އުތުރު ކޮރެއާ އިން ނިއުކްލިއާ ހަމަލާއެއް ދެކުނު ކޮރެއާއަށް ދީފިނަމަ އެ ގައުމުގައި އޮތް ވެރިކަމުގެ ޒަމާން ދުއްވާލާނެ ކަމަށް ބުނެ ދެކުނުން އުތުރަށް އިންޒާރު ދީފި އެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމުގައި ހަނގުރާމައެއްގެ ސިފަ ޖެހިއްޖެނަމަ އެ ގައުމުގެ ހިމާޔަތުގައި އެމެރިކާ އަންނާނެ ކަމަށްވެސް ދެކުނުން ބުންޏެވެ.
އުތުރު ކޮރެއާގައި ނިއުކްލިއާ ހަތިޔާރު އުފައްދައި ޖަމާކުރުމަށް އެ ގައުމުން ހިންގަމުން ގެންދާ ޕްރޮގްރާމްތަކަށް ރައްދެއްގެ ގޮތުގައި ދެކުނުގެ ދިފާއީ ޒުވާރާއިން ބުނި ގޮތުގައި ދެކުނު ކޮރެއާގައި އޮތީ ހަމައެކަނި އެ ގައުމަށް ނިސްބަތްވާ ބާރުވެރިކަމެއް ނޫން ކަމަށެވެ.
ދެކުނު ކޮރެއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި އޮތް ގޮތުން އެ ގައުމުގައި އެންމެ ޒަމާނީ ހަތިޔާރު ފުނިޖަހާފައި އެބަހުއްޓެވެ. ގަދަފަދަ ރައްދަކުން ރައްދު ނުދެވޭ ވަރުގެ ހަމަލާއެއް ދެކުނަށް ދިނުމަކީ އުތުރަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައި ވެއެވެ.
ދެކުނު ކޮރެއާއަށް ހަމަލާދޭން ޖެހިދާނެ ދުވަކަށް ނިއުކްލިއާ ހަތިޔާރުތަކެއް އުތުރު ކޮރެއާއިން އުފެއްދި ނަމަވެސް އޭގެ ބޭނުން ހައްގު ނޫން ގޮތެއްގައި -- އަދި ދެކުނަށް އަމާޒުކޮށް ދިނުމަކީ، އުތުރުގައި އޮތް ޒައާމަތުގެ ނިމުން އަންނަ ދުވަސްކަން ހަނދާނުގައި ބެހެއްޓުމަށްވެސް ބަޔާނުގައި އޮތީ ގޮވާލާފަ އެވެ.
އުތުރުން މިހާރު ޖަހާފައި ހުރި މިސްރާބުގެ ސަބަބުން ދުނިޔެއިން ބާކީވުން ނޫން ކަމެއް ނުވާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ. ދުނިޔެ ގަބޫލުކުރާ ހަމަތަކުން އެއްކިބާވެ ނަސޭހަތްތަކަށް ބީރު ކަންފަތް ދިނުމަކީ ފަހުން ހިތާމަކުރަން ޖެހިދާނެ ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ސްޕްރީމް ޕީޕަލްސް އެސެމްބްލީގައި ވާހަކަދައްކަވުމުން ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ހޯދުމަކީ ދައުލަތުގެ އަސާސީ ގާނޫނެއް ގޮތުގައި އޮންނަން ޖެހޭ ކަމަށެވެ. އެއީ ގާނޫނަކުން ދައުލަތަށް ލާޒިމުކުރާ ކަމަކަށް ހަދަން ޖެހޭ ކަމަށެވެ.
ނިއުކްލިއާ ހަތިޔާރު ހޯދަން ޖެހެނީ ސަރަހައްދުގައި ސުލްހަވެރިކަން ދެމެހެއްޓުމަށާއި ގައުމަށް ނުރައްކަލެއް ވެއްޖެ ހިނދު ބޭނުންހިފުމަށް ކަމަށްވެސް އުތުރުން ބުނެ އެވެ.
ނިއުކްލިއާ ހަތިޔާރު ހުއްޓެއް ކަމަކު ގައުމަށް ނުރައްކަލެއް ނެތް ހިނދު އޭގެ ބޭނުން ނުހިފާނެ ކަމަށްވެސް އުތުރުން އޮތީ ބުނެފަ އެވެ. މިއީ އުތުރު ކޮރެއާއިން ތަކުރާރުކޮށް ބުނަމުންދާ ބަހެކެވެ.