މިސްކިތް

ޝައިޚް ޒައިދު މިސްކިތް - އަބޫދާބީ، ޔޫއޭއީ

ޝަ އިޚް ޒައިދު މިސްކިތް ބިނާކުރުމުގެ މަސައްކަތްތައް ފައްޓަވައިދެއްވީ ޔޫއޭއީގެ ކުރީގެ ރައީސް، ޝައިޚް ޒައިދު ބިން ސުލްތާން އައްނަޙްޔާން އެވެ.

މިސްކިތް ނިސްބަތްކޮށްފައި ވަނީ ވެސް އެ މަނިފާނަށެވެ. އެހެންނަމަވެސް މިސްކިތް ބިނާކޮށް ނިމުމުގެ ކުރިން އެ މަނިކުފާން ވަނީ 2004 ގައި އަވަހާރަވެފަ އެވެ.

މި މިސްކިތް ބިނާކުރުމުގެ ތައްޔާރީތަށް ފެށީ 1994 ވަނަ އަހަރު އެވެ. ބިންގާއެޅީ 1996 ގައެވެ. އިމާރާތްކޮށް ނިމުނީ ޑިސެމްބަރު 20، 2007 ގައެވެ. ޖުމުލަ ޚަރަދަކީ ދެ ބިލިއަން ދިރްހަމް -- 545 މިލިއަން އެމެރިކާ ޑޮލަރެވެ.

މިސްކިތް ބިނާކުރުމުގެ މަސައްކަތުގައި 3،000 މަސައްކަތު މީހުންނާއި 38 ސަބްކޮންޓްރެކްޓަރުން ބައިވެރިވި އެވެ.

މިސްކިތުގެ ދިގުމިނަކީ 420 މީޓަރު (1،380 ފޫޓް) އެވެ. ފުޅާމިނަކީ 290 މީޓަރު (950 ފޫޓް) އެވެ. ޖާގަ އަކީ 41،000 އެވެ. 82 ގުއްބު ހުރެ އެވެ.

ޝައިޚް ޒައިދު މިސްކިތުގެ މައި ހޯލުގައި އަޅާފައި އޮތް ކާޕެޓަކީ ވެސް ބޮޑު ހައިރާނެކެވެ. މިއީ މި ކާޕެޓް އުފެއްދުމާ ހަމައަށް ދުނިޔޭގައި ވިޔުން އެންމެ ބޮޑު ކާޕެޓެވެ. ކާޕެޓްގެ ބޮޑުމިނަކީ 60،627 އަކަފޫޓެވެ.

ކާޕެޓް ވިޔުމުގައި 1،200 - 1،300 މީހުން ވަނީ ބައިވެރިވެފަ އެވެ. ކާޕެޓް ވިޔެފައި ވަނީ 2.3 ބިލިއަން ގޮށުންނެވެ. ބަރުދަނަކީ 35 ޓަނެވެ. ކާޕެޓް ވިޔުމަށް ގާތްގަނޑަކަށް ދެ އަހަރު ވަނީ ހޭދަވެފަ އެވެ.

ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާން މިސްކިތް ބިނާކުރެއްވީ މުސްލިމް އިސްލާމީ ވަންތަކަން ޒަމާނީ ކުރައްވައި ދެމެހެއްޓެވުމަށެވެ. ކެތްތެރިކަމާއި ސުލްހަވެރިކަމަކީ މުސްމުލިމުންގެ ސިފަ ކަމަށް ދެއްކެވުމަށެވެ.

މި މިސްކިތަކީ ޒަމާނީ އިސްލާމީ އާކިޓެކްޗާ އަދިވެސް ދިރިހުރިކަން ސާބިތުކޮށްދޭ ބިނާ އެކެވެ. އެހާރާއި މިހާރު ގުޅުވައި، އިސްލާމީ ސައިންސާއި އުނގެނުމަށް ޖާގައެއް ގޮތުގައިވެސް މި މިސްކިތް ބޭނުންކުރެވެ އެވެ.