަމެއް ބަލައި ނުވެ އޮތް ކަމަށްވާނަމަ ރައީސް ނަޝީދުވެސް އެކަމެއްގައި ޒިންމާވާން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"އެމްޑީޕީގައި ސިޔާސީ ކަންކަމުގައި އެންމެ އިުސްކޮށް ހުންނެވި އެއް ބޭފުޅަކީ ރައީސް ނަޝީދު. ރައީސް ނަޝީދުގެ ޒިންމާވެސް [ކަންކަން] އިސްލހުކުރުމުގައި ވަރަށް ބޮޑު،" އިބްރޭ ވިދާޅުވި އެވެ.
ރައީސް ނަޝީދު ފަދަ ބޭފުޅަކު އެމްޑީޕީއާ މެދު އަމަލުކުރައްވައިގެން ނުވާނެ ގޮތްގޮތަށް މިހާރަކަށް އައިސް އަމަލުކުރައްވަމުން ގެންދަވާ ކަމަށް އިބްރޭ ވިދާޅުވި އެވެ. ނަމަވެސް ޕާޓީގައި އުޅުއްވާނަމަ ޕާޓީގެ އުސޫލުތަކާއި ޕާޓީގެ މަސްލަހަތަށް އިސްކަން ދެއްވަން ވާނެ ކަމުގައި އިބްރޭ ތަކުރާރުކޮށް ވިދާޅުވި އެވެ. އެކަމަކު މިވަގުތު ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް ރައީސް ނަޝީދަށް ބައެއް ކަންކަން ކުރެއްވޭ ކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ބައެއް ކަންކަން ގޯސްކޮށް ހުރި ނަމަވެސް އެމަނިކުފާނަށް ފިޔަވަޅެއް އަޅައި ޕާޓީން ވަކިކުރަން އިބްރޭ ދެކޮޅު ހައްދަވަ އެވެ. އެއީ ރައީސް ނަޝީދު ދެކެ ލޯބިވާ މީހުން އެމްޑީޕީގެ ތެރޭގައި ގިނަވުމާއި ރައީސް ނަޝީދު އެމްޑީޕީއަށް ކޮށްދެއްވާފައިވާ ގިނަ ހިދުމަތްތަކާ ގުޅިގެންނެވެ.
އިބްރޭ ވިދާޅުވި ގޮތުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެމެދުގައި މިވަގުތު ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެ ބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ކުރެވޭ އުއްމީދު އަދިވެސް ގެއްލުވައެއް ނުލައްވަ އެެވެ. އެ މަގުން ކުރިއަށް ދިއުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ މިހާރުގެ ލީޑަޝިޕްގެ ބޭފުޅުންނާއި ރައީސް ނަޝީދާ ކިތަންމެ ދުރުކަމަށް ބައެއް މީހުންނަށް ހީވި ނަމަވެސް ރައީސް ނަޝީދުގެ ހިޔާލާއި ލަފާ އަދި މަޝްވަރާ މިހާރުވެސް ލިބެމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެންމެންގެ ހިތުގައި އޮތް ލޯތްބާއި އިހްތިރާމުގެ ސަބަބުން ހެން [ރައީސް ނަޝީދަށް ފިޔަވަޅެއް ނޭޅިގެން އުޅެނީ]. އަޅުގަނޑުމެންގެ ޕާޓީއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ހުންނެވި ބޭފުޅެއް ނަޝީދަކީ،" އިބްރޭ ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީގެ ކެންޑިޑޭޓެއް ހުންނަން ބޭނުންވޭ
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އެވެ. ނަމަވެސް އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށް އަދި އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނެ ގޮތެއް މިވަގުތަކަށް ނެތެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭތީ އެކަމުގައި އިބްރޭ ވިދާޅުވީ ރައީސް ޔާމީނަށް އެ ހާލަތު ކުރިމަތިވެވަޑައިގަތީ ރައީސް ސޯލިހް ކުރެއްވި ކަމެއްގެ ސަބަބުން ނޫން ކަމަށެވެ. އިބްރޭ ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީން ގޯސްކޮށް ކުރައްވާފައިވާ ކަންކަމަކީ ސިއްރިޔާތުގައި ކުރެއްވި ކަންތައްތަކެއް ވެސް ނޫނެވެ.
"ރައީސް ސޯލިހް [ޔާމީން ދޫކޮށްލަން] ކިތަންމެ ބޭނުންފުޅުވި ނަމަވެސް ގާނޫނުއަސާސީއާ ގާނޫނުތަކުގެ މައްޗަކަށް އެމަނިކުފާނަކަށް ވެސް ވަޑައެއް ނުގެންނެވޭނެ،" އިބްރޭ ވިދާޅުވި އެވެ.
އިބްރޭ ދެއްވި އެންމެ ބޮޑު ޔަގީން ކަމަކީ ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯދުމަށްޓަކައި ކޯޓުތަކަށް، ޝަރީއަތްތަކަށް މިސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީން ކަމެވެ. އެކަމުގެ މިސާލު ދެއްކެވީ ރައީސް ޔާމީން ޖަލަށްލުމަށް އެންމެ ފުރަތަމަ ފަހަރު އިއްވި ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި ކުރި ކުރުމަށެވެ.
ރައީސް ސޯލިހް ބޭނުންވަނީ އިދިކޮޅު ކެންޑިޑޭޓަކާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކުރެއްވުމަށް ކަމުގައި އިބްރޭ ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ޔާމީން ބަލިކޮށްފައި އަޅުގަނޑުމެން ވެރިކަމަށް އައީވެސް. އެހެންވީމާ ކެންޑިޑޭޓެއް ނެތި ވާދަކޮށްގެން މޮޅުވާކަށް [ރައީސް ސޯލިހް] ބޭނުމެއް ނުވާނެ. ރައީސް ޔާމީން އެންމެ ގަދަބާރުގައި އެންމެ ޝާނާ ސައުކަތުގައި ހުންނަވަނިކޮށް އެމަނިކުފާނު ބަލިކުރައްވާފައި އަޅުގަނޑުމެން ވެރިކަމަށް އައީ،" އިބްރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ކެމްޕޭން ފެށުމަށް ތައްޔާރުވަމުންދާއިރު އެ ޕާޓީއަށް އޮތް މާޔޫސް ކަމަކީ ރައީސް ނަޝީދު އެކުގައި ނެތުމެވެ. ފޯރިގަދަ ކެމްޕޭން ހަރަކާތްތަކާއި ޗަރުކޭސް ދެއްކުމަށް މަޝްހޫރު އެމްޑީޕީގެ ކެމްޕޭންގައި ރައީސް ނަޝީދުގެ ހިޔަނި ވެސް އަދި ފެންނާކަށް ނެތެވެ. އެކަމަކު އެމްޑީޕީގެ ކެމްޕޭނުގައި ނަޝީދުގެ އެހީތެރިކަމާއި މަދަދު، އެންމެ ކުޑަމިނުން ނަޝީދުގެ ހިޔަނި ފެނިލުމަށްވެސް އެމްޑީޕީ އޮތީ އެދިއެދި އެވެ.