ހަބަރު

މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު 10 އަހަރަށް ޖަލަށް

މަސްތުވާތަކެތި ޓްރެފިކުރިކަމުގެ ދައުވާ ސަރުކާރުން އުފުލި މީހަކަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފަިއވަނީ، ގދ. ތިނަދޫ ސަންޑޭ ޣައްސާން ހަސަންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ޣައްސާންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އޭނާ 50،000 ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައިިވެއެވެ. އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ހަލާސް ކުރަން ޖެހޭނެ ކަމަށް ހުކުމްގައިވެއެވެ.

ޣައްސާންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 26 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ގ. ޕާކަރުހައުސްގޭ ގްރައުންޑު ފްލޯގައި ހުރި ކޮޓަރިންނާއި އޭނާ ދިރިއުޅޭ ގ. ބްލޫވެސްޓުގެ ފުލުހުން ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެއްޗަކީ ޣައްސާންގެ ތަކެތި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

މީގެއިތުރުން ޣައްސާންގެ ވޮލެޓުން ފެނުނު 4790 ރުފިޔާ ސަރުކާރަށް ނެގުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. އެގޮތަށް އެ ކޯޓުން ނިންމީ އެ ފައިސާ އަކީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ނޫން ގޮތަކަށް ހޯދާފައިވާ ފައިސާ ކަމަށް ޣައްސާނަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީއެވެ. އެ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ކަނޑައަޅައި އެ ފައިސާ ދައުލަތަށް ނުގަމަށް ކޯޓުން ނިންމާ ވަނީ ހުކުމްކޮށްފަ އެވެ.