އުމުރުން ނުވަ ވަރަކަށް އަހަރު ވީއްސުރެ 55 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ވެސް ބައެއް އަންހެނުންނަށް ކޮންމެ މަހަކު މައްސަރުކަންތައް ޖެހެ އެވެ. މިއީ އަންހެން މީހާގެ ދަރިމައިވުމުގެ ނިޒާމަށް ކޮންމެހެން މުހިއްމު ކަމެއް ވެސް މެއެވެ. މިއީ ބައޮލޮޖިކަލް އަދި ގުދުރަތީ ގޮތުން ދިމާވާ ކަމެކެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އަދިވެސް ބައެއް ގައުމުތަކުގައި ވަރަށް ބޯދާ ޚިޔާލުތައް ގެންގުޅެ އެވެ.
އެގޮތުން އިންޑިއާ އާއި އޭޝިއާގެ ބައެއް ގައުމުތަކުގައި އަދިވެސް މިއީ މާބޮޑު ކަމަކަށް ހަދައިގެން މައްސަރު ކަންތައް ޖެހުމުން އެ އަންހެނަކު އެހެން މީހުންނާ އެކަހެރިކޮށް ބަހައްޓާ ހަދަ އެވެ. އަދި ގޭގައި ކުރަން ޖެހޭ އެއްވެސް މަސައްކަތެއް މި މީހުން ލައްވާ ކުރުވުމަކީ ވެސް ސުންޕާ ކަމެއްގެ ގޮތުގައި މިފަދަ މީހުން ދެކެ އެވެ.
މިކަން މިގޮތަށް ހިނގަމުންދާތާ އެތައް ގަރުނެއްވެފައި ވިޔަސް އަދި ދުނިޔެއަށް ޒަމާނީ ތަރައްގީ އަޔަސް މިއާދަކާދަ ދޫކޮށްލަން ބޭނުން ނުވާ މީހުން މި ކަންތައްތައް އަދިވެސް ދެމެހެއްޓޭތޯ މަސައްކަތް ކުރަނީ އެވެ.
މިފަދަ އެއް ސަގާފަތަކަށް އަދިވެސް ތަބާވާ ބަޔަކު ނޭޕާލުގެ ޗައުޕަޑީ ކިޔާ އަވަށެއްގައި މިހާރުވެސް ދިރިއުޅެ އެވެ. މި މީހުންގެ ތެރެއިން މައްސަރު ކަންތައް ޖެހޭ އަންހެނުން ގެއިން ބޭރުގައި ވަކި ތަނެއްގައި އެކަހެރިކޮށް ބަންދުކޮށްފައި ބަހައްޓަ އެވެ. އަދި ގޭގައި ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ވެސް މި މީހުން ލައްވާ ނުކުރުވަ އެވެ.
ތާޑް އައި ފައުންޑޭޝަނުން ބުނެފައިވާ ގޮތުގައި މި ސަގާފަތް ކުރިއަށް ގެންދިއުން މަނާކޮށް ނޭޕާލް ސުޕްރީމް ކޯޓުން 2004 ގައި އަމުރެއް ވެސް ނެރެފައި ވެއެވެ. ނަމަވެސް އަދިވެސް ނޭޕާލުގެ މެދުތެރެއާއި ހުޅަނގުގެ ރީޖަންތަކުގައި މިކަން ވަރަށް ފުޅާކޮށް އަދިވެސް ކުރެ އެވެ.
މި ސަގާފަތަށް ބޯލަނބާ އެކަން ދަމަހައްޓާ މީހުން ބުނަނީ މައްސަރު ކަންތައް ޖެހިފައިވާ އަންހެނަކު މީހުން ދިރިއުޅޭ ގެއެއްގައި ދިރިއުޅޭނަމަ އެމީހުންގެ ކަލާންގެތައް ނުރުހުންވާނެ ކަމަށެވެ. އެހެންވެ މަށިން ހަދާފައިވާ ކުޑަކުޑަ ގެއެއްގައި މިފަދަ އަންހެނުން އެ ދުވަސްވަރު ބަންދުކޮށްފައި ބައިތިއްބައެވެ.
އެމީހުން ގަބޫލުކުރާ ގޮތުގައި މައްސަރު ކަންތައް ޖެހުމުން އެ އަންހެނަކަށް މިގޮތަށް ކަންތައް ނުކޮށްފިނަމަ އެ މީހެއްގެ ބައްޕައަށް ޖިންނި އަވަލާނެ އެވެ. އަދި ގެރި، ބަކަރި ފަދަ އެއްވެސް ޖަނަވާރެއްގައި ވެސް މި މީހުން މި ދުވަސްވަރު އަތްލުން މަނަލެވެ.
ދަރިއަކު ވިހެއުމުން ވެސް ޗައުޕަޑީ ސަގާފަތަށް ބޯލަނބާ މީހުން ކަންތައް ކުރަނީ ހަމަ މައްސަރުކަންތައް ޖެހޭ މީހުންނާ މެދު ކަންތައް ކުރާ ގޮތަށެވެ. އެކަމުގެ ސަބަބުން އަންހެން މީހާ އަށް ލިބެންވާ އެކަށީގެންވާ ފަރުވާ ނުލިބި އިންފެކްޝަންތައް ޖެހި އެމީހުން ވަރަށް ބޮޑަށް ބަލިވާން ވެސް މެދުވެރިވެ އެވެ.