އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިދާޅުވީ އުންމީދަކީ ދުނިޔޭގައި ނެތް ވަރުގެ ނިއުކްލިއާ ބާރެއް އުތުރުގައި އޮތުން ކަމަށެވެ.
ކިމް މިހެން ވިދާޅުވީ މިދާކަށް ދުވަހު އުތުރުން ބެލިސްޓިކް މިސައިލް ޓެސްޓްކުރުމުގައި ބައިވެރި އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އުތުރު ކޮރެއާއިން މިފަހަކު މިސައިލް ޓެސްޓްކުރުމުގެ މޫސުމެއް ވަނީ ފާހަގަކޮށްފަ އެވެ. ޖަޕާން ކަނޑަށް މިސްރާބުކޮށް އިންޓަކޮންޓިނެންޓަލް -- ބައްރުތައް ހުރަސްކޮށް ދަތުރުކުރާ ފެންވަރުގެ މިސައިލްތަކެއް ވަނީ އެކި ފަހަރު މަތިން އަޖުމަބަލާފަ އެވެ.
އެއަށް ފަހު ލޯކަލް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ކިމް ވިދާޅުވީ އުތުރު ކޮރެއާ އަކީ ނިއުކްލިއާ ބާރެއްކަން ދުނިޔެ ގަބޫލުކުރަން ޖެހޭ ކަމަށެވެ.
ކިމް ވިދާޅުވި ގޮތުގައި ނިއުކްލިއާ ބާރެއް އެކުލަވާލުމަކީ ސަރަހައްދީ މަސްލަހަތަށް ޓަކައި ކުރަން ޖެހޭ ކަމެކެވެ. ދުޝްވަމުން ގައުމު ވަށާލާއިއިރު އެއްވެސް ކަމެއް ނުކުރެވޭ ހާލުތައި ތިބުމަކީ މޮޔަ ކަމެއް ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އުތުރު ކޮރެއާ ބުނާ ގޮތުން އެ ގައުމުން އެންމެ ފަހު ޓެސްޓްކުރި ބެލިސްޓިކް މިސައިލް، ވާސޮންގް-17 އަށް ވުރެ ބާރުގަަދަ ހަތިޔާރެއް ދުނިޔެ މިހާތަނަށް ދެކެފައި ނުވެ އެވެ. އެއީ އެމެރިކާގެ މެދުތެރެއަށް ފޯރާ ވަރުގެ މިސައިލެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އުތުރު ކޮރެއާގެ ސައިންސްވެރިންނަށް ތައުރީފް ކުރައްވާ ކިމް ވިދާޅުވީ އެއީ ދުނިޔޭގައި ވެސް ނެތް ވަރުގެ ފުންނާބު އުސް ބައެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ އުތުރުގެ ސައިންސްވެރިންނަކީ އަޖައިގެން ކަހަލަ ބައެއް ކަމަށެވެ.
އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރަމާ މެދު އެމެރިކާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އުތުރުން މިސައިލް ޓެސްޓްކުރުމާ ގުޅިގެން އެމެރިކާއިން ވަނީ އަސްކަރީ ވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.