ނައިފަރު

ޅ. އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ހިދުމަތް ފަށައިފި

ޅ. އަތޮޅު ހޮސްޕިޓަލްގައި ޑައިލަސިސްގެ ހިދުމަތް ފަށައިފި އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގެ ޑައިލަސިސް ސެންޓަރު ހަދާފައިވަނީ އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިމްމާގެ ދަށުން ކޮށްދިން މަސައްކަތެއްގެ ގޮތުގަ އެވެ

މި ސެންޓަރުގެ މަސައްކަތް ނިންމާ ހޮސްޕިޓަލާ ހަވާުލުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ސެންޓަރުގައި ރަސްމީކޮށް ހިދުމަތް ދޭން ފެށީ މިއަދު އެވެ.

މި ސެންޓަރަކީ ކިޑްނީ ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުންނަށް ހިދުމަތް ދިނުމަށް ހާއްސަ ސެންޓަރެކެވެ. އެގޮތުން ބަލި މީހުންނަށް ހާއްސަ ތިން އެނދާއި ޑައިލިސިސް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައްވެސް މި ސެންޓަރުގައި ހުރެ އެވެ.

ޅ. ނައިފަރުގައި މިފަދަ ސެންޓަރެއް ގާއިމު ކުރުމުގެ މަގުސަދަކީ މިސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން މި ސެންޓަރުގެ ސަބަބުން މި ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުން މާލެ އައުމުގެ ބަދަލުގައި ރަށުގައި ތިބެގެން ނުވަތަ ޅ. އަތޮޅުން ވީހާވެސް ގާތުން ފަސޭހަ ކަމާއެކު ހިދުމަތް ލިބިގެން ދާނެ އެވެ.

މީގެ އިތުރުން ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރަންޖެހޭ ހޭދައާއި، ހިދުމަތް ހޯދުމުގައި އުފުލަންޖެހޭ ތަކްލީފުތަކަށް މިސެންޓަރުގެ ސަބަބުން އެތައް ތަނެއް ލުއި ވެގެން ދާނެ އެވެ.

އަށް ލައްކައަށް ވުރެށް ގިނަ ރުފިޔާ ހަރަދުކޮށްގެން އެމްޑަބްލިއުއެސްސީ އިން ހަދާފައިވާ ސެންޓަރާ ގުޅޭގޮތުން އެ ކުންފުނިން ބުނެފައިވަނީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދިވެހި މުޖްތަމައަށް ލާބަޔާ މަންފާ ލިބޭ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.