ދުނިޔެ

އުތުރު ކޮރެއާ ނިއުކްލިއާ ޑްރޯނެއް ޓެސްޓްކޮށްފި

އުތުރު ކޮރެއާ އަކީ ނިއުކްލިއާ ގާބިލުކަން ހުރި ގައުމެއްކަން ދުނިޔެއަށް ދައްކައިދޭން ޖެހިފައި އޮތް ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮން އުން އޮތީ ވިދާޅުވެފަ އެވެ. އަސްކަރިއްޔާގެ ބެލުމުގެ ދަށުން ނިއުކްލިއާ ހަތިޔާރު އުފެއްދުން އިތުރުކުރުމަށް ވެސް ކިމް ވަނީ ގޮވާލައްވާފަ އެވެ.

ވައިގެ ތެރޭގައި ނިއުކްލިއާ ހަތިޔާރު ގެންގުޅުމަކީ އުތުރު ކޮރެއާއަށް މިހާރު އެއްވެސް ކަމެއް ނޫން ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. ދެން އޮތީ ކަނޑު އަޑީގައި ނިއުކްލިއާ އުޅަނދު ދަތުރުކުރުވުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

އުތުރު ކޮރެއާއިން ކަނޑު އަޑީގައި ނިއުކްލިއާ ޓެސްޓްތަކެއް މިހާރު ވެސް ވަނީ ކޮށްފަ އެވެ. އެހެން ނަަމަވެސް، ދެން އޮތް މަރުހަލާގައި ނިއުކްލިއާ ޑްރޯން -- އަމިއްލައަށް މަގު ހޯދައި ދުޝްމަނުންގެ ސަބްމެރިންތަކާ ދިމާއަށް ދަތުރުކުރާ އުޅަނދުތައް ޓެސްޓްރާނެ ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ.

ނިއުކްލިއާ ޑްރޯންތައް ޓެސްޓްކޮށް ދުޝްމަނުންނަށް ރައްދުދެވޭ ވަރު ވުމުން އެއިން ކަނޑު އަޑީގައި ނިއުކްލިއާ ސުނާމީތައް އުފައްދާނެ ކަމަށްވެސް އަސްކަރީ އޮފިޝަލުން ބުނެ އެވެ.

އުތުރު ކޮރެއާގެ ވިސްނުމަކީ ނިއުކްލިއާ ޑްރޯންތައް -- ދުޝްމަނުންގެ ސަބްބެރީންތައް ދަތުރުކުރާ މަގުތަކުގައި، ސިއްރިޔާތުގައި ބަނދަރުކުރުވުމެވެ. އަދި މުނާސަބު ވަގުތު ޖެހުމުން އެކީ އެކައްޗަކަށް ޑްރޯންތައް ގޮއްވާލުމެވެ.

މިއީ ވަރަށް ވަރުގަދަ ގޮވުމަކަށް ވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. އަދި ގޮވުމުގެ ސަބަބުން އުފެދޭ ސުނާމީގައި ދުޝްމަނުންގެ ސަބްމެރިންތަކާއި މަނަވަރުތައް އޮޅާލާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ދެކުނު ކޮރެއާއިން މި ކަމަށް ރައްދުދީ ބުނީ އުތުރު ކޮރެއާއިން ސަމާސާއަށް ވާހަކަދައްކާނެ ކަމަށް ނުބަލާނެ ކަމަށެވެ. އަދި ގައުމު ރައްކާތެރިކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވަގުތުން ވަގުތަށް ހަމަޖައްސާނެ ކަމަށެވެ.

އުތުރު ކޮރެއާ ބުނާ ގޮތުން އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން، ކޮރެއާ ސަރަހައްދުގައި އަސްކަރީ ފަރިތަކުރުންތައް ބާއްވަމުން ގެންދާހާ ހިނދު، އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރާމް މަޑުޖައްސައިނުލާނެ ކަމަށެވެ.