ދުނިޔެ

ސަރަހައްދީ ހަނގުރާމައެއް ފެށޭނީ އެމެރިކާއާ ދެކުނު ކޮރެއާގެ ސަބަބުން: އުތުރު ކޮރެއާ

އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން ކުރަމުން ގެންދާ އަސްކަރީ ފަރިތަކުރުންތައް ކުޅިވަރަކަށް ހަދާފައިވާ ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

ސަރަހައްދީ މަސްލަހަތަށް ނުބަލައި އެމެރިކާ އާއި ދެކުނު ކޮރެއާއިން ކުޅިބައި އަތުރާލާ ގޮތުން މުޅި ސަރަހައްދު ގޮވައި ދަރުދެއްޔަށް ވެދާނެ ކަަމުގެ އިންޒާރު ވެސް އުތުރު ކޮރެއާއިން ވަނީ ދީފަ އެވެ.

ކޮރެއާ ސަރަހައްދުގައި ހަނގުރާމައެއް ފެށޭނެ ނަމަ ފެށޭނީ ދެކުނު ކޮރެއާގެ ސަބަބުން ކަމަށް އުތުރު ކޮރެއާއިން ވަނީ ބުނެފަ އެވެ. އެމެރިކާ އާއި ދެކުނު ކޮރެއާ މަޖަލަކަށް ހަދައިގެން ހިންގަމުން ގެންދާ އަސްކަރީ ފަރިތަކުރުން ތަކުން ސުލްހައަށް މަގު ފަހިނުވާނެ ކަމަށް ވެސް އުތުރު ކޮރެއާއިން ވަނީ ބުނެފަ އެވެ.

ނިއުކްލިއާ ބާރު ލިބިގެންފައި އޮތް ގައުމެއް ރުޅިއަރުވައި ޖެއްސުންކުރުމަކީ ކިހާ ނުރައްކާ ކަމެއްކަން އެމެރިކާ އަށާއި ދެކުނު ކޮރެއާއަށް ވިސްނޭ ނަމަ -- އެ މީހުން އެ ހަދަނީ ގޯހެއްކަން އެނގޭނެ ކަަމަށް ވެސް އުތުރުން ބުނެ އެވެ.

އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން ދަނީ ވަރުގަދަ އަސްކަރީ ފަރިތަކުރުން ތަކަކަށް ތައްޔާރުވަމުންނެވެ. މެއި 25 އިން ޖޫން 15 އަށް ތާވަލުކޮށްފައި އޮތް ފަރިތަކުރުން ތަކުގައި ކަނޑާއި ވައި އަދި އެއްގަމުގައި ސިފައިން ބަރުހަތިޔާރާ އެކު ހަރަކާތްތެރިވާނެ އެވެ. އަދި މީގެ ކުރިން ތަރުރިބާކޮށްފައި ނެތް އަސްކަރީ ޓެކްނޮލޮޖީގެ އަޖުމަބަލައި ޓެސްޓްކުރާނެ އެވެ.

އުތުރު ކޮރެއާ ބުނާ ގޮތުން އަސްކަރީ ގޮތުން ބަރުގަދަ ގައުމަކަށް ވާން ޖެހުނީ ވެސް އެމެރިކާގެ ސަބަބުންނެވެ. އަދި ނިއުކްލިއާ ބާރު ހޯދައި ނިއުކްލިއާ ހަތިޔާރު އުފައްދަން ޖެހުނީ ވެސް އެމެރިކާއާ އެކު ދެނުން ގެންގުޅޭ ސިޔާސަތުގެ ސަބަބުންނެވެ.

އެމެރިކާ ބުނާ ގޮތުން ދެކުނު ކޮރެއާއާ ގުޅިގެން ހިންގާ އަސްކަރީ ފަރިތަކުރުން ތަކަކީ އުތުރު ކޮރެއާއަށް ޖެއްސުންކޮށް ރުޅިއަރުވަން ހިންގާ ޕްރޮގްރާމެއް ނޫނެވެ. އެއީ ދެކުނު ކޮރެއާއާ އެކު ހަދާފައި އޮތް އަސްކަރީ އެއްބަސްވުމެއްގެ ދަށުން -- ދެކުނު ކޮރެއާ ރައްކާތެރިކޮށްދިނުމަށް އަސްކަރިއްޔާ ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް އެމެރިކާ ބުނެ އެވެ.

އެހެން ނަމަވެސް، އެމެރިކާގެ މި ބުނުމަކީ ބުއްދި ހަމަނުޖެހޭ ބުނުމެއް ކަމަށް އުތުރުން ބުނެ އެވެ. ދެކުނު ކޮރެއާ ރައްކާތެރިކޮށްދިނުމަކީ އަވައްޓެރިންނަށް ކުރަާ ދުއްތުރާއަކަށް ވެގެން ނުވާނެ ކަމަށް ވެސް އުތުރުން ބުނެ އެވެ.

އެމެރިކާއާ ގުޅިގެން ގޯހެއް ނުހެދުމަށް ވެސް އުތުރުން ވަނީ ދެކުނަށް ނަސޭހްތަތެރިވެފަ އެވެ. ބަޑިބޭހަކީ ކޮން އެއްޗެއްކަން ނުދަންނަ ބަޔަކަށް -- ބަޑިބޭހާ ކުޅެގަންނަ ގޮތަކުން އަތަށް ގޮވައި ފިހިދާނެ ކަމަށް -- ނުވިސްނޭނެ ކަމަށް ވެސް އުތުރު ކޮރެއާ ބުނެ އެވެ.