އަންހެނުންގެ ދުވަސް

ވިހެއުމުން ލިބޭ ޗުއްޓީ 4،619 މީހަކަށް

Mar 21, 2023

ވިހެއުމާ ގުޅިގެން ސިވިލް ސާވިސް މުވައްޒަފުންނަށް ލިބޭ ހަމަސް ދުވަހުގެ މެޓާނީ ލީވް 4،619 މީހަކަށް ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިހެއުމާ ގުޅިގެން ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންނަށް ހަމަސް ދުވަހުގެ މެޓާނީ ލީވް އަދި ފިރިހެން މުވައްޒަފުންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ދޭން ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު އެވެ.

ރައީސް ސޯލިހްގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ލީވް ހަމަޖައްސައިދެނީ މުސާރަ ވެސް ލިބޭ ގޮތަށެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ހަތަރު 4،619 މީހަކަށް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ދީފައިވާ ކަމަށެވެ.

އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މިހާރު ސަރުކާރުން ފަށާފައިވާ މީރީ ޕްރޮޖެކްޓް ފާހަގަކުރެއްވެވި އެވެ. އަދި ކުޅިވަރުގެ ދާއިރާގައިވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެން ފިރިހެން ތަފާތު ނުކޮށް ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދޭން ފެށުމާއި، ގައުމީ ޓީމުގެ ކުޅުންތެރިން ތަމްރީންތަކަށް ނުވަތަ މުބާރާތްތަކަށް ރާއްޖޭން ބޭރަށް ދާއިރު ދެ އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިޔަކު ގެންދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަންވެސް ފާހަގަކުރެއްވެވި އެވެ.

މީގެ އިތުރުން އަންހެނުން ވަޒީފާގައި ދެމިތިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކާއި އެކި ކުންފުނިތަކުގައި ކުޑަކުދިން ގޮވައިގެން އުޅެވޭނެ ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަދި މަޔަކަށް ވުމަށްފަހު، އަންހެނުންނަށް ފަސޭހަވާނެހެން މަސައްކަތުގެ ގަޑިތައް އިދާރާތަކުން ހަމަޖައްސައިދެމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ މުޅި މުޖުތަމައުގައިވެސް، އަންހެނުން ކުރީ ސަފަށް ނެރުމާއި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ރޫހު އުފެދިގެން ދިއުމަށް އުއްމީކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.