ލައިފްސްޓައިލް

ވަރުގަދަކަން ދައްކަން ފިރިން ކޮނޑަށް އަރުވައިގެން ރޭސް ޖަހައިފި

ނޭޕާލު އަންހެންވެރިން ފިރިހެނުންނާ އެއްވަރަށް ވަރުގަދަކަން ދައްކަންވެގެން ވަރަށް ހެއްވާ ކަމެއް ކޮށްފި އެވެ. އަންހެނުންނާއި ފިރިހެނުންނަކީ ހުރިހާ ކަމެއްގައި ވެސް ހަމަހަމަ ބައެއްކަން ސާބިތުކޮށްދޭން މި މީހުން ވަނީ އެ މީހުންގެ ފިރިން ކޮނޑަށް ލައިގެން ރޭހެއް ޖަހާފަ އެވެ.

މުޅިން އަލަށް ތައާރަފްކުރި މި ރޭސް އޮތީ ނޭޕާލުގެ ދޭވްގާޓު ވިލެޖު ކައުންސިލްގެ ސްކޫލެއްގައި މި ހިނގާ މާޗް މަހުގެ 8 ވަނަ ދުވަހު އެވެ. މި ރޭހަކީ ދުނިޔޭގެ އަންހެނުންގެ ދުވަސް ފާޙަގަ ކުރުމަށް އިންތިޒާމްކުރި ކަންތައްތަކުގެ ތެރޭގައި ހިމެނިގެން ބޭއްވި ރޭހެކެވެ.

މި ރޭހުގައި 16 ދެމަފިރިއަކު ބައިވެރިވި އެވެ. މި އަންހެންވެރިން އެމީހުންގެ ފިރިން ކޮނޑަށް ލައިގެން 100 މީޓަރަށް ދުވެފައި ވެއެވެ. މި މެރަތަންގެ ވީޑިއޯ އާއި ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. އެ ވީޑިއޯތަކުން ފެންނަނީ ފިރިމީހާ ކޮނޑުމަތީ ބާއްވައިގެން އަންހެނުން ފުލް ސްޕީޑުގައި ރޭސް ނިންމަން ދުވާ ތަނެވެ.

ފިރިމީހާ ކޮނޑަށް ލައިގެން ނޭޕާލު އަންހެނުން ރޭސް ޖަހަނީ

މި ރޭހުގައި ބައިވެރިވި ކޮންމެ ދެމަފިރިއަކަށް ވެސް ރޭސް ފުރިހަމަކުރިކަމުގެ ލިޔުމެއް ލިބުނެވެ.

މި އިވެންޓު އިންތިޒާމުކުރީ ލޯކަލް ވިލެޖު ކައުންސިލުންނެވެ. މި ކައުންސިލުގެ ޗީފް ދުރުގާ ބަހާދުރު ތާޕާ ބުނި ގޮތުގައި މި ރޭހަކީ ފައިސާގެ އިނާމު ލިބޭ ރޭހެއް ނޫނެވެ. މިއީ އަންހެނުންގެ ބާރުގަދަކަން ހާމަކުރަން ބޭއްވި ރޭހެކެވެ. އަދި އަންހެނުންނަކީ ފިރިހެނުންނަށް ވުރެ ބާރާއި ފަންވަރުގެ ގޮތުން ވެސް ދެރަ ބައެއް ނޫންކަން މި ރޭހުން ސާބިތުކޮށް ދެވިއްޖެ ކަމަށެވެ.

މި ރޭހުގައި ބައިވެރިވި ޕުޝްޕަތީ ޝްރެޝްތާ ބުނިގޮތުގައި މި ރޭސް އިންތިޒާމްކޮށްގެން އަންހެނުންނަށް އިސްކަންދީ އެމީހުންނަށް އިހުތިރާމް ކުރީތީ އުފާވެއްޖެ ކަމަށެވެ.

"އަހަރެން މި ރޭހުގައި ދުވީ އަހަރެންގެ ފިރިމީހާ ބުރަކަށިމައްޗަށް ލައިގެން. އަދި މިކަންކުރީ ވަރަށް ހިތްވަރާއި ސާބިތުކަމާއެކު. އެންމެ ފުރަތަމަ ރޭސް ނިންމި މީހުންގެ ތެރޭގައި ނުހިމެނުނަސް މިރޭހުގައި ބައިވެރިވެވުނީތީ ވަރަށް އުފާވެއްޖެ ކަމަށް ޕުޝްޕަތީ ބުންޏެވެ.

މި ރޭސް ޖަހާތަން ބަލާލަން ކައިރި އަވަށްތަކުން ވެސް ގިނަ އަދަދެއްގެ މީހުން އެ ރޭސް އޮތް ތަނަށް ޖަމާވެ ރޭހުގެ ބައިވެރިންނަށް ތަރުހީބުދީފައި ވެއެވެ.

ނޭޕާލުގެ ސަގާފަތުގައި އަންހެނުންގެ ދައުރު އޮންނަނީ ވަރަށް ހަނިކޮށެވެ. ވަރަށް ގިނަ ކަންތައްތައް އަންހެނުންނަށް ކުރުން މަނާކޮށްފައި އޮވެ އެވެ. މިސާލަކަށް މަރުވެފައި އޮތް މީހެއްގެ ގައިގައި އަތްލުން ވެސް އަންހެނުންނަށް މަނަލެވެ. މިފަދަ ވަރަށް ގިނަ ކަންކަން މަނާވެފައި އޮންނަތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ނަމަވެސް ކޮރޯނާވައިރަހުގައި މަރުވާ މީހުންގެ ތެރެއިން ގިނަ ބަޔަކު އުފުލައި އެމީހުންގެ ޖަނާޒާގެ ކަންތައް ފުރިހަމަކުރުމުގައި ނޭޕާލު އަންހެން ފުލުހުން މިހާރު އަމަލީ ގޮތުން ބައިވެރިވެ އެވެ.