ފިނޭންސް މިނިސްޓްރީ

ބަޖެޓްކުރި ވަރަށްވުރެ އިތުރަށް ބަދަލުގެ ގޮތުގައި ދީފި

ދައުލަތުގެ ބަޖެޓުގައި މި އަހަރު ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅި އަދަދަށްވުރެ އިތުރަށް ފައިސާ ދޫކޮށްފި އެވެ.

ބަޖެޓުގައި މި އަހަރު ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 101 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ބަދަލުގެ ގޮތުގައި 107.4 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ބަދަލުގެ ގޮތުގައި ދޫކުރީ 99.5 މިލިއަން ރުފިޔާ އެވެ.

ދައުލަތުން ބަދަލުގެ ގޮތުގައި މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 82 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ފިނޭންސް މިނިސްޓްރީން ބުނީ ބަދަލުގެ ގޮތުގައި ދޫކުރި ފައިސާއަކީ މިދިޔަ ސަރުކާރުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ފައިސާ ކަމަށެވެ.

އެ ގޮތުން ފިނޭންސް މިނިސްޓްރީން މިމަހުގެ ނުވަ ވަނަ ދުވަހު ބުނީ ބަދަލު ދެމުން އަންނަނީ ކުރީގެ ސަރުކާރުގައި ބައެއް ޕޭމެންޓްތައް ދޫކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

މި ސަރުކާރުގައި ބަދަލުގެ ގޮތުގައި އާ ބަޔަކަށް ފައިސާ ދޫކޮށްފައިނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އެ ދުވަހު ބުނެފައިވެ އެވެ.

ބަދަލުގެ ގޮތުގައި ދޭން މިދިޔަ އަހަރުވެސް ބަޖެޓުގައި 101 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް އަހަރު ނިމުނުއިރު ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ ދީފައިވާކަން ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ.