ސްޓެލްކޯ

ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ ސްޓެލްކޯއިން ވެސް ދެނީ

ސްޓެލްކޯ ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވިހެއުމުން، ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ އެކުންފުނިން ވެސް މިއަދު ނިންމައިފި އެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އުފާވެރި އާއިލާއެއް ބިނާކުރުމަށް މައިންނަށް ހަމަސް ދުވަހުގެ ޗުއްޓީ އާއި މުސާރަ އަދި ބަފައިންނަށް މުސާރައާއިއކު އެއްމަސް ދުވަހުގެ ޗުއްޓީ ދިނުމަށް އެކުންފުނިން މިހާރު ނިންމާފައިވާ ކަމަށެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުގްނީ ޝަރަފުވެރި ކޮށްދެއްވި ރަސްމިއްޔާތުގައި އެކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒިފުންނަށް ވަނީ ހާއްސަ ޝަރަފުގެ މެޑަލެއް ވެސް ދީފަ އެވެ.

ސްޓެލްކޯގެ ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ނުލާ މުވައްޒަފުންގެ 66 ޕަސަންޓަކީ މިހާރުވެސް އަންހެން މުވައްޒަފުން އެވެ. އަންހެނުން ދުވަހު އެކުންފުނީގެ އެމްޑީ ހަސަން މުގްނީ ދެއްވި ވީޑީއޯ މެސެޖެއްގައި ވިދާޅުވީ، އަމާޒަކީ ކުރިއަށްއޮތް ތަނުގައި ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންގެ 50 ޕަސަންޓަކީ އަންހެނުންނަށް ހެދުން ކަމަށެވެ.