ވިޔަފާރި

ފާފުދާލުން އިންޑިއާ ކުންފުންޏަކާ ގުޅިގެން 2،000 ޕްލެޓް އަޅަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން (ފާފުދާލު) އިން އިންޑިއާގެ އެންބީސީސީ ކުންފުންޏާ ގުޅިގެން ހުޅުމާލޭގައި 2،000 ޕްލެޓް އަޅަން ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) ކޮންޓްރެކްޓަރުގައި ސޮއިކޮށްފި އެވެ.

ބޯހިޔާވަހި ކަމުގެ މަޝްރޫއުތައް ހިންގަން މި ސަރުކާރުން އުފެއްދި ކުންފުނި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ 2،000 ފްލެޓު އަޅަން ހިންގާ މަޝްރޫއުގެ އަގު 130 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 130 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އިން ވަނީ ނަގާފަ އެވެ. މި ލޯނު ފާފުދާލަށް ދީފައި ވަނީ ދިވެހި ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެންނެވެ.

ފާފުދާލާ ގުޅިގެން ރާއްޖޭގައި ފްލެޓް އަޅާ އިންޑިއާގެ އެންބީސީސީއަކީ ޕްރޮޖެކްޓް މެނޭޖުމަންޓާއި ރިއަލް އެސްޓޭޓް ޑިވްލޮޕްމެންޓް އަދި އީޕީސީ ކޮންޓްރެކްޓުގެ މަސައްކަތް ކުރާ އިންޑިއާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.

ފާފުދާލު އުފެއްދި ފަހުން މިހާތަނަށް ބޯހިޔާވަހި ކަމުގެ މަޝްރޫއެއް ހިންގާފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި 1700 ހައުސިން ޔުނިޓް އަޅަން އެ ކުންފުންޏާއި ޗައިނާގެ ކުންފުންޏަކާ ސޮއިކުރި އެވެ. ނަމަވެސް މި މަޝްރޫއަކީ ކުރީގެ ސަރުކާރުން ހިންގަން ނިންމައި ލިޔެކިއުންތައް ފުރިހަމަ ކޮށްގައިވާ މަޝްރޫއެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުން މަޖިލީސް މި ދައުރަށް ހުޅުވައި ދެއްވަމުން ދެއްވި ބަޔާނުގައި ވަނީ މި އަހަރުގެ ނިޔަލަށް 5،000 ފްލެޓުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން، މިކްސްޑް މޮޑަލްގެ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.