ނައިފަރު

ޅ. އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރު ފިލައިފި

ޅ. އަތޮޅު ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ އޮޕަރޭޝަން ޑޮކްޓަރު ފިލައިގެން އެމެރިކާއަށް ހިގައްޖެ އެވެ.

މި މައްސަލައާއި ގުޅިގެން އަވަސްއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ޝަތުފާ ވިދާޅުވީ އެ ޑޮކްޓަރު ފުރައިގެން ދިއައިރު ހެލްތް މިނިސްޓްރީއަށް ވެސް އަންގާފައި ނުވާ ކަމަށެވެ. އަދި އޭނާ މިވަގުތު ހުރީ އެމެރިކާގައި ކަމަށް ވެސް ވިދާޅުވި އެވެ.

"ދެ ދުވަހުގެ އޮފެއް ނަގައިގެން އޭނަ މާލެ އައީ މީހަކާ އެއްޗެއް ހަވާލުކުރަން ކަމަށް ބުނެފައި. ދެ ދުވަސް ވީއިރު އަނބުރާ ޑިއުޓީއަށް ނައީމަ އަތޮޅު ހޮސްޕިޓަލުން ބެލިއިރު ފޯނު ވެސް ނިއްވާލާފައި އޮތީ،" ޝަތުފާ ވިދާޅުވި އެވެ.

މިގޮތަށް ފިލައިގެންދާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމުގައިވެސް ޝަތުފާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝަތުފާ ވިދާޅުވީ ޅ. އަތޮޅު ހޮސްޕިޓަލަށް އާ އޮޕަރޭޝަން ޑޮކްޓަރެއް މި ހަފްތާ ތެރޭ ހަމަޖެހިގެންދާނެ ކަމަށެވެ.

އަންގަން ޖެހޭ ފަރާތްތަކަށް ނާންގާ ރަށް ރަށުގައި ތިބޭ ޑޮކްޓަރުން ފިލައިގެންދާ މައްސަ؛ލަ މީގެން ކުރިން ވެސް ހެލްތް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އިމިގްރޭޝަނާ އެކު މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.