ދުނިޔެ

ސުވާލަކީ ނިއުކްލިއާ ހަނގުރާމައެއް ފުރަތަމަ ފަށާނީ ކާކުހޭ: އުތުރު ކޮރެއާ

ކޮރެއާ ސަރަހައްދު މިހާރު އޮތީ ނިއުކްލިއާ ހަނގުރާމައަކަށް ދޮންވެ ފައްކާވެފައި ކަމަށް އުތުރު ކޮރެއާގެ ދިފާއީ ވަޒީރު ޖެނެރަލް ކަންގް ސުން ނަމް ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ އެއީ މިހާރު ސުވާލަކަށް ވެސް ނުވާ ކަމަށެވެ.

ރަޝިއާގައި މިހާރު ކުރިއަށްދާ މޮސްކޯ އިންޓަނޭޝަނަލް ސެކިޔުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޖެނެރަލް ކަންގް ވިދާޅުވީ މިހާރު ކުރަން އެންމެ ރަނގަޅު ސުވާލަކީ -- ކޮރެއާ ސަރަހައްދުގައި އެންމެ ފަުރަމަ ނިއުކްލިއާ ހަނގުރާމައެއް ފަށާނީ ކާކުތޯ އެވެ.

ކޮރެއާ ސަރަހައްދުގައި އެމެރިކާ މަސްއޫލްކުރުވާ ނަމަ ބިރުވެރި ކިތަންމެ މައްސަލަތަކެއް ވެސް އުފެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ މިހާރު އެންމެ ބޮޑަށް އެދޭ ކަމަކީ އުތުރު ކޮރެއާގެ ވެރިކަން ބަދަލުކުރުން ކަމަށް ވެސް ޖެނެރަލް ކަންގް ވިދާޅުވި އެވެ. އެމެރިކާއަށް ބުއްދިލައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އަވައްޓެރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖެނެރަލް އެ ވިދާޅުވަނީ ދެކުނު ކޮރެއާގެ ވާހަކަ އެވެ.

ކޮރެއާ ސަރަހައްދުގައި ނިއުކްލިއާ ހަނގުރާމައެއް ފެށިއްޖެ ނަމަ ހަދާނީ ކިހިއްތޯއޭ ބުނެ އެ ކުރެވެނީ ރަނގަޅު ސުވާލެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ނިއުކްލިއާ ހަނގުރާމައެއް އެންމެ ފުރަތަމަ ފަށަން ކެރޭނީ ކޮން ބަޔަކަށްތޯ ސުވާލުކުރުން މުނާސަބު ކަމަށެވެ.

އެމެރިކާގެ މަސައްކަތަކީ ކޮރެއާ ސަރަހައްދަށް ހަތިޔާރު ޖަމާކުރުން ކަމަށާއި އެއީ ކޮން ބަޔަކަށް ބިރުދެއްކުމަށް އެއްކުރާ ހަތިޔާރެއްތޯ ޖެނެރަލް ސުވާލުކުރެއްވި އެވެ.

ބަޔަކު ޖަމާކުރާ ހަތިޔާރަށް ސިހޭ ވަރަށް ވުރެ އުތުރު ކޮރެއާ އަކީ ހަތިޔާރަށް އޮޅު ގައުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮރެއާ ސަރަހައްދުގައި އެމެރިކާއިން އަސްކަރީ ފަރިތަކުރުންތައް އަހަރަކު ކިތަންމެ ފަހަރަކު ބޭއްވި ނަމަވެސް، އުތުރު ކޮރެއާގެ މައްޗަށް އޮތް އިތުބާރު ނުގެއްލޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އަކީ އެ މީހުން ބުނާ ގޮތުން ސުލްހައަށް ލޯބިކުރާ ގައުމެއް ކަމަށް ވެސް ޖެނެރަލް ވިދާޅުވި އެވެ.

ނަމަވެސް، ޒަމާން މިހާ ހިސާބަށް އައިއިރު ވެސް އެ މީހުންނަށް ނަމޫނާ ދެއްކިފައި ނުވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.