މަ ސްޖިދުލް ކައުޘަރު ހުންނަނީ މެލޭޝިއާގެ ސަބާހް ސްޓޭޓްގައި -- ތަވާއޫ ސިޓީގަ އެވެ. މިއީ މޫދާ ވަރަށް ގާތުގައި ބިނާކޮށްފައި ހުންނަ މިސްކިތެކެވެ. އިންޑޮނީޝިއާ އާއި މެލޭޝިއާއާ ދެމެދުގައި އޮންނަ ކަނޑަށް މަސްވެރިން މަހަށް ނުކުމެ އުޅޭއިރު މި މިސްކިތުން ބަންގި ގޮވާ އަޑު ވަރަށް ރީތިކޮށް އިވޭ ކަމަށް ވެއެވެ.
ކައުޘަރު މިސްކިތަކީ ސަބާހްގައި ހުންނަ އެންމެ ބޮޑު މިސްކިތެވެ. ޖަމާއަތުގައި 17،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް، މި މިސްކިތް އިމާރާތްކުރަން ފެށީ ޖޫން 19، 1997 ގައެވެ.
މުޅި އިމާރާތުގެ މަސައްކަތްތައް އޮކްޓޫބަރު 2002 ގައި ނިންމައި، ދެން ހުރި ހުރިހައި ކަމެއް ފުރިހަމަކޮށް އާންމުންނަށް ހުޅުވާލީ އޯގަސްޓް 13، 2004 ގައެވެ. ޖުމުލަ ހޭދަ 6.9 މިލިއަން ޑޮލަރަށް ވުރެ އިތުރު ކަމަށް ހިސާބުތަކުން ދައްކަ އެވެ.
މިސްކިތުގެ ނަމާދު ހޯލު މަތީގައި އޮންނަ ގުއްބުގެ އުސްމިނަކީ 193 ފޫޓެވެ. ފުޅާމިނަކީ 66.6 ފޫޓެވެ. ހުންނަނީ އެންމެ މުންނާރެކެވެ.
ކައުޘަރު މިސްކިތުގައި ރަސްމީ ބޭނުންތަކަށް ސެމިނާ ހޯލެއް ހުރެ އެވެ. އާންމުންނަށް ލައިބްރަރީ އަކާއި އަދި އިދާރީ މަސައްކަތްތަކަށް ހާއްސަ އޮފީސް ބަރިއެއްވެސް ހުރެ އެވެ.
މިސްކިތް އިމާރާތްކޮށްފައި ހުންނަ ހިސާބުގެ ގޮތުން ސުނާމީއެއްގައި ލިބިދާނެ ނުރައްކަލަކުން ރައްކާތެރިކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.
އިންޑޮނީޝިއާގެ ސުމަތުރާއަށް 2004 ގައި އެރި ސުނާމީއަށް ފަހު ކައުޘަރު މިސްކިތުގައި ސުނާމީ އިންޒާރުދޭ ނިޒާމެއް ވަނީ ބަހައްޓާފަ އެވެ.
ކައުޘަރު މިސްކިތުގައި ނަމާދަށް ތިބޭ މީހުންނަށާއި އަވަށުގެ އެ ހިސާބުގައި ދިރިއުޅޭ އާންމުންނަށް ސުނާމީގެ އިންޒާރު ދިނުމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ އަމުރަށް ސުނާމީ ނިޒާމު ގާއިމުކޮށްފައި ހުންނަނީ މިސްކިތާ ވަރަށް ގާތުގަ އެވެ.
ކައުޘަރު މިސްކިތުގައި ނަމާދުކުރުމުގެ އިތުރުން މިސްކިތުގެ ބޭނުން ގިނައިރު ހިފޭ ގޮތަށް، ރަސްގެފާނުގެ އަމުރަށް ނިޒާމްތަކެއް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން ގުރުއާން ކިޔެވުމާއި ގުރުއާން އުނގަނައިދިނުމަށް މިސްކިތް ބޭނުންކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.