ޑރ. މުހައްމަދު މުނައްވަރު

މުނައްވަރުގެ ބަސް: ޑީލެއް ނުހަދާނަން، އިންސާނެއްގެ މަދަދެއް ވެސް ބޭނުމެއް ނޫން

ކު ރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށް އެއްވެސް މީހަކާ އެކު "ޑީލެއް" ނުހައްދަވާނެ ކަމަށް ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ގޭގައި -- ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވީ ރާއްޖޭގައި ސިޔާސީ މައިދާނުގައި މިއަދު ކުރިއަށް ތިއްބެވި އެއްވެސް ބޭފުޅަކާ މަޝްވަރާކުރެއްވުމަށްފަހު ނޫން ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މެދުތެރޭގައި ރިޔާސީ އިންތިހާބަށް ނިކުތުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދެންނެވި ކަމަށެވެ.

އަޅުގަނޑު މަދަދު އެދެނީ އަޅުގަނޑުމެން ހެއްދެވި ފަރާތުން. އިތުރު އިންސާނެއްގެ ފަރާތަކުން މަދަދަކަށް ނޭދެން
ޑރ. މުހައްމަދު މުނައްވަރު | ކުރީގެ ބަންޑާރަނައިބް

އެކަމަކު އެމަނިކުފާނު ވިދާޅުވީ ސިޔާސީ މަސަައްކަތުގައި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ގުރުބާންވާ ފަދަ އެއްވެސް "ޑީލެއް" އެއްވެސް ފަރާތަކާ އެކު ނުހަދާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ. ޑީލެއް ހައްދަވާނަމަ ހައްދަވާނީ ދިވެހި ރައްޔިތުންނާ އެކުގައި ކަމުގައި ވިދާޅުވި އެެވެ.

އެއްވެސް ސިޔާސީ ޕާޓީއަކާ ނުގުޅި ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯދިދާނެތޯ ދެންނެވުމުން މުނައްވަރު ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގަނީ ހިންގަންވާ ގޮތަށްތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ތަފާތު ނަންނަމުގައި ޕާޓީތައް ހިންގަމުން ދިޔަ ނަމަވެސް ކޮންމެ ޕާޓީ އަކީ ވެސް އެއްވައްތަރަކަށް ހިންގާ ޕާޓީތަކެއް ކަމަށް ސިފަކުރެއްވި އެވެ. އެހެންވެ އެއްވެސް މީހެއްގެ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދި އެއްވެސް މީހަކު ދޭ ފައިސާކޮޅަކަށް ނަން އަނބުރާ ނުނަންގަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

"އަޅުގަނޑު ނުދަންނަވަން ޕާޓީގެ ނިޒާމު ފެއިލްވީ ކަމަކަށް. އެކަމަކު އެހިސާބުގައި އޮތީ. ޕާޓީތައް އައިސްގެން އުފެދުނީ ކޮރަޕްޝަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ސިޔާސީ މައިދާނުގައި ދުރުގައި ހުންނެވި ސަބަބު އޮޅުން ފިލުއްވައިދެއްވި

މުނައްވަރު ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވި ފަހުން ސިޔާސީ މައިދާނާ ދުރުގައި ހުންނެވީ ވަރަށް ބޮޑު އަމިއްލަ ކަމެއް ދިމާވެގެން ކަމަށެވެ. އެގޮތުން ވިދާޅުވީ އެމަނިކުފާނުގެ ބޭފުޅަކު ރާއްޖެއިން ބޭރުގައި ތެރަޕީ ނަންގަވަން ޖެހިވަޑައިގަންނަވާތީ އެކަމުގެ ތެރޭގައި މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ވަގުތު އުޅެން ޖެހުނު ކަމަށެވެ. އެކަމަކު މިއަދު ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގައުމުގެ ހާލަތު މަޖުބޫރުކުރީ ކަމުގައިވެސް ވިދާޅުވި އެވެ.

އިނަފް އިޒް އިނަފް. އެއީ އަޅުގަނޑުމެން ތެދުވާންޖެހުނު ސަބަބު
ޑރ. މުހައްމަދު މުނައްވަރު | ކުރީގެ ބަންޑާރަނައިބް

މުނައްވަރު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ދެ ފެކްޝަންގައި ވެސް އިސްކޮށް ތިއްބެވީ އެމަނިކުފާނުގެ ވަރަށް ގާތް ބޭފުޅުން ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންނާ ސިޔާސީ ކަމެއްގައި ޒާތީ ކަމެއް ނެތް ކަމަށާއި އެކަމަކު ހަވާލުވެ ތިއްބެވި މަގާމުތަކުގައި ގޯސް ހައްދަވާނަމަ އެކަމުގައި ކަން އޮންނަ ގޮތް ވިދާޅުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފާޑު ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ބަންޑާރަނައިބް ކަން ކުރެއްވި މުނައްވަރު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ތައުލީމީ އަދި ތަންދޮރު ފިލާ ބައެއް ކަމަށެވެ. ނަމަވެސް ދިވެހިން ގަބޫލުކޮށްގެން ތިބި ހުރިހާ ރަނގަޅު ކަމެއް މިއަދު ގެއްލި ހިނގައްޖެ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެެވެ.

"މިހާ ގަދަރުވެރިކޮށް ދިރިއުޅުނު ރައްޔިތެއް ދިވެހިންނަކީ. އެކަކު އަނެކަކަށް ހާއްސަކޮށް ދޮށީ އުމުރު މީހުންނަށް ގަދަރުކުރި ބައެއް [ދިވެހިންނަކީ]. މިއަދު ފެންނަނީ އެކަންކަން އުވިގެންދާތަން. މަގުމައްޗަށް ނިކުންނައިރު ވެސް ފެންނަނީ ނުތަނަވަސްކަން. އެއްވެސް މީހަކު އަނެއް މީހަކަށް ބެލުމެއް ނެތް،" މުނައްވަރު ވިދާޅުވި އެވެ.

ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް

މުނައްވަރު ވިދާޅުވީ ރާއްޖެއިން މިއަދު ފެންނަނީ ގާނޫނުގެ ބާރު ކެނޑިގެންދާ މަންޒަރު ކަމަށެވެ. ވަކި މީހަކަށް ވަކި ގޮތެއް ހެދުމަކީ ގައުމު ހިންގަންވާނެ ގޮތެއް ނޫން ކަމަށާއި އެކަންކުރަން ދޫކޮށްލައިގެން ތިބެގެން ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީހުގައި ރާއްޖެ ދުވަހަކުވެސް އަޅުވެތި ނުވާ ވަރަށް ރާއްޖޭގެ ކަންކަން އަމިއްލައަށް ނުނިންމި އަޅުވެތިވެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެ އަޅުވެތި ކުރި ބައެއްގެ ނަމެއް ވިދާޅުވެފައެއް ނުވެ އެވެ.

"ސަރުކާރުގެ ބައެއް އިސް ބޭފުޅުން ފާޅުގައި ވިދާޅުވާ ކަހަލަ އަޅުގަނޑުމެންގެ މިނިވަންކަން އޮތީ ބޭރުގެ ބަޔަކަށް ބަރޯސާވެގެންނޭ. ކުޑަ ގައުމު ބޮޑު ގައުމު ދަށުގައި އޮތުން އެއީ މިނިވަންވުމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ އިން މިއަދު މާލީ އިދާރާތަކުގެ އިތުރުން ބައެއް ގައުމުތަކުން ވެސް ބޮޑެތި އަދަދުތަކުން ލޯން ނަގައި ދިވެހި ދަރަނިވެރިކުރަމުންދާ ކަމަށްވެސް މުނައްވަރު ތުހުމަތު ކުރެއްވި އެވެ.

މިހާރު ކޮންމެ ފައިސާއެއް މިނަގަނީ ރައްޔިތުންގެ އަތުން. މިއީ އެ ބޭފުޅުންގެ [ސަރުކާރުގެ ވެރިންގެ] ތަރިކަ މުދަލެއް ނޫން. އެބޭފުޅުން ބޭނުންވާހާ ބަޔަކަށް މަގާމު ދީފައި ބަހަން ހުންނަ ފައުިސާއެއް ނޫން މިއީ. ތަރައްގީގެ އެއްވެސް މަސައްކަތެއް ނުުކުރެވޭ. އެ ލަފްޒު އެނގޭ ކަމާ މެދުވެސް ޝައްކު އުފެދޭ
ޑރ. މުހައްމަދު މުނައްވަރު | ކުރީގެ ބަންޑާރަނައިބް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް"ގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވައުދު ވެގެން ކަމުގައިވެސް މުނައްވަރު ވިދާޅުވި އެވެ. ނަމަވެސް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މުނައްވަރު ވިދާޅުވީ ރައީސް ސޯލިހްގެ އަމަލުތައް ހުންނެވީ ޒީރޯ ޓޮލަރެންސް މިބަހުގެ މާނަވެސް އެނގޭ ގޮތަށް ނޫން ކަމަށެވެ.

ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަތައް އިތުރުކުރެއްވުމަށް ނިންމަވާ، ރިޔާސީ އިންތިހާބުގެ އަހަރުގައި އެކަން އަމަލީ ގޮތުން ކުރައްވާތީ މުނައްވަރު ވިދާޅުވީ އިންތިހާބަށް ދެތިން މަހަށް ވެފައި ވަނިކޮށް މުސާރަ ބޮޑުކުރުމަކީ ރިޝްވަތު ކަމަށެވެ.

"މުސާރަ ބޮޑުވާން ޖެހޭނީ މަންފާވާ ގޮތަށް. މުސާރަ ބޮޑުކޮށްފައި އަނެއް ދުވަހު ތަކެތީގެ އަގު އުފުލިގެންދާނެ ކަމަށް އެކަން ކުރުމުގެ ބޭނުމަކީ ކޮބާ،" މުނައްވަރު ވިދާޅުވި އެވެ.