އުމަރު ނަސީރު

ގަދަކަމުންވިޔަސް އިންޑިއާ ސިފައިން ބާލާނަން: އުމަރު

އިންޑިއާ ސިފައިން ރާއްޖެއިން ނުފައިބާނެ ކަމަށާއި އެމީހުން ބާލަން ޖެހޭނީ އަތުގައި ހިފައިގެން ގޮސް ބޯޓަށް އަރުވައި ފޮނުވާލައިގެން ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން އިންތިޒާމުކުރި ރިޔާސީ ބަހުސްގައި އުމަރު ނަސީރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ނުރައްކަލެއް ކަމަށާއި އެކަމުގެ ސަބަބުން މިނިވަންކަމަށް ހިޔަނި އެޅިފައިވާ ކަމަށެވެ.

"މީގެ ކުރިން ތިން ސަރުކާރެއް އައިސް ގޮސްފި. އިންޑިއާ ސިފައިން ރާއްޖޭގައި ތިބި. ރާއްޖޭގައި އިންޑިއާ ސިފައިންވީ އިތުރު،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި 200 އެއްހާ އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭކަން އޭނާ 2019 ވަނަ އަހަރު ސަމާލު ކަމަށް ގެނައުމުން އޭރު ބައެއް ސިޔާސީ ފަރާތްތަކުން މަލާމާތްކުރި ކަމަށް އުމަރު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރި ކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތުން ހެލިކޮޕްޓަރުތަކާއެކު ރާއްޖެއިން ދިއުމަށް ޔާމީން އެންގެވި ނަމަވެސް އިންޑިއާ ސިފައިން ނުދިޔަ ކަމަށް ޔާމީން ސަރުކާރުގައި ހޯމް މިނިސްޓަރުކަންވެސް ކުރެެއްވި އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ ސިފައިންގެ ވިސާ ކެންސަލް ކުރުމުންވެސް ނުދިޔަ ކަމަށާއި ހެލިކޮޕްޓަރު ބާއްވާފައި އޮތްތަނުން ކަރަންޓު ކަނޑާލުމުންވެސް އެ މީހުން ނުދިޔަ ކަމަށެވެ.

"އިންޑިއާ ސިފައިން ނުބޭއްލޭނެ އިނގޭތޯ އިންޑިއާ ފަސްޓް ޕޮލިސީއަކަށް. އިންޑިއާ ސިފައިން ބޭލޭނީ ހަމަ އަތުގައި ހިފައިގެން ގެންގޮސް މަތިންދާބޯޓަށް އަރުވަންޖެހޭނީ. އެނޫން އެއްވެސް ގޮތެއް ނޯންނާނެ،" އުމަރު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ބޭލުމަށް ވަރުގަދަ ލީޑަރެއް ބޭނުންވާ ކަމަށް އުމަރު ވިދާޅުވި އެވެ.