ހަބަރު

ކޮލަމްބޯގައި ތިއްބަވާ ޑިޕްލޮމޭޓުންނާ ސަރުކާރުގެ ވަޒީރުން ބައްދަލުކުރައްވައިފި

އަވަށްޓަރި ސްރީލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާ، މިހާރު ކޮލަންބޯއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ސަރުކާރުގެ ތިން ވަޒީރުން ބައްދަލުކުރައްވައިފި އެވެ.

ރާއްޖޭގެ ސަރުކާރުގެ ފަރާތުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރެއްވުމަށް ވަޑައިގެންފައިވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންވައިރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ. ތިން ވަޒީރުންގެ އިތުރުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ އަލީ ނަސީރާއި ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރު ވެސް ބައްދަލުވުންތަކުގައި ބައިވެރިވެލެއްވި އެވެ.

އެންމެ ފުރަތަމަ ސަރުކާރުގެ ވަފުދު ބައްދަލުކުރައްވާފައިވަނީ، އިނގިރޭސި ވިލާތުން ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސްއާ އެވެ. އެއަށްފަހު ޖަރުމަންވިލާތުން ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ‏ޑރ. ޔާގަން މޯހާޑްއާ ސަރުކާރުގެ ވަފުދު ވަނީ ބައްދަލުކުރައްވާފަ އެވެ.

މި ދެ ސަފީރުންގެ އިތުރުން ލަންކާގައި ތިއްބަވާ އެމެރިކާގެ ޗާޖް ދަ އެފެއާސްގެ މެންބަރުންނާ ވެސް ސަރުކާރުގެ ވަފުދު މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ. މީގެއިތުރުން ވެސް ސަރުކާރުގެ ވަފުދު ވަނީ ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރައާ ވެސް ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުންތައް ކުރިއަށް ދިޔަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވީ ނަމަވެސް ބައްދަލުވުންތަކާ ގުޅޭ ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ. މި ބައްދަލުވުންތަކާ ގުޅޭ ގޮތުން ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސަރުކާރުގެ ވަފުދު މިއަދު ލަންކާގެ ނޫސްވެރިންނާ ވެސް ބައްދަލުކުރައްވާފައިވާއިރު އެ ބައްދަލުވުމުގައި އާޒިމާ ޝަކޫރު ވިދާޅުވީ ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށާއި މިހާރު ދީފައިވާ 30 ދުވަހުގެ އިތުރު މުއްދަތު ދޭން ސަރުކާރު ތައްތާރު ކަމަށެވެ.