ފިނޭންސް މިނިސްޓްރީ

ހަރަދުތައް މިދިޔަ އަހަރަށްވުރެ 19 ޕަސަންޓް ދަށުގައި

ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް ކުރި ހޭދަ ހުރީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19 ޕަސަންޓް ދަށުގައި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު ހުރީ 11.6 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 14.4 ބިލިއަން ރުފިޔާގަ އެވެ.

ލޯނު ދެއްކުމަށް ކުރި ހޭދަ ނުހިމަނައި މިއަހަރުގެ މި މުއްދަތުގައި ހަރަދު ހުރީ 10.7 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 13.6 ބިލިއަން ރުފިޔާ އެވެ.

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 3.6 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މި އަހަރު ހޭދަކޮށްފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.

އިދާރީ އަދި ހިންގުމުގެ ހަރަދަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 5.9 ބިލިއަން ރުފިޔާ ހޭދަކުރިއިރު މިއަހަރު ހޭދަކުރީ ފަސް ބިލިއަން ރުފިޔާ އެވެ.

ނަމަވެސް މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާޢިރު މިއަހަރު އިތުރުވެފަ އެވެ.

މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މިއަހަރު 3.2 ބިލިއަން ރުފިޔާ ހޭދަކުރިއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާ އެވެ.