ފަހި ދިރިއުޅުން ކޯޕަރޭޝަން

ފްލެޓްތައް ފުރިހަމަކުރަން އިތުރު 454 މިލިއަން ރުފިޔާ ބޭނުންވޭ

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރަމުންދާ 4،000 ފްލެޓް މަޝްރޫއުގެ ސްކޯޕްގައި މިދިޔަ ސަރުކާރުން ބައެއް މުހިންމު މަސައްކަތް ހިމަނާފައިނުވާ ކަމަށާއި އެކަންކަމަށް އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

ހަމްދާން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކުގެ މަސައްކަތް މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިމަނާފައިނުވާ ކަމަށެވެ.

މީގެ އިތުރުން ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާ ކަނެކްޝަން ލިބޭނެ ޖީޕޮން ނެޓްވޯކާއި ކުނި ނައްތާލުމުގެ ނިޒާމުގެ އިތުރުން ލޭންޑްސްކޭޕިންގެ މަސައްކަތްވެސް ސްކޯޕްގެ ތެރޭގައި ހިމަނާފައިނުވާ ކަމަށެވެ.

ހަމްދާން ވިދާޅުވީ މި ކަންކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގައި އެ މަޝްރޫއު ފެށުމަށްފަހު 22 މަސް ދުވަހުގެ ތެރޭގައި ޖަހާފައިވަނީ 216 ސްލެބް އެވެ. ނަމަވެސް މި ސަރުކާރުން ފާއިތުވީ ހަތަރު މަސް ދުވަހުގެ ތެރޭގައި 192 ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ.

މަޝްރޫއުގެ ހުލާސާއެއް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އެފްޑީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.

އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.