ހުޅުމާލެ

ފްލެޓު އަޅަން ކުންފުނިތަކަށް ދިން ބައެއް ބިންތައް އަތުލައިފި

Nov 23, 2021

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓު އަޅަން ހަވާލުކުރި ބައެއް ބިންތައް ކުންފުނިތަކުގެ އަތުން އަތުލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމެޓީ (އެސްއޯއީ) ގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ ގެދޮރު އަޅަން ހަވާލުކުރި ބައެއް ބިންތަކެއް ސަރުކާރު ކުންފުނިތަކެއްގެ އަތުން ވަކި ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އަތުލާފައި ވަނީ ކޮން ކުންފުންޏެއްގެ ބިންތަކެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

"ބައެއް ބިންތައް ހުސްކުރަމުން އެބަ ގެންދަން. ބައެއް އެސްއޯއީ [ސަރުކާރު ކުންފުނިތަކުން] ބިންތައް ވާނީ ވަކިކޮށްފަ. އެ ބިންތައް އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެ އަށް ވާނީ ލާފަ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓެއް ހެދުމަށްފަހު އެ ކޮންޓްރެކްޓު ބާތިލް ކުރެވޭނީ ކޮންޓްރެކްޓުގެ ތެރެއިން ލާފައި ކަމަށެވެ.

"އެއްވެސް ކޮންޓްރެކްޓަކުން ނުނިކުމެވޭނެ ސްޓްރައިޓް ފޯވަޑްކޮށް. މިހާރު ސަރުކާރުގެ ސިޔާސަތެއް ނޫން އެސްއޯއީއިން ފްލެޓު އެޅުން. މިހާރު ވެސް ސަރުކާރުގެ ދެ އެސްއޯއީ އެބައޮތް [އެޗްޑީސީ އާއި އެފްޑީސީ] ހައުސިންއަށް،" އަސްލަމް ވިދާޅުވި އެވެ. "އެ ދެތަން މެދުވެރިކޮށް ހައުސިން ޑިވްލޮޕް ކުރާނީ. ދެން އޭގެ ކުރިން ދީފައި ހުރި ކޮންޓެކްޓްތައް. އެމްޓީސީސީ ވެސް އުޅެނީ އާބިޓްރޭޝަންގައި. އެޑްވާންސްޕޭމަންޓް ދައްކާފަ އިނީ ކޮންޓްރެކްޓާއެކީގަ. އެމްއެންޔޫވެސް 15 ޕަސެންޓް އެޑްވާންސް ޕޭމަންޓް ދައްކާފަ."

އެއް ކޮޓަރީގެ ފްލެޓްގެ ބިޒްނަސް މޮޑެލަކީ ކުންފުނިތަކުން އަޅާ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމެންޓްތަކުގެ 50 ޕަސެންޓް ސަރުކާރަށް ވަކި ރޭޓެއްގައި ވިއްކުމެވެ. މި ޕްލޭންގެ ދަށުން ސަރުކާރުން 500 އެއްހާ މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެނގިފައިވެ އެވެ. ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ އާއި އެމްޕީއެލް އަދި އެމްއޭސީއެލް އާއި އެމްޓީސީސީ އެވެ. އެންމެ އަވަހަށް ނިމޭނެ ކަމަށް ބެލެވެނީ އެމްއޭސީއެލް ފްލެޓުތަކެވެ. އެ ފްލެޓުތައް އަންނަ މަހު ނިމޭއިރު ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ އެވެ.