އުމަރު ނަސީރު

މި ސަރުކާރުގެ ސަބަބުން ހާރިޖީ ސިޔާސަތުގެ ކޮންޓްރޯލް ގެއްލިއްޖެ: އުމަރު

މި ސަރުކާރު އައިފަހުން ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކޮންޓްރޯލް މުޅިން ގެއްލިފައިވާ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން އިންތިޒާމުކުރި ރިޔާސީ ބަހުސްގައި އުމަރު ނަސީރު ވިދާޅުވީ މި ސަރުކާރުން އިންޑިއާއަށް ބަރޯސާވަމުންދާ ކަމަށާއި އިންޑިއާ ފަސްޓް ޕޮލިސީ ދޫކޮށްލަންޖެހޭ ކަމަށެވެ.

އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން ދިވެހިންނަށް ލިބުނީ ކުރިއެރުމެއް ނޫން ކަމަށާއި އެ ޕޮލިސީގެ ސަބަބުން ދިވެހިންނާ އެހެން ގައުމުތަކާ ޖެހިފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިންޑިއާއަށް ބަރޯސާވެ، އިންޑިއާ އަތުން އަޅުގަނޑުމެން ދަރަނި ނަގާ، އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން އެމީހުންގެ ސިފައިން މިތާ ބައިތިއްބާ، އަޅުގަނޑުމެންގެ އަތުން ކަނޑުގެ ބައެއް އިހަކަށްދުވަހު ގެއްލިގެން ދިޔައީވެސް އިންޑިއާގެ ޕްރެޝަރުގައި މި ސަރުކާރުން ދޫކޮށްލައިގެން،" އުމަރު ނަސީރު ވިދާޅުވި އެވެ.

އުމަރު ނަސީރު ވިދާޅުވީ އިންޑިއާ ފަސްޓް ނުވަތަ ޗައިނާ ފަސްޓް ޕޮލިސީ ނުގެންގުޅުއްވާނެ ކަމަށާއި ގެންގުޅުއްވާނީ މޯލްޑިވްސް ފަސްޓް ޕޮލިސީ ކަމަށެވެ.

އިންޑިއާ އާއި ޗައިނާއަކީ ބޮޑު ދެ އިގުތިސާދުކަން ފާހަގަކުރައްވާ އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި އެ ދެގައުމާއެކު އިގުތިސާދީ ގުޅުން ބާއްވަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެއްވެސް ގައުމެއްގެ އުނގަށް އަޅުގަނޑުމެން އަރައިފިއްޔާ. އެއީ ޗައިނާ އުނގަށް އަޅުގަނޑުމެން އެރި ކަމަށް ވިޔަސް އިންޑިއާ އުނގަށް އެރި ކަމަށް ވިޔަސް މި ގައުމުގެ މިނިވަންކަންވެސް ފުނޑުފުނޑުވެގެންދާނެ އަދި މިގައުމުގެ އިގުތިސާދުވެސް ފުނޑުފުނޑުވެގެންދާނެ،" އުމަރު ވިދާޅުވި އެވެ.