ދުނިޔެ

ނިއުކްލިއާ ބޮމެއް ވައްޓާލެވޭ ވަރުގެ މަތިންދާބޯޓެއް ކޮރެއާ ފަރިތަކުރުންތަކުގައި

އުތުރު ކޮރެއާއަށް ކުޅި ދައްކާލުމުގެ އުންމީދުގައި -- ދެކުނު ކޮރެއާ އާއ އެމެރިކާއާ ގުޅިގެން ކޮރެއާ ސަރަހައްދުގައި ބާއްވާ އަސްކަރީ ފަރިތަކުރުންތަކަށް -- ނިއުކްލިއާ ބޮމެއް ވައްޓާލެވޭ ފެންވަރުގެ މަތިންދާބޯޓެއް އެ ސަރަހައްދަށް ފޮނުވައިފި އެވެ.

ދެކުނު ކޮރެއާގެ ދިފާއީ ވުޒާރާއިން ވެސް ވަނީ މި ޚަބަރަކީ ތެދު ޚަބަރެއް ކަމަށް ބުނެފަ އެވެ.

ރީނދޫ ކަނޑާ ދިމާ ވިލާތަކުގެ މަތިން ދެކުނު ކޮރެއާގެ ފައިޓަރު ޖެޓްތަކާއި އެމެރިކާގެ ބޮންއަޅާ ބޯޓު ދަތުރުކޮށް -- އުތުރު ކޮރެއާއަށް ނިސްބަތްކޮށް "އާނދޮގޭ" އޭ ވަނީ ބުނެފަ އެވެ.

މިއީ އުތުރު ކޮރެއާއިން ފުލުފުލުން ކުރި ބެލިސްޓިކް މިސައިލްތަކަށް އެމެރިކާ އާއި ދެކުނު ކޮރެއާއިން ދިން ރައްދެކެވެ.

އުތުރު ކޮރެއާގައި ނިއުކްލިއާ މިސައިލް ހުރުމަކުން ދެކުނު ކޮރެއާ އާއި ބައިވެރިން ޖެހިލުން ނުވާ ކަމަށް ވެސް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

އެމެރިކާ އާއި ގުޅިގެން ދެކުނު ކޮރެއާއިން ދޭތެރެ ދޭތެރެއިން އަސްކަރީ ފަރިތަކުރުންތައް ބާއްވަ އެވެ. އަދި އުތުރު ކޮރެއާއިން ދީފާނެ ކޮންމެ ހަމަލާއަކުން ދިފާއުވުމުގެ ފުރިހަމަ ގާބިލުކަން ދެކުނު ކޮރެއާއަށް އޮތް ކަން މި ފަރިތަކުރުންތަކުން ޕިޔޮންގްޔަންގްއަށް ދޭހަކޮށްދެ އެވެ.

އެމެރިކާއިން ވެސް ވަނީ ދެކުނު ކޮރެއާގެ ދިފާއުގައި ވާހަކަދައްކާފަ އެވެ. ބުނީ އުތުރު ކޮރެއާގެ ބިރުވެރިކަމުން ދެކުނު ކޮރެއާ ރައްކާތެރިކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.

ދެކުނު ކޮރެއާ ބުނާ ގޮތުން އެމެރިކާއާ ގުޅިގެން އަސްކަރީ ފަރިތަކުރުންތަކެއް ބާއްވަނީ ރައްދު ހަމަލާތައް ދިނުމުގައި ވަގުތު ނަގައިނުލުމަށެވެ. ރައްދު ދިނުމުގައި އަވަސްކުރެވެން ހުރި ހުރިހާ ގޮތެއް ދަސްކުރާނެ ކަމަށް ވެސް ދެކުނު ކޮރެއާ ބުނެ އެވެ.

އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން ހިންގަނީ އުތުރު ކޮރެއާ ރުޅިއެރުވުމުގެ އަމަލުތަކެއް ކަމަށް ބުނެ އުތުރު ކޮރެއާއިން ވަނީ، އެމެރިކާ-ދެކުނު ކޮރެއާގެ އަސްކަރީ ފަރިތަކުރުންތައް ހުއްޓުވައި ދިނުމަށް އދ. ގައި ވެސް އެދިފަ އެވެ.