ފިނޭންސް މިނިސްޓްރީ

ރޯދަ އެލަވަންސް މިމަހު 19ގައި ދޫކުރާނަން: ފިނޭންސް

Mar 6, 2023

ދައުލަތުގެ މުވައްޒަފުންނަށް މިމަހުގެ 19 ވަނަ ދުވަހު ރޯދަ އެލަވަންސް ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ވަޒީފާ އަދާކުރާ މުސްލިމު ކޮންމެ މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކޮށްފައިވާ ކަމެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާެއްގައި ބުނެފައިވަނީ ރޯދަ އެލަވަންސް މިމަހުގެ 19 ވަނަ ދުވަހު ދައުލަތުގެ މުވައްޒަފުންނަށް ދޫކުރާނެ ކަމަށެވެ.

ބައެއް މުވައްޒަފުންނަކީ ދައުލަތުގެ އެއް އިދާރާއަށް ވުރެ ގިނަ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މިފަދަ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭއިރު އޭނާގެ އަސާސީ ވަޒީފާ އޮންނަ އޮފީހުން އެކަނި ރޯދަ އެލަވަންސް ދޫކުރުމަށްވެސް ސާކިއުލާގައި ހަނދާންކޮށްދީފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް -- ޕޭ ލީވް ސްކޮލަޝިޕްގައި ތިބޭ މުވައްޒަފުންނާއި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުން، ރޯދަ އެލަވަންސް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށެވެ. ނަމަވެސް އެފަދަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އޮފީހަށް ހާޒިރުވެއްޖެނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ މުވައްޒަފަކަށް އެ އަދަދަށް ރޯދަ އިނާޔަތް ދިނުމަށްވެސް ސާކިއުލާގައި އެދިފައިވެ އެވެ.

ސަރުކާރުން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަސް ފެށޭނީ މި މަހުގެ 23 ވަނަ ދުވަހު އެެވެ.