ފަހި ދިރިއުޅުން ކޯޕަރޭޝަން

ފަހި ދިރިއުޅުން ފްލެޓްތަކުގެ ޕައިލް ޖަހަން ފަށައިފި

Jun 12, 2022

ހުޅުމާލޭގެ ފޭސް ދޭއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަޅާ ސޯޝަލް ހައުންސިލް ފްލެޓުތައް ޕައިލް ކުރަން ފަށައިފި އެވެ.

އާއްމުންނަށް އަތް ފޯރާ ފަށަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން އުފެއްދި ސަރުކާރުގެ ކުންފުނި ކަމަށްވާ އެފްޑީސީ އިން ބުނީ އެފްޑީސީ އާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓަޑާ ގުޅިގެން އަޅާ ފްލެޓުތަކުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2000 ފްލެޓު އަޅާނެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހަދާ މި ފްލެޓުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާއިން 34 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫއުތަކުގެ ގްރައުންޑް ފްލޯ އަދި ފަސްޓްފޮލޯގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕާކިން ޒޯނެކެވެ. ކޮންމެ ޓަވަރެއް ވެސް ޑިޒައިންކޮށްފައި ވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭގޮތަށެވެ. އަދި ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ހިމަނައިގެންނެވެ. މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި އަށް ރެޒިޑެންޝިއަލް ޔުނިޓް ވެސް ހުންނާނެ އެވެ.

މި މަޝްރޫއު ހިންގަން އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން 228 މިލިއަން އެމެރިކާ ޑޮލަރު ދޫކުރަން ވަނީ ނިންމައިފަ އެވެ. އޭގެތެރެއިން 34 މިލިއަން ޑޮލަރު މިހާރު ވަނީ ދޫކޮށްފަ އެވެ.