ރައީސް މުހައްމަދު ނަޝީދު

އެންމެންގެ އިންތިޒާރު "ނަޝީދު" ޑްރާމާއަށް

ރާ އްޖޭގެ ތަރީހުގައި މިހާތަނަށް ބޭއްވުނު އެންމެ ވަދަވެރި ރިޔާސީ ޕްރައިމަރީ ނިންމާލުމަށްފަހު އެންމެން މިވަގުތު ތިބީ "އަރާމުކޮށްލަން" ގޭގަ އެވެ. ހިނގާދިޔަ އެތައް ކަމަކާ އެކު ނިމިގެންދިޔަ ޕްރައިމަރީ ހާއްސަވާ ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. އެމްޑީޕީގެ އިއްޔެގެ ޕްރައިމަރީ އަކީ ރާއްޖޭގެ ސިޔާސީ ކުރިމަގުގެ ޗާޓު ކުރަހައިދޭނެ ޕްރައިމަރީ އެކެވެ. އަދި ވަކިން ބޮޑަށް މި ޕްރައިމަރީ އަކީ އެމްޑީޕީ އެހެން ގޮތަކަށް ބަދަލުކޮށްލަން އާ ލީޑަޝިޕަކަށް ލިބުނު ފުރުސަތެކެވެ.

ވާދަވެރި އެތައް ކަމެއް ފެނިގެން ދިޔަ އެމްޑީޕީގެ ޕްރައިމަރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. ރައީސް ސޯލިހްގެ މި ކާމިޔާބީއާ ގުޅިގެން ވާދަވެރި ކެންޑިޑޭޓް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ގެންދަނީ ޕްރައިމަރީ އޮޅުވާލި ކަމަށް ތުހުމަތުކުރަމުންނެވެ. ސަރުކާރުގެ ވަސީލަތްތަކާއި ބާރުތައްވެސް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެ އެވެ.

"ރައީސް ސޯލިހަށް އެމްޑީޕީގެ ޕްރައިމަރީ ލިބުނީ ރައީސް ނަޝީދަށް ތާއީދުކުރާ 39،000 މެންބަރުން ޕާޓީން ވަކިކޮށްގެން. ސަރުކާރުގެ ވަސީލަތްތައް އަދި ކުންފުނިތައް ހިތުހުރި ގޮތަކަށް ބަހާލުމުން،" ހުސައިން އާދަމް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ސިޔާސީ ވާދަވެރިކަމާއި ބޮޑެތި ތުހުމަތުތަކުގެ ތެރެއިން އެމްޑީޕީގެ މެޖޯރިޓީ މެންބަރުން މިވަނީ ރައީސް ސޯލިހާއެކު އެމްޑީޕީ "ކުރިއަށް" ދިއުމަށް ނިންމާފަ އެވެ. އެކަމަކު އެމްޑީޕީގެ މެންބަރުންގެ ހިތުގައި މިހާރު އޮތް ސުވާލަކީ ޕާޓީގެ ރައީސް ނަޝީދު ދެން އަމަލުކުރައްވާނީ ކިހިނެއްތޯ؟ މި ސުވާލުގެ ޖަވާބަށް އެމްޑީޕީގެ މެންބަރުންގެ އިތުރުން ދިވެހި ގިނަ ރައްޔިތުންވެސް އިންތިޒާރު ކުރެ އެވެ. ރައީސް ނަޝީދު ނިންމަވާ ގޮތެއްގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަަސްރަހަށް ބަދަލު އަންނާނެ އެވެ. ނަޝީދު އަމަލުކުރައްވާނެ ގޮތަކަށް އިންތިޒާރު ކުރަންޖެހެނީ ވެސް އެހެންވެގެންނެވެ.

ޕްރައިމަރީގެ ކެމްޕޭންގައި ނ. ކެނދިކުޅުދޫއަށް ރައީސް ނަޝީދު ކުރެއްވި ޒިޔާރަތެއްގައި އާންމުންގެ މީހަކު ވަނީ އެމަނިކުފާނާ މުހިއްމު ސުވާލެއް ކޮށްފަ އެވެ.

"އެމްޑީޕީގެ ޓިކެޓް ރައީސް ސޯލިހަށް ލިބިއްޖެނަމަ އަމަލުކުރައްވާނީ ކިހިނެއްތޯ؟"

ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައީސް ޔާމީނާ އެކު ވެސް ރައީސް ސޯލިހާ އެކު ވެސް ރިޔާސީ ކެމްޕޭނަށް ނުނިކުންނަވާނެ ކަމަށެވެ. ޕްރައިމަރީ އެމަނިކުފާނަށް ގެއްލިވަޑައިގެންފިނަމަ އޮންނަވާނީ ގޭގައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. ގަބޫލުކުރައްވަން ދަތިފުޅުވި ނަމަވެސް ބޮޑު ބައްޔަކުން ރައީސް ނަޝީދު އެ ވަނީ ޕްރައިމަރީގައި ފެއިލްވެފަ އެވެ.

މިހިސާބުން ވެސް އުފެދޭ ސުވާލަކީ ރައީސް ނަޝީދު ސިޔާސީ ހަރަކާތްތައް މަޑުޖައްސާލުމަށްފަހު ގޭގައި އޮންނަވާނެތޯ އުފެދޭ ސުވާލެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް އެމްޑީޕީގެ މަޖިލިސް މެންބަރަކު ވަނީ މިސުވާލަށް ޖަވާބު ދެއްވާފަ އެވެ.

"ރައީސް ނަޝީދު ގޭގައި ނޯންނަވާނެ. އެއީ ވަރަށް ސާފުކޮށް އެނގޭ ކަމެއް. ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށް ބޭނުންވާ ބޭފުޅަކަށް ވާތީ އިދިކޮޅު ޕީޕީއެމްއާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަކަށްވެސް ގަބޫލެއް ނުކުރެވޭ. ބޮޑަށް ގަބޫލުކުރެވޭނީ ސިޔާސީ ހަގީގަތް ގަބޫލުކުރެއްވުމަށްފަހު ރައީސް ސޯލިހާ އެކު މަޑުން ހުންނަވާނެ ކަމަށް. އެ ނޫން ގޮތަކަށް އަމަލުކުރައްވައިފިނަމަ އެމަނިކުފާނަށް އެމްޑީޕީ ވެސް ގެއްލި ސިޔާސީ ހަޔާތް ވެސް ނިމެނޭ،" މާލެއަށް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހާ އެކު ރައީސް ނަޝީދު ހުންނަވާނީ ސިޔާސީ ގޮތުން މަޖުބޫރީ ހާލަތެއް ކުރިމަތިވެ ނަމެއްގައި ކަމަށެވެ. އަދި އެގޮތަށް ހުންނަވައިގެން ރައްޔިތުންގެ މަޖިލިސް ތެރެއިން އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނާއި އިދިކޮޅު މެންބަރުން ބޭނުންކުރައްވައިގެން ސަރުކާރަށް އުދަގޫ ކުރައްވާނެ ކަމަށް ބެލެވޭ ކަމަށެވެ. ރައީސް ސޯލިހާ ދެކޮޅަށް ރައީސް ނަޝީދު ފާޅުގައި މަސައްކަތް ނުކުރައްވާނަމަ އެއީ މިވަގުތަށް އެމްޑީޕީއާއި ސަރުކާރަށް މާބޮޑު މައްސަލައަކަށް ނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އަވަސްއާ ވާހަކަދެއްކެވި އެމްޑީޕީގެ ލީޑަޝިޕްގައި ހިމެނޭ އިސް ބޭފުޅަކު ވިދާޅުވީ ރައީސް ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ އެކު ނިކުންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެބޭފުޅުން ރައީސް ސޯލިހާ އެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްްކަތް ކުރައްވަނީ ރައީސް ނަޝީދުގެ އެހީތެރިކަން ލިބިވަޑައިނުގަންނަވާނެ ކަމަށް ބައްލަވައިގެން އެގޮތަށް ހިސާބުތައް ޖައްސަވައިގެން ކަމުގައިވެސް ވިދާޅުވި އެވެ. ބޮޑަށް ގާތީ ރައީސް ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުން ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތް ބުނަނީ ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެއޭ. ރައީސް ނަޝީދުގެ އެހީތެރިކަން އަޅުގަނޑުމެންނަށް ރައީސް ސޯލިހަށް ލިބިވަޑައިގެންފިނަމަ ކިތަންމެހާ ވެސް ރަނގަޅު. އެހެންނަމަވެސް ރައީސް ނަޝީދުގެ ބަސްމަގާއި އަމަލުތައް ހުންނެވީ ރައީސްއާ އެކު ކުރިއަށްދާ ގޮތަށް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އެމްޑީޕީގެ ލީޑަޝިޕްގައި މަސައްކަތް ކުރައްވާ ބޭފުޅަކު މަސްލަހަތަށްޓަކައި ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ނިމި ނަތީޖާ ސާފުވި ފަހުން 24 ގަޑިއިރުވެގެން ދިޔައީ އެވެ. ރައީސް ނަޝީދުގެ ހިލަމެއް ނުވެ އެވެ. ކުރިއަށް އަޅުއްވާނެ ފިޔަވަޅެއް ނޭނގެ އެވެ. ދެން ނިކުންނަވާ ކަންކުރައްވާނެ ގޮތެއްވެސް ސާފެއް ނޫނެވެ. އެހެންވެ ސިޔާސީ ހުރިހާ ކުލައެއްގެ މީހުން މިހާރު އިންތިޒާރުކުރަނީ ރައީސް ނަޝީދު "ފިކުރެއް" ދިރުވަން ނިކުންނަވާތީތޯ ނުވަތަ ރައީސް ސޯލިހާ އެކު "ކުރިއަށް" ވަޑައިގަންނަވާނީތޯ އޮތް ސުވާލުގެ ޖަވާބަށެވެ.