ރިޔާސީ އިންތިހާބު 2023

މިއަހަރު އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ: އެމްޑީޕީ / ޖޭޕީ

މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަށް މިއަހަރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ދެ ޕާޓީ -- މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ރިޔާސީ އިންތިހާބު ބާއްވާ ތާރީހު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތާރީހުތައް ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ފެތޭނަމަ އެ ޕާޓީގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"ކެމްޕޭން ކުރަން އެންމެ އެކަށީގެންވާ ވަގުތު ދިނުމަށްފަހު ގާނޫނުއަސާސީގައިވާ ޓައިމްފްރޭމަށް ތާރީހުތައް ފެތެން ޖެހޭނެ. އޭރުން އަޅުގަނޑުމެންގެ މާބޮޑު މައްސަލައެއް ނެތް،" އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ކަންވެސް ކުރައްވާފައިވާ އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ފުރިހަމައަށް ގަބޫލުކުރައްވާ ކަމަށެވެ.

"ބައި އިލެކްޝަންސްތައްވެސް ގާނޫނާ އެއްގޮތަށް މިހާރުގެ އިލެކްޝަންސް ކޮމިޝަނުން ބާއްވަމުން ގެންދިޔައީ. އެހެންވީމަ އެބޭފުޅުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް" މިސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވަމުން ގެންދަވާ އަނަސް ވިދާޅުވި އެވެ.

އަނަސް އިތުރަށް ވިދާޅުވި ގޮތުގައި އެމްޑީޕީން ވެސް އެދެނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިދިނުމަށާއި ކެމްޕޭން ކުރަން ވިހާވެސް ފުޅާކޮށް ފުރުސަތު ދީގެން އިންތިހާބު ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި އެ މަގަށް އިންތިހާބުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ދެހާސް އަށާރަ ވަނަ އަހަރު އަޅުގަނޑުމެންގެ ކެމްޕޭންތަކަށް ފުލުހުން ހުރަސް އެޅި. އޭރުގެ އިލެކްޝަނުން އެކަމާ އަޅައެއް ނުލި. އެހެންވީމަ އެފަދަ ގޮތަކަށް ކަން ނުކުރައްވާ ކެމްޕޭން ކުރަން ފުރުސަތު ދީގެން މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައި ދިނުން އެއީ އެދޭ ކަމެއް،" އަނަސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތާރީހު އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. އެހެންކަމުން އެއީ މިނިވަން އިންސާފުވެރި އަދި ފުރިހަމަ އިންތިހާބެއް މިހާރުގެ ކޮމިޝަނަށް ބޭއްވިދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބެއް ކަމުގައި ވިދާޅުވި އެވެ.

އަލީ ސޯލިހް ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލެއް މިއަދު ނެތް ކަމަށް މަދު ބަޔަކު ބުނުމަކީ ދެކޮޅުޖެހޭ އަދި ހަމަޖެހޭ ވާހަކައެއް ވެސް ނޫން ކަމަށެވެ.

އަލީ ސޯލިހް ވިދާޅުވީ މިވަގުތު ރާއްޖޭގައި އޮތީ ސިޔާސީ ޕާޓީތަކަށް ހަމަޖެހިލައިގެން އުޅެވޭނެ ފަދަ މާހައުލެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަކީ ވަރަށް ގާބިލް އަދި އިންތިހާބުތަކުގެ ތަޖުރިބާ ބޮޑު ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ.

"އެހެންވީމަ މިނިވަން އިންސާފުވެރި އިންތިހާބެއް ހާމަކަން ބޮޑު ގޮތެއްގައި މިހާރު މިއޮތް އިލެކްޝަން ކޮމިޝަނަށް ބޭއްވޭނެ ކަމަށް ގަބޫލުކުރެވޭ،" އަލީ ސޯލިހު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީން އެދެނީ އިންސާފުވެރި އިންތިހާބެއް ބާއްވައިދިނުމަށް ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގައި އިތުރު ހާއްސަ ކަމަކަށް ނޭދޭ ކަމަށާއި އެދުމަކީ ހަމަހަމަ ކަމާއެކު އެންމެންނަށްވެސް ފުރުސަތު ދީގެން އިންތިހާބު ކުރިއަށް ގެންދިޔުން ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން އުމަރު ނަސީރެވެ. އަދި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އިން ވެސް ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ދަނީ ބުނަމުންނެވެ.

މީގެ އިތުރުން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ނަމަވެސް ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ހުކުމްކޮށްފައިވާތީ ރިޔާސީ ކެންޑިޑޭޓުންގެ ޝަރުތެއް ޔާމީންގެ ކިބައިން ވަނީ ގެއްލިފަ އެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް، މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.