ހަބަރު

އިންތިފް ރައޫފް ގެންގުޅުނީ ފިސްތޯލެއް ނޫން، މިނާފުށް ބަޑިއެއް: ވަކީލް

ދައުލަތުން މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރު ބެހެއްޓި ކަމުގެ ދައުވާ އުފުލާފައިވާ ހ. ހިލްޓަން މުހައްމަދު އިންތިފް ރައޫފް ގެންގުޅުނީ ފިސްތޯލައެއް ނޫން ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ. އިންތިފުގެ ވަކީލް ވިދާޅުވީ، އޭނާ ގެންގުޅުނީ ކުޅޭކުޅޭ "މިނާފުށް ބަޑިއެއް" ކަމަށެވެ.

އިންތިފުގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އިންތިފު ބުނީ، އޭނާއަކީ ކުޑަކުދިންގެ ހަވީރުތައް އިންތިޒާމްކޮށް އިވެންޓް ޕްލޭންކުރާ މީހެއް ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަވީރަކަށް ޕްރޮޕޯސަލް ތައްޔާރުކޮށް، ބެންކޮކުން އެ ހަވީރަށް ޓާގެޓް މިނާފުށް ބަޑިއެއް އެތެރެކުރީ ކަމަށެވެ. ޝަރީއަތަށް އެ ޕްރޮޕޯސަލާއި މިނާފުށް ބަޑި އެތެރެކުރި ތަނުގެ ތަފްސީލު އަދި އިވެންޓަށް ތައްޔާރުވުމަށް ކުރި މަސައްކަތްތައް ހުށަހަޅާނެ ކަމަށް ވެސް އިންތިފު ބުންޏެވެ.

ގޭބަންދުގައި ހުރި އިންތިފު މިއަދު ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށްފައިވަނީ، ބިޑި އަޅުވައިގެންނެވެ. އެކަން އިންތިފުގެ ވަކީލް، ގާޒީގެ ސަމާލުކަމަށް ގެނައުމުން ބިޑި ނެއްޓުމަށް ގާޒީ ވަނީ އަމުރުކުރައްވާފަ އެވެ.

އިންތިފުގެ ވަކީލު ވިދާޅުވީ، ދައުލަތުން އިންތިފުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ހުރިހާ ލިޔުމެއް ދީފައިނުވުމުން ދިފާއުގައި ޖަވާނުދާރީވުމަށް އުނދަގޫވާ ކަމަށެވެ. މިކަމާ ގުޅިގެން ދައުލަތުން ބުނީ އެއީ ސިއްރު ލިޔެކިޔުންތަކެއް ކަމަށާއި އެތަކެތި ހާމަނުކުރެވޭނެ ކަމަށެވެ. ދައުލަތުން ވަނީ 16 ލިޔެކިޔުމުގެ ތެރެއިން ދެ ރިޕޯޓެއް އިންތިފުގެ ވަކީލުންނަށް ހަވާލުކުރި ނަމަވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ. ބާކީ 14 ލިޔެކިޔުން ސިއްރުކުރުމަށް ދައުލަތުން ވަނީ އެދިފަ އެވެ.

އިންތިފު ދައުވާއަށް އިންކާރުކޮށްފައިވާއިރު ދައުވާގައިވަނީ، ފުލުހުން މއ. ގޯލްޑަންބީމް ބަލައި ފާސްކުރުމަށް ދިޔުމުން އެ ގޭގެ ވައި ގޮޅީގެ ތެރެއިން އިންތިފު ފިސްތޯލައެއް އެއްލާލާފައިވާ ކަމަށެވެ. އެގެ ބަލާ ފާސްކުރުމަށްފަހު އިންތިފާއި އިންތިފުގެ އަންހެނުން ހައްޔަރުކޮށްފައިވެ އެވެ. އަންހެނުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އިންތިފުގެ ވަކީލް ވިދާޅުވީ، އިންތިފު ފުލުހުން އެބުނާ ބަޑިއެއް ގެންގުޅުނީ ދިރިއުޅުމަށްކުރާ މަސައްކަތެއް ގޮތުން ކަމަށާއި އެހެންކަމުން މަގުބޫލު ސަބަބެއް ނެތި ގެންގުޅުން ކަމަށްނުވާނެ ކަމަށެވެ. އިންތިފު ގެންގުޅުނީ މިނާފުށް ބަޑިއެއް ކަމަށާއި އެއީ އޭނާ ދިރިއުޅުމަށްކުރާ މަސައްކަތަށް ގެންގުޅޭ އެއްޗެއް ކަމަށް ވަކީލު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

"މިނާފުށް ބަޑިއަކީ ރާއްޖޭގައި މީގެ ކުރިން ވެސް ބޭނުންކުރާ އެއްޗެއް، ގިނަ މީހުން ގެންގުޅޭ އެއްޗެއް މީގެ ކުރިން މަނަލެއް ނޫން، އެއީ އިންތިފު އާމްދަނީ ހޯދުމަށް ގެންގުޅުނު އެއްޗެއް، އޭނާއަކީ އަބަދުވެސް ކުޅޭ އެއްޗެހި އެއްކުރާ ހިތްވާ މީހެއް،" ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ، އެ ބަޑިއަކީ ބެންކޮކްގެ މަގުމަތިން ގަތް ބަޑިއެއް ކަމަށާއި ބަޑި ރާއްޖެއަށް އެތެރެކޮށްފައިވަނީ އަތް ދަބަހެއްގައި ބެންކޮކް އެއާޕޯޓާއި ލަންކާ އެއާޕޯޓް އަދި ރާއްޖޭގެ އެއާޕޯޓުން ވެސް ޗެކްކުރުމަށް ފަހު ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އިންތިފު ގެންގުޅު ބަޑީއާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން އެކުލަވާލި ރިޕޯޓުން އެ ބަޑިއަކީ މިނާފުށް ބަޑިއެއް ނޫންކަން އެނގޭ ކަމަށާއި އެއީ ދަގަނޑު ބޯޅަ ލައްވާ ވައްތަރުގެ ބަޑިއެއް ކަމަށެވެ. އަދި އެ ބޯޅަތައް މީހެއްގެ ހަށިގަނޑަށް ޖަހައިފިނަމަ އޭގެ ސަބަބުން އެމީހަކަށް ގެއްލުންވާނެ ކަމަށް ވެސް ރިޕޯޓުން އެނގޭ ކަމަށް ދައުލަތުުގެ ވަކީލު ވިދާޅުވި އެވެ.

މިއަދު ޝަރީއަތް ނިންމާލާފައިވަނީ އިންތިފާށް ދައުވާއަށް ހުލާސާ ޖަވާބެއް ދިނުމަށް އަޑުއެހުމެއް ބޭއްވުމަށް ނިންމާފަ އެވެ. އަދި ދައުލަތުން ސިއްރު ނުކުރަން ނިންމި ދެ ރިޕޯޓް ވެސް އިންތިފުގެ ވަކީލުންނަށް ހަވާލުކުރާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.