ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ރައީސް އެދިވަޑައިގެންފި

Mar 20, 2023

ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުންވެސް ކަންކަން ނިންމުމުގެ މަރުހަލާއަށާއި، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މިރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުން މިދިޔަ އަހަރު ކަނޑައެޅި ޖެންޑަ އީކުއަލިޓީ އެކްޝަން ޕްލޭންގައިވާ ކަންކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވި ޕްލޭންގެ ލަނޑުދަނޑިތަކުގެ ތެރޭގައި އެކި ދާއިރާތަކުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމާއި، ޖިންސަށް ބިނާކޮށް ދައުރު ކަނޑައެޅުމުގެ އާދަ ބަދަލުކުރުމަށް މަސައްކަތް ރޭވުމާއި، މުއައްސަސާތަކުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންނާއި ފިރިހެނުންގެ މަސްލަހަތަށްވެސް ހަމަހަމަ ގޮތެއްގައި ރިއާޔަތްކޮށްގެން ސިޔާސަތުތައް ކަނޑައެޅުން ހިމެނެ އެވެ.

އަންހެނުން ބާރުވެރިކުރުމުގައި އެމްޓީސީސީގެ ފަރާތުން ކުރަމުން އަންނަނީ ތައުރީފް ހައްގު މަސައްކަތްތަކެއް ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ މިންތީގެ ހަމަހަމަކަމަށް ރިއާޔަތްކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި އިދާރާތަކުގައި މިންގަނޑުތަކެއް ކަނޑައަޅުއްވާފައިވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ޑިޖިޓަލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޯ ޖެންޑާ އީކުއަލިޓީ" އެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މި ޝިއާރުގެ އެންމެ މުހިއްމު އެއް ބޭނުމަކީ އިނޮވޭޓިވް ޓެކްނޮލޮޖީއާއި ޑިޖިޓަލް އެޑިޔުކޭޝަން ކުރިއެރުވުމުގައި ކާމިޔާބީ ހޯދަމުން އަންނަ އަންހެނުންނާއި އަންހެން ކުދިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުން ކަމަށެވެ. އަދި މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އިގްތިސޯދު ސިންދަފާތު ކުރުމަށާއި، އައިސީޓީ، އަދި މިންތީގެ ހަމަހަމަކަން ފަދަ ސަބް-ސެކްޓާތަކަށް ރިއާޔަތްކޮށްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މިހާރު ސަރުކާރުން ފަށާފައިވާ މީރީ ޕްރޮޖެކްޓް ފާހަގަކުރެއްވެވި އެވެ. އަދި ކުޅިވަރުގެ ދާއިރާގައިވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެން ފިރިހެން ތަފާތު ނުކޮށް ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދޭން ފެށުމާއި، ގައުމީ ޓީމުގެ ކުޅުންތެރިން ތަމްރީންތަކަށް ނުވަތަ މުބާރާތްތަކަށް ރާއްޖޭން ބޭރަށް ދާއިރު ދެ އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިޔަކު ގެންދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަންވެސް ފާހަގަކުރެއްވެވި އެވެ.

މީގެ އިތުރުން އަންހެނުން ވަޒީފާގައި ދެމިތިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކާއި އެކި ކުންފުނިތަކުގައި ކުޑަކުދިން ގޮވައިގެން އުޅެވޭނެ ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަދި މަޔަކަށް ވުމަށްފަހު، އަންހެނުންނަށް ފަސޭހަވާނެ ހެން މަސައްކަތުގެ ގަޑިތައް އިދާރާތަކުން ހަމަޖައްސައިދެމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ މުޅި މުޖުތަމައުގައިވެސް، އަންހެނުން ކުރީ ސަފަށް ނެރުމާއި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ރޫހު އުފެދިގެން ދިއުމަށް އުއްމީކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.