ފިނޭންސް މިނިސްޓްރީ

ދައުލަތުގެ އިދާރާތަކުގައި ކްރެޑިޓް ކާޑު ބޭނުންކުރެވޭ އުސޫލެއް ހަދައިފި

Mar 12, 2023

ދައުލަތުގެ އިދާރާތަކުގައި ކްރެޑިޓް ކާޑު ބޭނުންކޮށްގެން މާލީ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް އުސޫލެއް އެކުލަވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ މިއުސޫލުގެ މަގުސަދަކީ އިންޓަނެޓް ބޭންކިން ނޫން ގޮތްގޮތަށް ކުރެވެން ނުހުންނަ ހާލަތްތަކުގައި މާލީ މުޢާމަލާތްތައް ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ދައުލަތުގެ އިދާރާއަކުން ކްރެޑިޓް ކާޑެއް ބޭނުންނަމަ ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ކަމާ ގުޅޭ ފޯމު ފުރިހަމަކުރުމަށްފަހު ފިނޭންސް މިނިސްޓްރީއަށް ހުށައަޅަންޖެހެ އެވެ. މި ފޯމާއިއެކު ކާޑު ދޫކުރާ މާލީ އިދާރާގެ މައުލޫމާތު ފޯމާއި، ނޮމިނީންގެ އައިޑީކާޑު ކޮޕީ ހުށަހަޅަންޖެހެ އެވެ.

ލޯކަލް ކައުންސިލަކުން ކްރެޑިޓް ކާޑު ހަދަން ބޭނުންވާނަމަ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށެވެ.

ކާޑު ހަދަން ހުށަހެޅުމުން އެކަމަށް ހުއްދަދީ އަދި މާލީ އިދާރާތަކަށް ހުށައަޅާނީ ފިނޭންސް މިނިސްޓަރުގެ ހުއްދަ ލިބިގެން ކަމަށް އުސޫލުގައިވެ އެވެ.

އުސޫލުގައިވާ ގޮތުން ކްރެޑިޓް ކާޑުތަކުން ކުރާ ހަރަދުތަކަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބަޖެޓް ކޮށްފައިވާ ހަރަދަޖަށް ވާންޖެހެ އެވެ. ކާޑުތަކުން ކުރާ ހަރަދުގެ ތަފްސީލްވެސް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ.

ކާޑުން ކުރާ ހަރަދު ލިމިޓްކުރަން ނިންމާފައިވާއިރު އެ ލިމިޓް ކަނޑައަޅާނީ ފިނޭންސް މިނިސްޓަރެވެ. ލިމިޓުގެ އިތުރަށް ހަރަދުކުރާނަމަ ލިޔުމުން މިނިސްޓްރީއަށް އެކަން ހުށަހަޅަންޖެެހެ އެވެ.

އުސޫލުގައިވާ ގޮތުން ކާޑެއް ގެއްލިއްޖެނަމަ ނުވަތަ ގޮތް ނޭގޭ ގޮތަކަށް ޓްރާންސްސެކްޝަންތަކެއް ކުރަމުންދާ ކަމަށްވާނަމަ އެކަންވެސް ފިނޭންސް މިނިސްޓްރީއަށް އަންގަންޖެހެ އެވެ. ހަމަޖެހިފައިވާ އުސޫލުތަކާ ހިލާފަށް ކާޑު ބޭނުންކުރާ އިދާރާތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.