ދެކުނު ކޮރެއާ އާއި ޖަޕާނާ އެކު ގުޅުން ބަދަހިކުރަނީ ކަމަށް ހެދިގެން އޭޝިއާގައި އެމެރިކާ ކުޅޭ ކުޅިގަނޑަކީ -- އެމެރިކާ ޖަހާހާ ބެރަކަށް ނަށާނެ -- ނޭޓޯއެއް އޭޝިއާގައި ވެސް އުފެއްދުން ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.
ކިމް ޖޮންގް އުން ވިދާޅުވީ ދެކުނު ކޮރެއާ އާއި ޖަޕާން އަސްކަރީ ގޮތުން ބާރުވެރިކުރުވައި ފަރިތަކުރުންތައް ބޭއްވުމުގައި އޮތީ އުތުރު ކޮރެއާ އަށް ބިރުދެއްކުން ކަމަށެވެ.
އެމެރިކާ ދައްކާ ބިރަށް ރަޖާލައިގެން އޮތުން ނޫން ގޮތެއް -- އެ މީހުންގެ ނަޒަރުގައި އުތުރު ކޮރެއާއަށް -- ނޯންނާނެ ކަމަށް އެ މީހުން ހީކުރާ ކަމަަށް ކިމް ވިދާޅުވި އެވެ.
ދެ ކޮރެއާގެ ދެމެދުގައި މިހާރު އޮތް ގުޅުމަށް ބަލާއިރު، ކިމް ވިދާޅުވި ގޮތުގައި، ޕިޔޮންގްޔަންގްއަށް އެންމެ ރައްކާތެރި ގޮތަކީ ހަތިޔާރުގެ ގޮތުން ބާރުގަދަ ގައުމެއް ގޮތުގައި ދެމިއޮތުމެެވެ.
އުތުރު ކޮރެއާ އިސްވެ ނިއުކްލިއާ ހަމަލާއެއް ނުދޭނެކަން ދޭހަވާ ގޮތަށް ކިމް ވިދާޅުވީ "ދެވަނަ ހަމަލާއެއް" ދޭނީ އުތުރު ކޮރެއާ އިން ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އެއީ ދިފާއީ ހަމަލާއަކަށް ނުވާނެ ކަމަށެވެ. މާނައަކީ އެ ހަމަލާއެއް ވާނީ ތަނެއް ސުންނާފަތިކުރަން ދޭ ހަމަލާއަކަށް ކަމަށެވެ.
ނިއުކްލިއާ ބާރުވެރިކަން ވަރުގަދަ ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ކިމް ވިދާޅުވީ އުތުރު ކޮރެއާގެ ފައުޖުތަކުން ފުރަތަމަ އިސްކުރާނެ ވިސްނުމަކީ ހަނގުރާމަ ހުއްޓުވައި ސުލްހަ ގާއިމުކުރުން ކަމަށެވެ.
އެވަރުން ނުވެއްޖެނަމަ ދެން އޮންނާނެ ގޮތަކީ ދެވަނަ ހަމަލާއެއް ކަމަށްވެސް ކިމް ވިދާޅުވި އެވެ.
ނިމިދިޔަ 2022 އަހަރަކީ އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލް ޓެސްޓްކުރުން އިތުރު އަހަރެކެވެ.
ނިއުކްލިއާ ވޯހެޑް އުފުލޭ ފެންވަރަށް މިސައިލްތައް ތަރައްގީކޮށް ޑްރޯން ފޮނުވައި ދެކުނު ކޮރެއާއިން ޖާސޫސް ކުރުމަކީ ވެސް އުތުރުން ހިންގި ކާމިޔާބު ޕްރޮޖެކްޓްތަކެކެވެ.