އެމްޑީޕީގެ ގައުމީ މަޖިލިސް

ކޯލިޝަން ހެދުމުގެ ބާރު ރައީސްއަށް ދީފި

ކު ރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންވާނަމަ އެކަމުގައި ގޮތެއް ނިންމެވުމުގެ ބާރު އެމަނިކުފާނަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި 170 މެންބަރުން ހިމެނުނު ނަމަވެސް އިއްޒުއްދީން ސްކޫލުގައި މިރޭގެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވީ 60 އެއްހާ މެންބަރުންނެވެ. މެންބަރުންގެ އަދަދު މަދުވީ ގައުމީ މަޖިލީހުގައި ތިއްބަވާ ރައީސް ނަޝީދަށް ތާއީދުކުރައްވާ ގިނަ މެންބަރުން މިބައްދަލުވުމަށް ވަޑައިނުގަތުމާ ގުޅިގެންނެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ ބައްދަލުވުން ބޮއިކޮޓްކޮށްފަ އެވެ.

މިރޭގެ ޖަލްސާގެ އެޖެންޑާގައި އޮތީވެސް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންވާނަމަ އެކަމުގައި ގޮތެއް ނިންމެވުމުގެ ބާރު އެމަނިކުފާނަށް ދިނުމާ ގުޅޭ މައްސަލަ އެވެ. ރައީސް އަށް ބާރު ދިނުމަށް ފާސްވީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން އަގުލަބިއްޔަތުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ވެސް އެމްޑީޕީ އިސްވެ އޮވެ ޖޭޕީ، އަދާލަތު އަދި އެމްއާރްއެމްއާ އެކު ހަދާފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ބޭފުޅަކު ވެސް ވެރިކަމާ ހަވާލުވެވަޑައިގަތީ ކޯލިޝަނާ އެކު އެވެ. އެކަމަކު ރައީސް ސޯލިހަށް ނޫން ބޭފުޅަކަށް ވެރިކަން ދެމެހެއްޓޭ ގޮތެއް ނުވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ވެސް ވީހާވެސް ބޮޑު ކޯލިޝަނެއް ހަދައިގެން ކުރިއަށްދާ ބަޔަކަށް ކަމަށްވާތީ ކޯލިޝަނެއް ހައްދަވާނެ ކަަމަށް ރައީސް ސޯލިހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް ރައީސް ސޯލިހާ އެކު ކޯލިޝަނެއް ހަދައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނިކުންނާނެ ކަމަކަށް އަދި އެއްވެސް ޕާޓީއަކުން ހާމައެއް ނުކުރެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހާ ރަސްމީކޮށް ހަވާލުކުރުމަށް އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް އެމްޑީޕީން މިހާރު ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ތަފާތު ހިޔާލުތައް އެއް ފަރާތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް ގޮވާލައްވާފަ އެވެ. ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ އެމްޑީޕީގައި ތިއްބަވައިގެން ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.