އުމަރު ނަސީރު

ބޮޑެތި ވައުދުތަކަކާ އެކު އުމަރު: އާ މިސްރާބަކަށް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެމަނިކުފާނުގެ ކެމްޕޭން ރޭ ލޯންޗުކުރެއްވީ ގިނަ ވައުތަކެއްވެ ވަޑައިގަންނަވަމުންނެވެ.

"އާ މިސްރާބަކަށް އުމަރު 2023" ޝިއާރާ އެކު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު އުމަރު ވިދާޅުވީ އެމްޑީޕީ އަދި ޕީޕީއެމްއަށް އެ ޕާޓީތަކުގެ ވެރިކަމުގައި ނުހުއްޓުވުނު ކަންކަމާއި ނުކޮށްދެވުނު ކަންކަން އެންމެ ފުރިހަމައަށް ކުރުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ.

ޕީޕީއެމް އުފެއްދުމުގައި އެމަނިކުފާނު އިސް ދައުރެއް އަދާކުރައްވާފައިވާނެ ކަމަށާއި އެ ޕާޓީގެ މެމްބަރުން އެމަނިކުފާނާ އެކު މި ދަތުރުގައި ވަޑައިގަންނަވާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ޕީޕީއެމްގެ މެންބަރުންނަކީ އަޅުގަނޑު އަހުން، އަޅުގަނޑަކީ ޕީޕީއެމް އުފެއްދި އެއް ފައުންޑަރު. އެހެންވީމަ އަޅުގަނޑަށް ޔަގީން ޕީޕީއެމްގެ މެންބަރުން އަޅުގަނޑާ އެކީގައި އަޅުގަނޑު މި ކުރާ ދަތުރުގައި ވަޑައިގަންނަވާނެ ކަން،" އުމަރު ވިދާޅުވި އެވެ.

އުމަރުގެ ރިޔާސީ ވައުދުފުޅުތައް:

 • ރާއްޖޭގެ އެންމެ އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުން
 • ރައްޔިތުންގެ މަޖިލިސް 50 މެންބަރުންނަށް ކުޑަކުރުން
 • ސްކޫލް ނިންމާ ކުދިން، މަދުވެގެން އެއް އަހަރު ދުވަހު ސިފައިންގެއަށް ހިދުމަތް ކުރުން
 • ލޯކަލް ގަވަރުންމެންޓް މިނިސްޓްރީ އުފައްދަވައި ކޮންމެ އަތޮޅަކު ގަވަރުނަރަކު ބެހެއްޓުން
 • މާލެ ސިޓީ ކައުންސިލް އުވާލުން
 • ސަރުކާރުގެ މުއައްސަސާތައް މަދުކޮށް، ދައުލަތް 30 ޕަސެންޓް ކުޑަކުރުން
 • އައްޑޫގައި ފްރީ ޓްރޭޑް ޕޯޓެއް ގާއިމުކުރުން
 • ކުދި ވިޔަފާރިތަކަށް ޓެކްސް ދައްކަން ނުޖެހުން
 • މިފްކޯ ޕްރައިވަޓައިޒްކޮށް މަސް ބަންދުކުރުމުގެ ވިޔަފާރި ސަރުކާރުން ދޫކޮށްލުން
 • ނޫސްވެރިންނަކީ ހުވައެއް ކޮށްގެން ތިބޭ ބަޔަކަށް ހެދުން
 • ރާއްޖެއިން އިންޑިއާ ސިފައިން ބޭލުން
 • ރަށްރަށުގެ އިންޖީނުގެތައް ކައުންސިލާ ހަވާލުކުރުން
 • ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންނަކީ މެދު އަދި މަތީ ފަންތީގެ ވަޒީފާތައް އަދާކުރާ ބަޔަކަށް ހެދުމުގެ ގޮތުން ތަމްރީނުކުރުން
 • ކުށްތަކަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހުކުމްތައް ތަންފީޒުކުރުން

އުމަރު ވަނީ 2008 ވަނަ އަހަރު އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް ހަދައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފަ އެވެ. އަދި އޭގެފަހުން ޕީޕީއެމްއާ ގުޅިވަޑައިގެން 2013 ވަނަ އަހަރު އޮތް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވި އެވެ. ނަމަވެސް މި ދެ ފަހަރުވެސް އުމަރަށް ކާމިޔާބެއް ލިބިވަޑައެއް ނުގެންނެވި އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން އުމަރު ނިންމަވާފައިވާއިރު ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. އެމްޑީއޭގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ. ޖޭޕީން އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ހުންނެވީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން މާފުށީ ޖަލުގަ އެވެ. މަތީ މަރުހަލާގެ ކޯޓަކުން އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ބާތިލް ނުކުރާހާ ހިނދަކުން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.