ރާ
އްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ހަރަކާތްތެރި އެއް ބޭފުޅަކު ކަމުގައިވާ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ފެއްޓެވި އެމްޑީޕީއާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ދުވަހެއް ދުވަހަކަށް ހީނަރުވެ މިހާރު މިވަނީ ގާތްގަނޑަކަށް އެ ގުޅުން ކެނޑިފަ އެވެ. ރައީސް ނަޝީދުގެ ސިޔާސީ އެތައް މަސައްކަތަކާ ގުޅިފައިވާ އެމްޑީޕީއާ އެމަނިކުފާނާ އޮތް ގުޅުމަށް ހީނަރުކަން އައުމުން ދެން ވެދާނެ ގޮތަކާ މެދު ނަޒަރު ހިންގާލުމަކީ މުހިއްމު ކަމެއް ކަމަށް ދެކެމެވެ.
ރައީސް ނަޝީދަކީ އެމްޑީޕީގެ އެއް ބާނީ އެވެ. މިހާތަނަށް އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ކުރެއްވި އެންމެހައި ސިޔާސީ މަސައްކަތްޕުޅަކީ އެމްޑީޕީ ތެރޭގައި ހުންނަވައިގެން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކެކެވެ. ނަމަވެސް މިއަދު މިވަނީ ރައީސް ނަޝީދާއި އެމްޑީޕީގެ ގުޅުން ކިލަނބުވެ އެއީ މާޒީގެ ސަފްހާތަކެއް ފަދައިން ލިޔަންޖެހިފައި އޮތް ގުޅުމަކަށް ވެފަ އެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖެއާއި ބޭރު ދުނިޔޭގެ ގުޅުން ބަދަހިވެ އަދި ރާއްޖެ، ބޭރު ދުނިޔެއަށް ހުޅުވުމާ ގުޅިގެން ރައްޔިތުންގެ ބާރުވެރިކަމާއި ގައުމުގެ ކުރިއެރުން މައްޗަށް ޖެހިގެން ދިއުމުގެ ނަތީޖާއަކީ ފާއިތުވި އަހަރުތަކުގައި އެއް ޕާޓީ އަކުން ރާއްޖޭގައި ކުރަމުން އައި ވެރިކަން ބަދަލުކުރުމަށް އެތައް ދިވެހި ރައްޔިތުން ބޭނުންވުމެވެ. އެގޮތުން ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ދިވެހިން ދާދި ފަހުގެ މާޒީއެއްގައި ގޮވަން ފެށި އެވެ. މި ގޮވެލީގެ މަސައްކަތުގައި އެއްވި ގިނަ ބަޔަކު 2005 ގައި އުފެއްދި އެމްޑީޕީގައި ވަރަށް އަޒުމާއެކު އިސްކޮށް މަސައްކަތްކުރެއްވި އެވެ. އެތަނުން އެއްބޭފުޅަކީ ރައީސް ނަޝީދެވެ. އެހެންކަމުން އެމްޑީޕީ އާއި ރައީސް ނަޝީދުގެ ގުޅުން އެއީ ހަމަ ސީދާ ހިތާ ހިތުގެ ގުޅުމެކެވެ.
އެމްޑީޕީ އުފެއްދުމަށްފަހު 2018 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމާ ހަމައަށް ރައީސް ނަޝީދަކީ އެމްޑީޕީގެ އެންމެ އަޑުގަދަ ނުފޫޒު ގަދަ ބޭފުޅާ އެވެ. ނަމަވެސް ނިމިގެން ދިޔަ ރިޔާސީ އިންތިހާބަ ހަމައިން ރައީސް ނަޝީދުގެ އަޑު ކެނޑުމާއެކު އަނބުރާ އެ ނުފޫޒު ހޯއްދެވުމުގެ މަސައްކަތްޕުޅު އެމަނިކުފާނު ފެއްޓެވި އެވެ. އެ މަސައްކަތްޕުޅުގައި މިއަދު މިއޮތީ އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރާ ބަޔަކާއި އެމްޑީޕީގެ އިސް ލީޑަރު ރައީސް ސޯލިހަށް ތާއީދު ކުރާ ބައެއް އުފެއްދި އެމްޑީޕީ ބޮޑު ފެޅުމަކުން ދެބަޔަކަށް ފަޅައިގެން ގޮސް މުޅި ޕާޓީ މުޅިން ދެބައިވެފަ އެވެ.
އެމްޑީޕީގެ އެތެރޭގެ މި ކޯޅުން އުފެދިގެން މި އައީ އެމްޑީޕީގެ ރައީސް ސޯލިހަށް ނިސްބަތްވާ ކަނާއަތު ފިޔައިގެ ކޮންޒަވެޓުންނާއި ރައީސް ނަޝީދުގެ ވައަތުފިޔައިގެ ކޮންޒަވެޓުންނާ ދެމެދު އެވެ. ރައީސް ނަޝީދަކީ ވަރަށް ފާޅުގައި ވައަތުފިޔައިގެ އެކްސްޓްރީމް ކޮންޒަވެޓެކެވެ. އެމަނިކުފާނަށް މިހާތަނަށް އެމްޑީޕީ ތެރޭގައި ވައަތު ފިޔައިގެ އެކްސްޓްރީމް ކޮންޒަވެޓިވް ފިކުރު ދިރުވައެއް ނުލެވުނެވެ. އޭގެ ނަތީޖާއަކީ އެމްޑީޕީގެ ތެރޭގައި އޮތް ކަނާއަތު ފިޔައިގެ ކޮންޒަވެޓުންގެ ނުފޫޒު ގަދަވެގެން ދިއުމެވެ. އެއާއެކު ފެނިގެން ދިޔައީ ރައީސް ނަޝީދުގެ ވައަތު ފިޔައިގެ ފިކުރު ބަލިވެގެން ދިޔަ ތަނެވެ. އެހެންކަމުން ރައީސް ނަޝީދުގެ އެކްސްޓްރީމް ލެފްޓް ފިކުރެއްގެ ދިރުންވެސް މިވަނީ ނުދިރި މަރުވެ އަނެއްކާވެސް އެހެން ޕާޓީ އެއް އުފަންކުރުވުމާ ދިމާލަށް މިސްރާބު ޖަހާފަ އެވެ.
އެމްޑީޕީ އަކީ ސެންޓަރ ރައިޓް ޕާޓީ އެކޭ އެމަނިކުފާނު ގިނައިން ވިދާޅުވަމުން ގެންގޮސްފައިވަނީވެސް ސީދާ އެމަނކިފާނުގެ އަސްލު ވައަތު ފިޔައިގެ ފިކުރަށް ކަނާއަތު ކޮންޒަވެޓުންނާއި ހެދި މަސައްކަތް ކުރެވެން ނެތުމުންނެވެ. އެމްޑީޕީ އަކީ ހަގީގަތުގައި ކޮންޒަވެޓުން ގިނަ ޕާޓީ އަކަށް ވުމުންނެވެ. ފިކުރެއްގެ ދިރުން ދުރަށްލައި އެއްފަރާތްކޮށްލީ އެކަމަށް މަޖުބޫރުވެގެންނެވެ. އެމްޑީޕީގެ އެތެރޭގެ މި ކޯޅުމުގައި މިވަގުތަށް މިވަނީ ރައީސް ނަޝީދު ރައްޔިތުންގެ ފުޅާ މިނިވަންކަމަށް ކުރެއްވި މަސައްކަތް ބަލައިގަނެ އެމަނިކުފާނުގެ މަސައްކަތުގެ ވައްޓަފާޅިއަށް ތާއީދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި އެޕާޓީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ އަދަދެއްގެ ބައެއް އެޕާޓީން ވަކިވާން ފަށާފަ އެވެ. ނުވަތަ ވަކިވެފަ އެވެ.
މިފަހަރު އަނެއްކާވެސް ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ތާއީދު ކުރާަ މިދެންނެވި މަޖލިސް މެންބަރުން ލައްވައި މިވަނީ އައު ޕާޓީ އެއް "ދަ ޑިމޮކްރެޓުން"ގެ ނަމުގައި އުފެއްދުމަށް މަސައްކަތް ފައްޓަވާފަ އެވެ. ނުވަތަ އެމަނިކުފާނު ގަބޫލުކުރައްވާ ފިކުރު ދިރުވުމަށް އައު އުކުޅެއް ބޭނުން ކުރައްވާފަ އެވެ. ނަމަވެސް އަލަށް މި އުފައްދާ ޕާޓީގައިވެސް ގިނަ ކޮންޒަވެޓުން ތިބުމަކީ އަނެއްކާވެސް އެމަނިކުފާނަށް އޮތް ގޮންޖެހުމެކެވެ. ކަނާއަތު ފިޔައިގެ ކޮންޒަވެޓުން ލައްވައި އެމަނިކުފާނު ބޭނުންފުޅުވަނީ ފަރުދާގެ ފަހަތުގައި ފޮރުވި ހުންނަވައި ވައަތު ފިޔައިގެ ފިކުރު އާންމުކުރައްވައި ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމަށެވެ. އެމަނިކުފާނު މި ފިކުރެއް ނައްތައެއް ނުލެވޭނެޔޭ އެ ވިދާޅުވަނީ އެކަމަށެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުން އެ ފިކުރު ދިރުވުމަށް އެމަނިކުފާނު އަބަދުވެސް މިގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
މިވަރުގެ ބޮޑު ބަލިވުމެއް ރައީސް ނަޝީދުގެ ފިކުރަށް އައުމުން އެ މަނިކުފާނު އެމްޑީޕީން އެވަނީ ގޮތަކަށް ބޭރުކޮށްލާފަ އެވެ. ސެންޓާ ރައިޓް ކޮންޒަވެޓުން އެވަނީ އެމަނިކުފާނު ބަލިކުރައްވައި އެއްފަރާތަށް ޖައްސަވައި ބާކީ ކުރައްވާފަ އެވެ. އެފަދަ ހާލުކޮޅެއްގައި އެމަނިކުފާނު ގެއަށް ވަދެވަޑައިގެން މަޑުން ހުންނަވާނީ ކަމަށް ވިދާޅުވީ އެކަން ކޮންމެވެސް ވަރަކަށް ސިފަވެފައި އޮތުމުން ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް ހިތްވަރުކުރައްވާފައި ގެއަށް ވަޑައިނުގެން އެ ހުންނަވަނީ އެމަނިކުފާނަކީ ވެއްޓިވަޑައިގަތުމުން އަނެއްކާވެސް ކޮޅަށް ތެދުވަން ގަބޫލުފުޅު ކުރައްވާ ބޭފުޅަކަށްވުމުން ކަމަށް ގަބޫލުކުރެވެ އެވެ. އެގޮތުން އެމަނިކުފާނުގެ ވައަތުފިޔައިގެ ފިކުރު ދިރުވުމަށް ކުރައްވާފައި ނުކުރައްވާނެ ކަމެއް ކަނާއަތުން ވައަތަށްވެސް ނޭނގޭފަދަ ގޮތެއްގައި އެމަނިކުފާނު އެގެންދަވަނީ ހަރަކާތް ކުރައްވަމުންނެވެ.
ކޮންމެއަކަސް ރައީސް ނަޝީދުގެ ވައަތުފިޔައިގެ ފިކުރު އެވަނީ އެމްޑީޕީ ތެރޭގައި ބަލިވެފަ އެވެ. އެމްޑީޕީން މިވަގުތު އެމަނިކުފާނު ވަކިވެވަޑައި ނުގެން އެ ހުންނަވަނީ އެމަނިކުފާނު އެމްޑީޕީ ވުޖޫދުވުމުގައި ޝާމިލްވި މަސައްކަތްޕުޅު ނުވަތަ ހިތާއި ހިތުގެ ގުޅުން ދުވަހަކުވެސް ނުކެނޑޭނެޔޭ ވިދާޅުވި ވިދާޅުވުން އަމިއްލަފުޅަށް ކަނޑުއްވާލަން ބޭނުންފުޅު ނުވާތީ އެވެ. އަދި އެމްޑީޕީގެ އިސްބޭފުޅުންވެސް އެމަނިކުފާނަށް ކުރައްވާ އިހުތިރާމެއްގެ ސަބަބުން ޕާޓީން ވަކިނުކުރައްވައި މަޑުކުރައްވަނީ އެވެ. އެހެންނަމަވެސް އެމްޑީޕީން ރަސްމީކޮށް އެ މަނިކުފާނު ވަކިކުރައްވާތޯ ލައްކަ މަސައްކަތް އެމަނިކުފާނު މިވެރިކަމުގައި އަދި ދާދި ފަހުން މާބޮޑަށްވެސް ކުރައްވައިފި އެވެ. މިވަގުތުވެސް އެމަނިކުފާނު ގެންދަވަނީ އެމަގުން މަސައްކަތްޕުޅު ކުރައްވަމުންނެވެ.
އެގޮތުން އަލަށް އުފައްދަން މަސައްކަތްކުރާ ޑިމޮކްރެޓުންގެ ޕާޓީގެ ގިނަ މެންބަރުން ކުރިއަށް ރިޔާސީ އިންތިހާބުގެ ޓިކެޓް އެޕާޓީގެ ފަރާތުން އަރުވަން ބޭނުންވަނީ އެމަނިކުފާނަށް ކަމާއި ދޭތެރެއަކު ޝައްކެތް ނެތެވެ. އެއީ ޑިމޮކްރެޓުންނަކީ ސީދާ އެމަނިކުފާނުގެ އިރުޝާދުގެ މަތީން ވުޖޫދަށް ގެނައުމަށް ފަށާފައިވާ ސިޔާސީ ހަރަކާތަކަށްވާތީ އެވެ. އަދި ރިޔާސީ އިންތިހާބަށް އަލަށް އުފައްދާ ޑިމޮކްރެޓުންގެ ޕާޓީން އެމަނިކުފާނު ކުރިމަތިލައްވާ ހިސާބުން އެމްޑީޕީން އެމަނިކުފާނު ރަސްމީކޮށް ވަކިވެގެންދާނެ އެވެ. އެއީ ސިޔާސީ ޕާޓީގެ ގާނޫނީ ނިޒާމުގައި އެކަން އޮތްގޮތުންނެވެ. އެހިސާބުން އެމްޑީޕީން އެކަމާ އަޅާނުލައްވައި ތިއްބަވާނެ ކަމަކަށްވެސް ނުފެނެ އެވެ. އެމްޑީޕީން އެމަނިކުފާނު ރަސްމީކޮށް ވަކިވެގެންދާނީ އެހިސާބުން ކަމަށް ބެލެވެ އެވެ. އާ ޑިމޮކްރެޓުންގެ ޕާޓީއަށް ސޮއި ކުރެއްވުން ނުވަތަ އެމްޑީޕީން ވަކި ކުރުމެވެ. ބޮޑަށް ލަފާކުރެވެނީ ރައީސް ނަޝީދު އެމްޑީޕީން ވަކިކުރުމުގެ ބަދަލުގައި އެމަނިކުފާނު އަމިއްލަފުޅަށް ވަކިވެގެންދާނެ ކަމަށެވެ.
އަނެއްކޮޅުން ޑިމޮކްރެޓުންގެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ރައީސް ނަޝީދުގެ ފެކްޝަނުން މިދަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ. މި ޕާޓީން އެމަނިކުފާނަށް ރިޔާސީ ޓިކެޓް ތަބަކަކަށް ލާފައި އެރުވުމުން ޑިމޮކްރެޓުންގެ މަސައްކަތްތަކާ ދޭތެރޭ އެހިސާބުން ވަރަށް ބޮޑަށް ސުވާލު އުފެދިގެންދާނެ އެވެ. ޑިމޮކްރެޓުންނަކީ މިނިވަންކަމާއެކު ވާދަވެރިކޮށް ހުރިހާ ކަމެއްގައި ޝާމިލުވާ ބަޔަކަށް ކިޔާ ނަމެކެވެ. ޑިމޮކްރެޓުންގެ ޕާޓީ ވުޖޫދުވުމާއެކު ޑިމޮކްރެޓިކް އުސޫލުތައް އެއްފަރާތް ކުރުމަށްފަހު ވާދަވެރި ޕްރައިމަރީއަކަށް ޖާގަ ދިނުމެއްނެތި ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް އެރުވުމަކީ ޑިމޮކްރެޓުންގެ އެންމެ ބޮޑު ޖޯކަށް ވެގެން ދިއުން ގާތެވެ. ރައީސް ނަޝީދު އެމްޑީޕީ ތެރޭގައި ހުންނަވައިގެން މިހާތަނަށްވެސް ހުދުމުހުތާރު ގޮތްތަކެއް ގެންގުޅުއްވި ކަން އޮތީ ފެންނާށެވެ. އެމްޑީޕީގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ނަޝީދާއި އެމްޑީޕީގެ ގުޅުން ހީނަރުވީ އެމަނިކުފާނުގެ ހުދުމުހުތާރު ސިފަތަކާ ހެދި އެވެ. އެހެންކަމުން ޑިމޮކްރެޓް ބޯޑު ހިފައިގެން އަލަށް އުފައްދާ ޕާޓީން މިފަހަރު އަމަލުކުރާ ގޮތަކުން ދިވެހި ރައްޔިތުންވެސް އެ ތިބީ ކިހާ ޑިމޮކްރެޓިކް ބައެއްތޯ ކަނޑައެޅުމަށް ތައްޔާރަށެވެ. މިހާތަނަށް ރައީސް ނަޝީދުގެ އަމަލުފުޅުތައް ފެނިފައިވަނީ އެއާއި ދިމާ އިދިކޮޅަށް ކަމަށް ގަބޫލުކުރާނެ ކިތަންމެ ކަމެއް ފެންނަން އެބައޮތެވެ.
މިހުރިހާ ކަމެއް މިހެން ހުރުމާއެކު ރައީސް ނަޝީދު އެހުންނެވަނީ ގޮތަކަށް ކަނާއަތަށްވެސް ވައަތަށްވެސް ނުޖެހި މަޑުމަޑުން އެމްޑީޕީގައި އަދިވެސް ހުރެވޭތޯ އެވެ. އެކަމަކު އެހެން އަބަދު ހުރެވޭކަށްވެސް ނެތެވެ. ނުހުރެ ވާކަށްވެސް ނެތެވެ. އެމަނިކުފާނަށް، މިވަގުތު އޮތީ އަޅުއްވާ ކޮންމެ ފިޔަވަޅަކުން އެމަނިކުފާނުގެ ފިކުރެއްގެ ދިރުމަށް ނުދިރޭނެހާ ހުރަސްތަކެވެ. އެހެންކަމުން ރައްޖޭގެ ސިޔާސީ މަސްރަހުގައި ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް މަޑުމަޑުން ބަނަކަމާއި ދިމާލަށް މިވަގުތު ވަނީ މިސްރާބު ޖަހާފަ އެވެ.