މާލޭ ސްވިމިން ޓްރެކް ބަންދު ކުރުމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.
ސްވިމިން ޓްރެކު ބަންދު ކުރަން އެ އެސޯސިއޭޝަން އިން ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަކާ ގުޅިގެންނެވެ.
މި ނިންމުން ނިންމީ ހެލްތު މިނިސްޓްރީގައި އިއްޔެ ކަމާ ގުޅޭ ފަރާތްތަކުން ބައްދަލު ކުރުމަށް ފަހުގަ އެވެ. މި ބައްދަލުވުމުގައި އެމްޑަބްލިއުއެސްސީ އާއި ސްޕޯޓްސް މިނިސްޓްރީ އާއި ރެގިއުލޭޝަން އޮތޯރިޓީ އަދި ސްވިމިންގް އެސޯސިއޭޝަން އިން ވަނީ ބައިވެރިވެފަ އެވެ.
އެޗްޕީއޭ އިން ޓްރެކު ބަންދު ކުރުމަށް ނިންމީ މޫސުމަށް އަންނަ ބަދަލުތަކާއެކު ޓްރެކާ ދިމާލުގެ މޫދުގެ ލޮނުގަނޑުގައި ވަރަށް ބޮޑަށް ނަޖިސް އުފެދިފައިވާ ކަމަށް އެޗްޕީއޭ އިން އެންމެ ފަހުން ހެދި ޓެސްޓު ތަކުގެ ނަތީޖާއިން ދައްކާފައިވާތީ އެވެ.
ދާދީ ފަހަކުން މާލޭގައި ފެތުރެމުންދިޔަ ނޯރޯވައިރަސްގެ ރޯގާ ފެތުރެން މެދުވެރިވި ސަބަބު ހޯދުމުގެ ގޮތުން އެޗްޕީއޭ އިން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ނަޖިސް އުފެދިފައިވާ މިންވަރު ބެލުމަށް ޓެސްޓް ތަކެއްވެސް ކުރަމުންނެވެ.
ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިދުވަސް ކޮޅު ސްވިމިން ޓްރެކަށް އެރި އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެޗްޕީއޭ އިން އަންގާފައިވާތީ އާންމުން އެކަމަށް ސަމާލުވުމަށް އެދޭކަމަށެވެ.