ދީން

ސުލްތާން ގާބޫސް މިސްކިތް - މަސްކަތު، އޮމާން

ސު ލްތާން ގާބޫސް މި މިސްކިތް ބިނާކުރުމަށް އަމުރުކުރެއްވީ 1992 ވަނަ އަހަރު އެވެ. އެހެންނަމަވެސް މިސްކިތް ޑިޒައިންކުރުމާއި، މިސްކިތަށް ޚާއްސަ ބިމެއް ތަނަވަސްކޮށް އިމާރާތްކުރަން ފެށީ ޑިސެމްބަރު 1994 ގައެވެ. މި މިސްކިތް އިމާރާތްކޮށް ފުރިހަމަކުރުމަށް ހަ އަހަރާއި ހަތް މަސްދުވަސް ވަނީ ހޭދަވެފަ އެވެ. ހުޅުވީ މެއި 4، 2001 ގައެވެ.

ގާބޫސް މިސްކިތް ބިނާކުރުމަށްޓަކައި އިންޑިއާއިން 300،000 ޓަނުގެ ގާ އޮމާނަށް އެތެރެކުރި އެވެ. އިމާރާތްކުރަން ބޭނުންވާ ސާމާނު ބަލައި ފާސްކޮށް ދުނިޔޭގެ އެކި ގައުމުތަކުން ހޯދުމުގައި ފަންނުވެރިންގެ އިތުބާރަށް ވަރަށް ބޮޑަށް ބުރަވި އެވެ.

މިސްކިތުގެ ޖާގަ އަކީ 25،000 މީހުންނެވެ. މިސްކިތަށް ފުރިހަމަކަން ގެނައުމަށް އަކަ ހަމަކޮށް ފަސް މުންނާރު މިސްކިތުގެ ގޯތި ތެރޭގައި ވަނީ އިމާރާތްކޮށްފަ އެވެ. އެންމެ އުސް މުންނާރުގެ ދިގުމިނަކީ 300 ފޫޓު އެވެ. ދެން ހުރި މުންނާރުތަކުގެ ދިގުމިނަކީ 149 ފޫޓެވެ.

މި މިސްކިތަކީ ނަމާދުކުރަން ހާއްސަ އިމާރާތެއް ނަމަވެސް، ޓޫރިސްޓުން ޒިޔާރަތްކުރާ މަރުކަޒެއް ގޮތުގައި ވެސް ބޭނުންކުރެ އެވެ.

މިސްކިތުގެ ނަމާދު ތަޅުން 244 ފޫޓޫ، 244 ފޫޓަށް އޮންނަނީ އަކަ ހަމަކޮށްފަ އެވެ. އަދި ތަޅުމުގެ މެދަށްވާ ގޮތަށް މަތީގައި 160 ފޫޓު އުސް ގުއްބެއް އޮވެ އެވެ.

މިސްކިތަށް ޚާއްސަ ކާޕެޓެއް ޑިޒައިންކުރުމަށާއި ވިޔުމަށް ހަތަރު އަހަރު ދުވަސް ވަނީ ހޭދަވެފަ އެވެ.

ކާޕެޓް ވިޔެފައި ވަނީ އަތުން އެއްބިލިއަން ހަތް މިލިއަން ގޮށުންނެވެ. މިއީ އެއިރު ދުނިޔޭގައި ވިޔުނު އެންމެ ބޮޑު ކާޕެޓެވެ. އެކަމަކު މިހާރު ދެވަނަ އެެވެ. ކާޕެޓްގެ ބަރުދަނުގައި 21 ޓަން ހުރެ އެވެ.

ނަމާދު ހޯލުގައި އެލުވާފައި ހުންނަ ޗަންދަލިޔާގެ ދިގުމިނަކީ 46 ފޫޓެވެ. ބަރުދަނަކީ 8.5 ޓަނެވެ. 600،000 ޖަވާހިރާއި 1،122 ބޮކި މި ޗަންދަލިޔާގައި ހުރެ އެވެ.