ހަބަރު

ސަން ޓްރެވަލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ނ. އިރުފުށި ރިސޯޓް ހިންގުމަށް ހިލްޓަން ގްރޫޕާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ސަން ޓްރެވަލް އިން އުވާލި މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ހިލްޓަން އިން ކާމިޔާބުކޮށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ސަން ޓްރެވަލް އިން ހިލްޓަން އަށް ދޭން ޖެހިއްޖެ އެވެ.

ސިންގަޕޫރުގެ އާބިޓްރޭޝަންގައި 2013 ވަނަ އަހަރުން ފެށިގެން ހިނގަމުން އައި އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނުން މީގެ ދުވަސްކޮޅެއް ކުރިން ނިންމީ، ސަން ޓްރެވަލްސް އިން 2009 ވަނަ އަހަރު ހިލްޓަން އާ އެކު ހަދާފައިވާ އެއްބަސްވުން ސަން ޓްރެވަލް އިން އުވާލާފައި ވަނީ ރަނގަޅަށް ނޫން ކަމަށްވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 24 މިލިއަން ޑޮލަރު ނަގައި ދިނުމަށެވެ. ސިްގަޕޫރުގެ އާބިޓްރޭޝަނުން ނިންމި ގޮތަށް ހިލްޓަން އަށް ލިބެން ޖެހޭ 24 މިލިއަން ރުފިޔާ ސަން ހޮޓަލްސް އިން ނަގައިދިނުމަށް އެ ގްރޫޕުން ހުށަހެޅި މައްސަލަ އެއް ސިވިލް ކޯޓްގައި އިއްޔެ ޝެޑިއުލް ކުރި އެވެ. 

އިއްޔެ މެންދުރު 2:30 ގައި އޮތް އެ މައްސަލަ ބޭއްވޭ ގޮތް ނުވެ، ވަނީ ކެންސަލްވެފަ އެވެ. ސަބަބެއް ސާފުވާގޮތެއް ނުވި އެވެ.

އިރުފުށީގެ ކޮންޓްރެކްޓް ސަން ޓްރެވަލް އިން ބާތިލްކޮށް 221 އެނދުގެ އެ ރިސޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލަ އަށް، "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގަ އެވެ. ކޮންޓްރެކްތް ބާތިލް ކުރި ސަބަބެއް މިހާތަނަށް ސަންޓްރެވަލް އިން ވެސް އަދި ހިލްޓަން އިން ވެސް ހާމަކޮށްފައެއް ނުވެ އެވެ. ދުނިޔޭގައި އެތައް ސަތޭކަ ހޮޓަލެއް ހިންގާ ހިލްޓަން އިން ހިލްޓަން އިން ވެސް ހަމައެކަނި ބުނެފައި ވަނީ ރިސޯޓުގެ މެނޭޖްމަންޓު އެ ކުންފުނިން ވަކިކުރީ ބާރު ނުފޯރުވޭ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

ސަން އިން ރާއްޖޭގައި ހަތަރު ރިސޯޓު ހިންގަމުން އަންނަ އިރު، އެ ކުންފުނީގެ ރިސޯޓު ވިޔަފާރި މިހާރު ވަނީ "ސަން ސިޔާމް"ގެ ނަމަށް 2014 ވަނަ އަހަރުގެ ފެބުރުއަރީގައި ބަދަލުކޮށްފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ތަފާތު ބްރޭންޑުތަކުގެ ދަށުން 4200 ރިސޯޓާއި ހޮޓާ ހިންގާ ހިލްޓަން އިން ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަނީ ރަންގަލި ރިސޯޓު އެކަންޏެވެ.