ހަބަރު

ސްނައިޕަރާ ދެކޮޅަށް ހެކި އެބަހުރި، ބަންދުގައި ހުރީ އެހެންވެ: އާޒިމާ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލައްވަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ރައްޔިތާ ދެކޮޅަށް ހެކި އެބަހުރި ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ. އާޒިމާ ވިދާޅުވީ ލަންކާ ސްނައިޕަރު ބަންދުގައި ހުރީ ހެކި ހުރުމުން ކަމަށެވެ.

ސްނައިޕަ ރައިފަލެއްގެ އެހީގައި ރައީސް ޔާމީން އަވަހާރަކޮށްލައްވަން އުޅުނު ކަމުގެ ތުހުމަތުގައި ލަހިރު މަދުޝަންކާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭނާގެ ބަންދުގެ މުއްދަތު އެތައް ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ އެވެ.

ސަރުކާރުގެ ވަފުދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، ލަންކާގެ ނޫސްވެރިންނާ ބައްދަލުކުރައްވައި އާޒިމާ ވިދާޅުވީ، ސްނައިޕަރާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށް އާޒިމާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވީ އޭނާ ފުލުހުންގެ ބަންދުގައި ހުރި ނަމަވެސް އޭނާއަށް ލިބެންޖެހޭ ހުރިހާ ހައްގެއް ލިބެމުންދާ ކަމަށެވެ. ބަންދުގެ މުއްދަތު ޖެހުމަށް އޭނާ ކޮންމެ ފަހަރަކުވެސް ކޯޓަށް ހާޒިރުކުރާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ރާއްޖޭގައި ހައްޔަރުކޮށްފައިވާ ލަންކާގެ ރައްޔިތާ ގުޅޭ ގޮތުން "ލަންކާގެ ސަންޑޭ ޓައިމްސް"އަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ނައިބު ޑރ. ހާޝާ ޑި ސިލްވާ ވިދާޅުވެފައިވަނީ އެ މައްސަލައާ ގުޅޭ ތަފްސީލު ރާއްޖެއިން، އެ ގައުމަށް ހިއްސާކޮށްފައިވާ ކަމަށެވެ. ހާޝާ ވިދާޅުވީ ލަހިރުގެ މައްސަލަ ލަސްވަނީ، އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސީރިއަސްކަމުން ކަމަށް ރާއްޖޭގެ ސަރުކާރުން ލަންކާއަށް އަންގާފައިވާ ކަމަށެވެ. އެ މައްސަަލައިގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ރާއްޖެއިން ބުނެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ލަންކާގެ ރައްޔިތެއް ހައްޔަރުކުރި މައްސަލަ ލަންކާގެ ފޮރިން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީން އިން ވަރަށް ގާތުން ބަލަމުން އަންނަ ކަން ފާހަގަކުރައްވައި ހާޝާ ވިދާޅުވީ، އެ މައްސަލައިގައި ރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ ޝަރުއީ ދާއިރާއަށް އަތް ބޭނުމަކީ އެ ގައުމުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ސްނައިޕަރުގެ ވަކީލް ޝަބްދިކާ ވެލުޕިއްލޭ ވިދާޅުވެފައިވަނީ، އެ މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދައްކާ ވާހަކަތަކާއި ލަންކާގެ ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށެވެ. ސްނައިޕަރުގެ މައްސަލަގައި ލަންކާގެ މަސައްކަތް ލަސް ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަކީލެއްގެ ގޮތުގައި ރާއްޖެއަށް އައުމަށް އޭނާއަށް ވިސާ ހަމަނުޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބިޒްނަސް ވިސާ ހަމަޖައްސައިދީފައިވާ ކަމަށާއި ނަމަވެސް އަދިވެސް އޭނާގެ އަތަށް ވިސާ ނުލިބޭ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ލޯންޗުކޮޅަށް ދިން ހަމަލާއަށް ފަހު ގިނަ އަދަދެއްގެ ފައިސާ ދީގެން އެމަނިކުފާނު އަވަހާރަކޮށްލަން ލަހިރު މަދުޝަންކަ ރާއްޖެ ގެނެއި ކަމުގެ ތުހުމަތުގައި ޑިސެމްބަރު މަހު 17 ގައި ވަނީ އިތުރު ތިން މީހެއް ވެސް ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ސްނައިޕަރެއް ކަމަށް ފުލުހުން ތުހުމަތުކޮށް ބަނދުގައި ބަހައްޓާފައި ހުރި ލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކަގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު ލަންކާ އިން އަންނަނީ އޭނާ އަކީ އެއްވެސް އަސްކަރީ ތަމްރީނެއް ލިބިފައި ނުވާ މީހެއް ކަމަށް ބުނަމުންނެވެ.