ނައިފަރު

ޅ. އަތޮޅު ހޮސްޕިޓަލަށް ވަގުތީ އޮޕަރޭޝަން ޑޮކްޓަރެއް

ޅ. އަތޮޅު ހޮސްޕިޓަލުގައި ހުރި ހަމައެކަނި އޮޕަރޭޝަން ޑޮކްޓަރު ފިލުމުން ވަގުތީ ގޮތުން ހއ. ދިއްދޫގައި ހުރި އޮޕަރޭޝަން ޑޮކްޓަރެއް ގެންނަން ނިންމައިފިއެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގައި ކުރިން ހުރި އޮޕަރޭޝަން ޑޮކްޓަރު އަންގާނުލާ އެމެރިކާއަށް ފުރައިގެން ދިޔަ މައްސަލަ ހެލްތް މިނިސްޓްރީން މިހާރު އަންނަނީ ބަލަމުން ނެވެ. މިގޮތުން އޭނާ ބޮޑު ޖޫރިމަނާއެއް އަދާކުރަންޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"ގަވައިދާ ހިލާފަށް ފިލައިގެން ދިޔައިމަ އެކޮޅު ސަރުކާރާ ދިވެހި ސަރުކާރަށް ވެސް އޭނާ ޖޫރިމަނާ އަދާ ކުރަަންޖެހޭނެ،" ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ޝަތުފާ ވިދާޅުވި އެވެ.

ފިލައިގެން ދިޔަ ކިއުބާއަށް ނިސްބަތްވާ ޑޮކްޓަރު މާލެ އައީ ދެ ދުވަހުގެ އޮފެއް ނަގައިގެން މީހަކާ އެއްޗެއް ހަވާލުކުރަން ކަމަށް ބުނެ އެވެ. ނަމަވެސް، ދެ ދުވަސް ވީއިރުވެސް އޭނާ އަނބުރާ ނައުމުން މައްސަލަ ބެލިއިރު އޭނާ ހުރީ އެމެރިކާގަ އެވެ.

ކިއުބާގެ ޑޮކްޓަރު ފިލުމުގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލުގައި ދެ އޮޕަރޭޝަން ޑޮކްޓަރުން ތިބެއެވެ. އޭގެ ތެރެއިން އެކަކު މި ދުވަސްކޮޅު ހުރީ ޗުއްޓީގައެވެ.