މިނިސްޓްރީ އޮފް ހެލްތު

އިތުރު ދެ ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަނީ

ބ. އޭދަފުއްޓާއި ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށް މެޝިންތައް އިންސްޓޯލްކޮށް ހިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށް ހެލްތު މިނިސްޓްރީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތިން ހޮސްޕިޓަލެއްގައި ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާއިރު އޭދަފުށްޓާއި ނައިފަރު އަތޮޅު ހޮސްޕިޓަލުގެ ހިދުމަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.

އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޅ. ނައިފަރު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ މިއަދު ވިދާޅުވީ ޑައިލިސިސްގެ ހިދުމަތް ފެށުމަށް އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މެޝިންތައް ބަހައްޓާ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ދެ މުވައްޒަފަކު ވަނީ އައިޖީއެމްއެޗްގައި ދެމަސް ދުވަސް އަދި ލާމު އަތޮޅުގައި އެއްމަސް ދުވަހުގެ ހާއްސަ ތަމްރީނުތަކެއްވެސް ހަދާ ޑައިލިސިސް ގެ ހިދުމަތް ދިނުމަށް ތަމްރީން ކުރެވިފައި" ޖައުފަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިދުމަތް ފެށުން ލަސްވާ މައިގަނޑު ސަބަބަކީ އޮޕަރޭޝަން ތިއޭޓަރުގައި މައްސަލަތަކެއް ހުރުން ކަމަށެވެ.

ޖައުފަރު ވިދާޅުވީ ތިއޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މިކަމަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މަސައްކަތްތައް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު އަންނަ މަހުގެ ފަހުކޮޅު ޑައިލިސިސްގެ ހިދުމަތް ރަސްމީކޮށް ފެށޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޑައިލިސިސް މެޝިން ގާއިމުކޮށްފައިވާ ބ. އޭދަފުށީ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު އަވަސްއާއި ވާހަކަދައްކަވަމުން ވިދާޅުވީ އޭދަފުށީގައި ވެސް ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީއާއި އެހެނިހެން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.

މި ހިދުމަތް ފެށުމަށް ބޭނުންވާ ބައެއް މެޑިކަލް ސާމާނު މިހަފްތާގެ ތެރޭގައި އެސްޓީއޯ މެދުވެރިކޮށް ލިބޭނެ ކަމަށާއި އެތަކެތި ލިބުމާ އެކު ހިދުމަތް ދޭން ފެށޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އޭދަފުށީ ހޮސްޕިޓަލުގައިވެސް ޑައިލިސިސްގެ ހިދުމަތް ފެށުމަށްޓަކައި މުވައްޒަފުން ތަމްރީންކޮށްފައިވާ ކަމުގައި ވިދާޅުވި އެވެ.

"މިއަތޮޅުގަ އެބަތިބި 14 ވަރަކަށް އާއިލާ މި ހިދުމަތް ބޭނުންވެފައި. އެހެންވީމަ މިއީ އެހުރިހާ އާއިލާތަކަށް ވެސް ލިބުނު ފަސޭހައެއް އަދި ހޮސްޕިޓަލަށް ލިބުނު ކުރިއެރުމެއް،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މި ދެ ހޮސްޕިޓަލުގެ އިތުރުން ށ. ފުނަދޫ ހޮސްޕިޓަލުގައިވެސް ޑައިލިސިސްގެ ހިދުމަތް ފެށުމށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން ވަރަށް ގިނަ އެވެ. އެފަދަ މީހުންނަށް ހިދުމަތް ދިނުމަށްޓަކައި ޑައިލިސިސް ސެންޓަރުތައް އެކި ސަރަހައްދުގައި ގާއިމުކުރަމުން ގެންދާއިރު އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ޏ. ފުވައްމުލަކު ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހިދުމަތް މިހާރުވެސް ވަނީ ފަށާފަ އެވެ.