އެޗްޕީއޭ

ރާއްޖޭގައި އެމްޕޮކްސްއަށް ޓެސްޓް ކުރެވޭ ގޮތް ހަދަނީ

އެމްޕޮކްސް އަކީ ސިއްހަތަށް ނުރައްކާތެރި ބައްޔެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައި ވާތީ ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންނާއި ސަވެއިލަންސް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓކަޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއް ބުނީ ރާއްޖެއަށް އެމްޕޮކްސް އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަނެ ބަލިފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ޓެސްޓުކުރުމާއި ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު މިބަލި ހަލުވިކަމާއި އެކު ފެތުރެމުންދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައި ކަމަށެވެ. 2022 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 116 ގައުމަކުން އެމްޕޮކްސް ޖެހިފައިވާ 99،000 އަށް ވުރެ ގިނަ މީހުން ފެނިފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެމްޕޮކްސްއަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އަދި އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައެޅީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

އެޗްޕީއޭ އިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އެގޮތަށް އިއުލާންކުރީ އެމްޕޮކްސް އަކީ ކުރިން ހަމައެކަނި އެފްރިކާގެ ގައުމުތަކުގައި އޮތް ބައްޔަކަށް ވެފައި މިހާރު މި ބަލީގެ އައު ސްޓްރެއިނެއް ފެނި އެހެން ގައުމުތަކަށް ބަލި ފެތުރެމުން ދާތީ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އެމްޕޮކްސްގެ މިހާރު ފެތުރެމުންދާ ސްޓްރެއިން އާންމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުން ކަމުގައިވީ ނަމަވެސް އެހެން ގޮތްގޮތުންވެސް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެމްޕޮކްސް ފެތުރިދާނެ ގޮތްތައް

  • ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުން
  • ބަލި މީހާ ބޭނުންކުރާ ހެދުން، ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތި ބޭނުންކުރުން
  • ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން
  • ބަލި ޖެހިފައިވާ ޖަނަވާރަކާއި ކޮންޓެކްޓްވުން

އެމްޕޮކްސްގައި އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ގައިގައި ރިއްސުމާއި، ވަރުބަލިވުމާއި ގޮށްލުން އަދި ހަމުގައި ބިހި ނެގުން ހިމެނެ އެވެ.

ގިނަ ފަހަރަށް މި ބަލި އަމިއްލަ ޒާތުގައި ރަނގަޅުވީ ނަމަވެސް ބަލީގެ ހާލަތަށް ބަލައި ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހޭ ހާލަތު މެދުވެރިވާ ކަމަށް ވސް އެޗްޕީއޭގެ ބަޔާނުގައި އެވެ. މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލައި، ފޯރުކޮށްދެވެނީ ސަޕޯޓިވް ފަރުވާއެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.