ހުޅުމާލޭގައި ހެދި ސަރުކާރުގެ ފުރަތަމަ އޮފީސް އިމާރާތާ އެކު ދައުލަތުގެ ހަރަދު ކުޑަކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ސަރުކާރުގެ އަލްމަރްހޫމް އުމަރު ޒާހިރުގެ ނަންފުޅުން ނިސްބަތްކޮށް ހުޅުމާލޭގައި ހަދާފައިވާ ސަރުކާރުގެ ފުރަތަމަ އޮފީސް އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.
މިރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ މިއީ ސަރުކާރުގެ އޮފީސް އިމާރާތުގެ ދަތިކަން ވަރަށް ބޮޑުވެ ސަރުކާރުގެ އޮފީސް އިމާރާތަކަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ވަގުތެއް ކަމަށެވެ. ސަބަބަކީ ސަރުކާރުގެ އެތައް އޮފީހެއް ހިންގަމުން އައިސްފައިވާ ހުރަވީ ބިލްޑިން ތަޅާލާފައިވުމާއި ޣާޒީ ބިލްޑިން ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވުން ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އޮފީސްތައް ހިންގުމަށް މިވަގުތު އެކަށީގެންވާ އަދަދަށް އިމާރާތްތައް ނެތުމުން ސަރުކާރުގެ އޮފީސް އިމާރާތްތައް ހިންގުމަށް ބޮޑު ކުލި ދައްކާފައި އަމިއްލަ އިމާރާތްތައް ކުއްޔަށް ހިފަންޖެހޭ ކަމަށާއި ކުއްޔަށް ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށެވެ.
"މިއިމާރާތް ހުޅުވުމުން މިކަންކަމަށް ހައްލު ލިބި ދައުލަތުން އޮފީސް ތަކަށް ކުރާ ހަރަދު ކުޑަވެގެންދާނެ. އަދި މި އޮފީސް އިމާރާތް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ކުއްޔަށް ކުރާ ހަރަދު ކުޑަކުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި 2006 ވަނަ އަހަރު ސަރުކާރުގެ އޮފީސްތައް ހިންގުމަށް އޮފީސް އިމާރާތެއް އެޅިފަހުން މިހާތަނަށް ސަރުކާރު އޮފީސް އިމާރާތެއް އަޅާފައި ނުވާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން ސަރުކާރު އޮފީސްތައް ހިންގަން އަދި އޮފީސް އިމާރާތް ބޭނުންވާ ކަމަށާއި އެފަދަ އިމާރާތެއް އެޅުމުގެ ޕްލޭން ސަރުކާރުގައި އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުޅުމާލެ އޮފީސް އިމާރާތުގައި ހިތްހަމަޖެހޭ މާހައުލެއް އެބައޮތް ކަމަށާއި އަދި މުވައްޒަފުންނަށް ހިތްފަސޭހަކަން ލިބިގެންދާނެ ތަނަކަށް މި އިމާރާތް ވެގެންދާނެ ކަމަށެވެ.
ސަރުކާރުގެ އޮފީސް އިމާރާތެއް މާލޭގައި ނޫން ގޮތަކަށް ފުރަތަމަ ފަހަރަށް ހުޅުވިގެން މިދިޔައީ މާލެއާ މުޅިން ވަކިން އޮތް ހުޅުމާލޭގައި ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އެހެންވެ މާލޭގެ ހަލަބޮލި މާހައުލުން ނިކުމެވި ހުޅުވިފައިވާ މާހައުލެއްގައި މަސައްކަތް ކުރުމަށް މަގުފަހިވެގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރްހޫމް އުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްކޮށް، ސަރުކާރުގެ އޮފީސް އިމާރާތެއް ހުޅުވޭކަމީ، އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ ކުލަގަދަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އުމަރު ޒާހިރަކީ ދިވެހި ދައުލަތަށް އިހްލާސްތެރިކަމާއި އެކު ދިގުމުއްދަތެއްގައި ހިދުމަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އުމަރު ޒާހިރު އޮފީސް އިމާރާތް ބިނާކުރެވިފައި ހުރި ހުޅުމާލެއަކީ އުމަރު ޒާހިރުގެ ވަރަށް ރޭވުންތެރި މަސައްކަތްތަކަކާއެކު ވުޖޫދުވެގެން އައި ރަށެއް ކަމަށެވެ.