ހަބަރު

ނަޝީދާއި ލޯޔަރުން ވަނީ ހަގީގަތް އޮޅުވާލާފައި: މެންބަރު ހަލީލް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ގާނޫނީ ވަކީލާ އަމާލް ކުލޫނީ ދައްކަވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ހަގީގަތް އޮޅޭ ގޮތައް ދައްކާ ވާހަކަތަކެއް ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

މެންބަރު ހަލީލް މިއަދު އިމގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ރައީސް ނަޝީދާއި އަމާލް، ބޭރުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ދެއްކެވި ބައެއް ވާހަކަތައް ފާހަގަކޮށްފައިވެއެވެ. އަދި އެ ވާހަކަތަކަކީ އެއް ފަރާތެއްގެ ވާހަކަތަކެއް ކަމަށާއި ކަމުގެ ދެކޮޅު އޮޅުން ފިލުވައިދީފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. ރައީސް ނަޝީދާއި އަމާލް ދެއްކެވި ވާހަކަތައް ދޮގުކޮށް އެކަމުގެ ހަގީގަތް ވެސް ހަލީލު ވިދާޅުވެފައިވެއެވެ.

އެގޮތުން ރައީސް ނަޝީދު ވެރިކަމުން ދުރުކޮށްފައިވަނީ ބަޑީގެ ބާރުން ކަމަށާއި ބަޣާވާތެއް ކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވެފަިއވުމުން ހަލީލި ވިދާޅުވެފައިވަނީ، އެމަނަކުފާނު ވެރިކަމުން އަތް ދޫކޮށްލައްވަން ޖެހުނީ ވެރިކަމުގައި ހުންނަވާ، ކުރެއްވި ބައެއް ކަންތައްތަކުގެ ސަބަބުން ކަމަށެވެ. އަދި ވެރިކަމުން އިސްތިއުފާ ދެއްވި މައްސަލަ ކޯނީއިން ތަހުގީގުކޮށް އދ ގަބޫލުކުރާ ރިޕޯޓްތެއް އެކުލަވާލި ކަމަށާއި އެ ރިޕޯޓުން އެއީ ބަޣާވާތެއް ނޫން ކަން ސާބިތުވެފައިވާ ކަމަށް ހަލީލު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ، ރައީސް ނަޝީދަކީ ސިޔާސީ ހައްޔަރީއެއް ކަމަށް ވަރަށް ގިނައިން ވިދާޅުވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ. އަދި ނަޝީދުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަތްޕުޅުގައި ޑިގްރީއެއް ނެތް ކަމަށާއި އަޑުއެހުންތަކުގައި ވަކީލުން ބައިވެރިކުރުމުގެ ފުރުސަތު ލިބިަފއިނުވާ ކަމަށް ވިދާޅުވެ ނަޝީދު ވާހަކަ ދައްކަވާއިރު ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔައީ ރާއްޖޭގެ އެންމެ ހަރުދަނާ ޝަރުއީ ނިޒާމްގެ ދަށުން ކަމަށް ހަލީލް ވިދާޅުވި އެވެ. އިސްތިއުނާފަށް ނުދިޔުމަށް ރައީސް ނަޝީދު ދެއްކެވި ބަހަނާތައް ވެސް ހަލީލު ފާހަގަކުރެއްވި އެވެ.

އދގެ ވޯކިން ގުރޫޕް ރައީސް ނަޝީދު ދޫކޮށްލަން ގޮވާލާފައިވުމުން އެ ވާހަކަ ދައްކާއިރު ރައީސް ނަޝީދު ގާނޫނީ ވަކީލުން އެ ނިންމުމަކީ ޝަރުއީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ނިންމުމެއް ކަމަށް ވިދާޅުވެފައިނުވާ ކަމަށް ހަލީލު ވިދާޅުވި އެވެ. ރައީސް ނަޝީދަކީ ސިޔާސީ ކުށްވެރިއެއް ނޫން ކަން ބީބީސީއަށް ދިން އިންޓަވިއުގައި އަމިއްލައަށް ވެސް ވިދާޅުވެވިފައިވާ ކަމަށާއި ރައީސްއެއްގެ ހައިސިއްޔަތުން އަބްދުﷲ ގާޒީ ހައްޔަރުކުރެވޭނެ ކަމަށާއި އަދިވެސް ކުރަން ޖެހިއްޖެނަމަ ކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ހަލީލު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ، ރައީސް ނަޝީދުގެ ޝަރީއަތަށް އަތް ބޭނުމަށް ބޭރުގެ ގައުމުތަކުން ސަރުކާރަށް ގޮވަމުން ދިޔަ ކަމަށާއި ނަމަވެސް އެއީ ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށްވުމުން ސަރުކާރުން އެކަން ކޮށްފައިނުވާ ކަމަށެވެ.

މައިބަދައިގެ އޮޕަރޭޝަނަކަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ރައީސް ނަޝީދަށް ދެއްވީ އެއްކޮށް މިނިވަން ކޮށްފައިނޫން ކަމަށާއި އަލުން އެނބުރި ރާއްޖެ ވަޑައިގެން ޖަލު ހުކުމް ތަންފީޒުކުރައްވަން ޖެހޭނެ ކަމަށް ހަލީލު ވިދާޅުވިއެވެ. އަދި އިނގިރޭސިވިލާތަށް ފޮނުވުމުން ލަންކާގައި މަޑުކޮށް ސިޔާސީ ފަރާތްތަކާ ބައްދަލުކޮށް އިނގިރޭސިވިލާތަށް ވަޑައިގެން ވެސް ސިޔާސީ ފަރާތްތަކާއި މީޑިއާތަކަށް އިންޓަވިއު ދެއްވަމުން ގެންދަވާކަން ހަލީލު ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ކަހަލަ ބޭސްފަރުވާއެއް ހޯދެއްވުމަށް ރައީސް ނަޝީދު މަސައްކަތް ނުކުރައްވާ ކަމަށް ވެސް ހަލީލު ވިދާޅުވިއެވެ.

ރާއްޖޭގެ ސަރުކާރަކީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ސަރުކާރެއް ކަމަށް ސިފަކޮށްދިނުމަށް ނަޝީދުގެ ވަކީލުން ކުރައްވާ މަސައްކަތްތައް ހަލީލު ކުށްވެރިކުރެއްވި އެވެ. އަދި ރާއްޖެއާމެދު ފިޔަވަޅު އެޅުމަށް ގޮވާގޮވުން ވެސް ހަލީލު ކުށްވެރިކުރި އެވެ. ހަލީލު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމަށް ކަމަށާއި ފަތުރުވެރިކަން ބޮއިކޮޓްކޮށް ރާއްޖެއަށް ފިޔަވަޅު އެޅުމުން ގެއްލުން ވާނީ ހުރިހާ ދިވެހި ރައްޔިތުންނަށް ކަމަށެވެ.