މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ހަރުކަށި އުސޫލުތަކެއް ހިމަނައިގެން ސްޕާ ގަވައިދު ހަދައިފި

Feb 21, 2023

ސްޕާ ހިންގާ ތަންތަނަށް ބޮޑެތި ތުހުމަތުތަކެއް އާންމުން ކުރަމުން ދަނިކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ސްޕާ ހިންގުމުގެ ގަވައިދެއް ފުރަތަމަ ފަހަރަށް އެކުލަވާ، އާންމުކޮށްފި އެވެ.

ސްޕާތައް ހުންނަންވީ މިންގަނޑާއި އެފަދަ ތަނަކުން ދެވޭނެ ހިދުމަތްތައް ތަފްސީލްކޮށްދީފައިވާ މިގަވައިދު އައުމާ އެކު ސްޕާގެ ގޮތުގައި މިހާރު ހިންގަމުންދާ ހުރިހާ ތަނެއް އަލުން ރަޖިސްޓްރީކުރަންޖެހެ އެވެ. އެކަމަށް ދީފައިވަނީ 90 ދުވަހެވެ.

މިގަވައިދުގައިވާ ގޮތުން ގަވައިދުގައި ބުނާ މިންގަނޑާ ހިލާފަށް އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ސްޕާ އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ. ސްޕާ އިޝްތިހާރު ކުރާއިރު އެއްވެސް މީހެއްގެ ފޮޓޯ އާއި ވީޑިއޯ ސްޕާ ހިންގާ ފަރާތަށް ވެސް އަދި އެތަނުގައި މަސައްކަތް ކުރާ މީހަކަށްވެސް ބޭނުމެއް ނުކުރެވޭނެ އެވެ. އަދި އިޝްތިހާރު ކުރާނަމަ އެކަން ކުރެވޭނީވެސް އާންމު އިޖުތިމާއި މިންގަނޑަށް ފެތޭ ބަސްމަގާއި އަޑާއި އިޝާރާތް ބޭނުންކޮށްގެންނެވެ. ސްޕާގެ ހިދުމަތްދޭ ތަންތަނުގައި ބަދުއަހްލާގީ އަމަލު ހިންގުން އާންމުވެފައިވާއިރު މިގަވައިދުގައިވަނީ ސްޕާތަކުގައި ބަދުއަހްލާގީ އަމަލު ހިންގުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފަ އެވެ.

ގަވައިދާ ހިލާފަށް އަމަލުކޮށްފިނަމަ 10،000 ރުފިޔާ އިން ޖޫރިމަނާކުރެވޭއިރު ރަޖިސްޓްރީ ނުކޮށް ސްޕާއެއް ހިންގައިފިނަމަ އެތަނެއް 10،000 ރުފިޔާ އިން ޖޫރިމަނާކޮށް ވަގުތުން ތަން ބަންދުކުރުމުގެ ބާރު ކަމާ ގުޅޭ އިދާރާތަކަށް މިގަވައިދުގައި ދީފައިވެ އެވެ. މިގަވައިދުގެ ދަށުން އިސްލާހުކުރަން އަންގާ ކަންކަން އިސްލާހުކުރުމަށް އެންގުމުން އެފަދަ ކަންކަމަށް އަމަލުނުކުރާ ފަރާތްތަކާއި ތަކުރާރުކޮށް ގަވައިދާ ހިލާފުވާ ފަރާތްތައް 6،000-8،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.

ސްޕާތަކުގައި ހުންނަންޖެހޭ މިންގަނޑު ގަވައިދުގައި ސާފުކޮށްދީފައިވާއިރު ސްޕާ ތަކުގެ ބޭރުގައި އެތަނުގެ ނަން އެނގޭ ގޮތަށް ހުރުމާއި ރަޖިސްޓްރީކޮށްގެން ހިންގާ ތަނެއްކަން އެންމެންނަށްވެސް އެނގޭ ގޮތަށް "ރަޖިސްޓާޑް ސްޕާ" ލިޔެފައި އޮންނަން ޖެހެ އެވެ. ސްޕާ ތަކުގެ ކޮޓަރިތައް ތިންވަނަ މީހަކަށް ނުވަދެވޭހެން ދޮރެއް ނުވަތަ ޕާޓިޝަނަކުން ބަންދުކޮށްފައި ހުންނަންޖެހެ އެވެ. އެކަމަކު އެފަދަ ތަންތަނުގައި ތަޅެއް، ތަންޑެއް ނުވަތަ ތަންޑުލުމަށް ބޭނުންކުރާ އާލާތެއް ހަރުކުރުމަކީ ވެސް މަނާ ކަމެކެވެ. ސްޕާގެ ރޫމުތަކުގައި ހިދުމަތްދޭއިރު އެކަށީގެންވާ އަލިކަމެއް އެތަނުގައި ހުރުމާއެކު އެތަނުގައި ހިދުމަތްދޭ ކަން އެނގޭ ގޮތަށް ނިޝާނެއް ހުންނަންޖެހެ އެވެ.

މީގެއިތުރުން ސްޕާގެ ހިދުމަތް ދޭ ތަނުގެ ރިސެޕްޝަނާއި ކޮރިޑޯގައި ހަަމަސް ދުވަހުގެ ވީޑިއޯ ފުޓޭޖު ނެގޭ ގޮތަށް ސީސީޓީވީ ކެމެރާ ހަރުކޮށް އަބަދު ކެމެރާ ޖައްސާފައި ހުރުމާއި ތަހުގީގީ އިދާރާއަކުން އެދިއްޖެނަމަ ވަގުތުން އެ ރެކޯޑިން ލިބެންޖެހެ އެވެ. އަދި ސްޕާގެ ރޫމުތަކުގައި ހިދުމަތް ދިނުމަށް އެކަމަށް ހާއްސަ އެނދު ބަހައްޓަންޖެހޭއިރު ދެ އެނދު ބަހައްޓާނަމަ ދެ އެނދުގެ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށްފަހު ދެ އެނދުވެސ1ް ޕާޓިޝަނަކުން ވަކިކުރަންޖެހެ އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ހުކުރު ދުވަހު ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް ސްޕާގެ ހިދުމަތް ދިނުން މަނާކޮށްފައިވާއިރު ސްޕާގެ އެހެން ދުވަސްތަކުގައި ހިދުމަތް ދެވޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ. އެކަމަކު ޓޫރިޒަމް ހިދުމަތްދޭ ތަންތަން މިގަނޑިތަކުން އިސްތިސްނާވެ އެވެ.

ރަށްރަށުގައި ސްޕާތައް ރަޖިސްޓްރީކުރުމުގެ ކުރިން ރަށު ކައުންސިލުން އެތަނެއް އިންސްޕެކްޓް ކުރުމަށްފަހު މިގަވައިދަށް ފެތޭނަމަ ތަން ހިންގުމުގެ ހުއްދަ ދޭންޖެހެނީ ކައުންސިލުންނެވެ. އަދި ކޮންމެ ހަމަހަކުން އެތަނެއް އިންސްޕެކްޓް ކުރަންވެސް ކައުންސިލަށް ގަވައިދުގައި އަންގާފައިވެ އެވެ. ސްޕާތައް ހިންގަން ހުއްދަ ދެނީ ދެ އަހަރަށް ކަމަށްވާއިރު މުއްދަތު އާކުރަން ބޭނުންވާނަމަ މުއްދަތު ހަމަވުމުގެ އެއްމަސް ދުވަސް ކުރިން އެކަމަށް ހުށަހަޅަންޖެހެ އެވެ.